24 Nov 2025, 11:39
އަންނަ އަހަރު ބަޖެޓަކީ އުފަންވާއިރު ވެސް މަރުވެފައި އޮންނާނެ ބަޖެޓެއް ކަމަށް ވިދާޅުވެ، ކުރަނީ ހުސް ވައްކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ތުހުމަތުކުރައްވައިފިއެވެ.
އަންނަ އަހަރުގެ ބަޖެޓު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން ޣަފޫރު ވިދާޅުވީ، އަންނަ އަހަރު ބަޖެޓުގައި ދަރަންޏަށް ކަނޑައަޅާފައި އޮތް 26 ބިލިއަން ރުފިޔާއަކީ ބޮޑު އަދަދެއް ކަމަށެވެ.
ޣަފޫރު ވަނީ ވަރަށް ފަހުން ބޭންކް އޮފް މޯލްޑިވްސްއިން ސޮއިކުރި 2.7 ބިލިއަން ވައްދާނީ ކޮން ތަނަކަށްތޯ ސުވާލު އުފައްދަވާފައެވެ. އެ ފައިސާއަކީ ދައުލަތުން ދައްކަން ޖެހޭ ފައިސާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މި އަހަރާއި އަންނަ އަހަރުގެ ބަޖެޓުގައި ވެސް އެ ފައިސާ ޖަހާފައި ނެތް ކަމަށެވެ.
އެހެންވީމާ ބަޖެޓު މި ހަދަނީ ކިހިނެއްތޯ މިއަދު އަޅުގަނޑުމެނަށް ސުވާލު އުފެދޭ. ދައުލަތުގެ މައްޗަށް އޮތް ބޮޑު ދަރަންޏެއް އެއީ، 2.7 ބިލިއަން ރުފިޔާއަކީ. މިއީ ލޯ މައްޗަށް ފެންނަން ހުންނަ ބޮޑެތި ވައްކަން އިއްޒަތްތެރި ރައީސްހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ
ޣަފޫރު ވަނީ، އަންނަ އަހަރުގެ ބަޖެޓަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، އެ ބަޖެޓަކީ އިގުތިޞާދީ ދިރުމެއް ނެތް ބަޖެޓެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
2026 ވަނަ އަހަރުގެ ބަޖެޓަކީ އިގުތިޞާދީ ދިރުމެއް ނެތް، ވިހާއިރު ވެސް މަރުވެފައި އޮންނާނެ ބަޖެޓެއް އިއްޒަތްތެރި ރައީސް. އަޅުގަނޑުމެން މިހެން މިބުނަނީ މިކަން އޮތް ގޮތުގެ ވާހަކަ. މި ކަންކަން ސާފުކޮށް ފެންނަން އެބަ އޮތް،ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ
އޭނާ ވިދާޅުވީ، މިދިޔަ އަހަރު ޓެކްސްއާއި ކަސްޓަމްސް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އާމްދަނީގެ ފަސް ޕަސެންޓު ދަށަށް ގޮސްފައިވާ ކަމަށެވެ.
ޓީޖީއެސްޓީ ބޮޑުކުރުމުން ދައުލަތުގެ އާމްދަނީ ބޮޑުވި ނަމަވެސް، ފެންނަނީ އެތެރޭގެ އިގުތިޞާދު ހުއްޓާލާފައި ބާއްވައިގެން ލިބުނު ގެއްލުންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި، އަންނަ އަހަރު ރައްޔިތުންނަށް ކުރިއެރުމެއް ނުލިބޭނެކަން ވަރަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށް ޣަފޫރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދައުލަތުގެ މުއައްސަސާއެއް ހުރިނަމަ، އެ ތަނެއްގެ ހުރީ ފޫވެއްޓިފައި ކަމަށެވެ. އެގޮތުން، ކަސްޓަމްސްއާއި އެމްޕީއެލްއާއި އެއާޕޯޓްސް ކޮމްޕެނީ އޮތީ ފޫވެއްޓިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ސިނގިރޭޓާއި ޑޮލަރުތައް ގެއްލޭއިރު، މިއަށްވުރެ ރަނގަޅަށް ކަންކަން ކުރެވެގެން ޖެހޭނެ ކަމަށް ޣަފޫރު ގަބޫލުކުރައްވައެވެ.
ހަމައެހެންމެ، ދައުލަތުގައި ތިބީ، ވައްކަން ކުރަން ވެސް ނުދަންނަ މީހުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އެ ކަމަކީ ވެސް ގާބިލުކަމާއި ޕްރޮފެޝަނަލްކަން ހުރެގެން ކުރާ ކަމެއް ކަމަށް ވިދާޅުވެ، ޣަފޫރު ވަނީ ފައިސާ ހޯދައިގެން ވައްކަން ކުރަން ނޭނގީ ގައުމަށް ވާނުވާ ނޭނގޭ ކަމަށް ތުހުމަތުކުރައްވާފައެވެ.