އަންނަ އަހަރުގެ ބަޖެޓުގައި ދަރަނި ދެއްކޭނެ ގޮތެއް ނެތް ކަމަށާއި ޚަރަދުކުޑަނުކޮށް ރައްޔިތުންގެ އަނގަޔާއި އަތާ ދިމައެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ، ބަޖެޓު ދިރާސާކުރާ ކޮމިޓީން އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހެޅި ބަޖެޓު، ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހަޅާފައެވެ. އެ ރިޕޯޓަށް ބަހުސްކުރައްވަމުން އައްބާސް ވިދާޅުވީ، އަންނަ އަހަރު ލޯނު ދެއްކޭނެ މަގެއް ފެންނާކަަށް ނެތް ކަމަށާއި ލޯނު ދެއްކޭނީ ލޯނު ނަގައިގެން ކަމަށެވެ.

އެހެންވީމާ ދައުލަތުގެ ޚަރަދު ކުޑަކުރައްވަންވީ. ދައުލަތުގެ ޚަރަދު ކުޑަނުކޮށެއް، ރައްޔިތުން އަނގަޔާއި އަތެއް ދިމައެއް ނުވާނެ. ހަގީގަތުގައި ވެސް ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލަތުގައި އިއްޒަތްތެރި ރައީސް،ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް

2026 ވަނަ އަހަރުގެ ބަޖެޓު ފޮތް: އަންނަ އަހަރުގެ ބަޖެޓުގެ 62 އިންސައްތައަކީ ހިންގުމުގެ ޚަރަދު -- ފޮޓޯ/ މަޖިލިސް

ރާއްޖޭގެ އިގުތިޞާދީ ހާލަތު އޮތް ގޮތަށް ވެސް އައްބާސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރާއްޖޭގެ އިގުތިޞާދުގެ ތެރޭގައި ފައިސާ ދައުރުނުވާ ކަމަށާއި ރާއްޖޭގެ ކޮންސްޓަކްޝަން ދާއިރާ އޮތީ "ޝަޓްޑައުން"ވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ގެދޮރު އަޅަން ލޯނަށް އެދުނު ހައެއްކަ މީހުންނަށް ލިބުނަސް ރަށްރަށުން ދޫކޮށްފައި ހުރި ގޯތިތަކުގައި ގެޅޭނެ ގޮތެއް ނެތިފައި ރައްޔިތުން ތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.

އިތުރަށް އައްބާސް ވިދާޅުވީ، އާބާދީ ބޮޑުކުރެވޭނީ އާއިލާތަކަށް ރަނގަޅު ބޯހިޔާވަހިކަމެއް ލިބިގެން ކަމަށެވެ.

މި އަހަރުގެ ބަޖެޓު ސަރުކާރުން ޚާއްސަކުރީ، ބޯހިޔާވަހިކަމަށެވެ. އައްބާސް ވަނީ، އެ ބަޖެޓު ލީ ކޮންތަނަކަށް ތޯ ސުވާލުއުފައްދަވާފައެވެ.

ކީއްވެގެން ތޯ ހުޅުމާލޭގައި އަޅަން ފަށާފައި ހުރި 4،000 ފުލެޓު މިއަދާ ހަމައަށް ސޮއިކޮށްކޮށްފައި ހަވާލުކުރީމޭ ވިދާޅުވީ. އަދި ތަޅުދަނޑި ލިބުނު އެއްވެސް މީހެއް ނެތް. ދިރިއުޅޭނެ އެއްވެސް އާދަމުގެ ދަރިއަކު ނެތް. މައްސަލައެއް ނެތް ކުރީ ސަރުކާރުން ކޮންމެ ގޮތެއް ހަދާފައި ހުއްޓަސް މި ސަރުކާރުގެ ޒިންމާއެއް އެއީ އެތަންތަނަށް ވަދެެވޭ ގޮތް ހަދައިދިނުމަކީ،އައްބާސް

ގާނޫނަށް ބަދަލު ގެނަޔަސް ދާއިމީ ހައްލު ލިބޭނީ ރައްޔިތުންނަށް އުފާވެރިކަން ލިބުމުންކަން އައްބާސް ފާހަގަކުރެއްވިއެވެ.

އައްބާސް އެ ފަދައިން ވާހަކަދެއްކެވިއިރު، ރާއްޖެއަށް ވަނީ ދަރަނީގެ ކަންބޮޑުވުން ބޮޑުވެފައެވެ. މި އަހަރު ދަރަނި ދެއްކުމަށް، ބަޖެޓުކޮށްފައިވާ ވަރަށް ވުރެ އިތުރަށް ޚަރަދުކޮށްފައިވެއެވެ. އެގޮތުން ބަޖެޓުކުރީ 3.88 ބިލިއަން ރުފިޔާ ނަމަވެސް، 4.44 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

އަންނަ އަހަރު ދަރަންޏަށް 1.1 ބިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އޭގެ ތެރޭގައި އެއް ފަހަރާ ދައްކަން ޖެހޭ 600 މިލިއަން ޑޮލަރު ވެސް ހިމެނެއެވެ. އެ ދަރަނި ދައްކަން ބޭނުންވާ ފައިސާ ހޯދަން ބޮންޑު ނުވަތަ ސުކޫކް ވިއްކުން އަވަސްކޮށް، ސަރުކާރުގެ ޚަރަދުތައް އެންމެ އިސްކަން ދޭން ޖެހޭ ތަރުތީބުން ކުރުމަށް މަރުކަޒީ ބޭންކުން ވަނީ ލަފާ ދީފައެވެ.