ވެސްޓްޕާކް ރެސްޓޯރެންޓާ ދިމާ މޫދުން ބިޔަރު ދަޅުތަކެއް އޮޔާދަނިކޮށް ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ ވެސްޓްޕާކް ސަރަހައްދުގެ މޫދުން ބިޔަރު ދަޅުތަކެއް އޮޔާދާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިގެން އެސަރަހައްދަށް ދިޔަ އިރު ހައެއްކަ ދަޅު އެސަރަހައްދުގެ މޫދުން އޮޔާދާތަން ފެނިފައިވާ ކަމަށާއި އެސަރަހައްދުގެ މޫދުން "ބިންޓޭންގް" ބްރޭންޑްގެ 49 ދަޅު ފުލުހުން ނަގާފައިވާ ކަމަށެވެ.

ނަމަވެސް އެދަޅުތައް އައިސްގެން އުޅޭނީ ކޮންތާކުން ކަމެއް އަދި ކިހާ ދަޅެއް އެސަރަހައްދުގައި އުޅޭ ކަމެއް އަދި ބުނެދޭން ނޭނގޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ފުލުހުން އަދިވެސް ގެންދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

"އެސަރަހައްދުން ހައެއްކަ ދަޅު އޮޔާދާތީ އެބަ ފެނޭ. އެތަނުން އެެއް ދަޅު މިހާރު ވަނީ ނަގާފައި، އަންނަ ދިމާލެއް ނޭނގޭ. ބިޔަރު ދަޅުތަކެއް އޮޔާ ގޮސްގެން ނުވާނެ އެގޮތަށް، އެހެންވެ ފުލުހުން އެބަހަރަކާތްތެރިވޭ،" ހަނީފު ވިދާޅުވި އެވެ.

ވެސްޓްޕާކާ ދިމާ ބޭރު ސަރަހައްދަކީ ގިނަ އަދަދެއްގެ ސަފާރީ ދޯނިފަހަރު އަޅާފައި އޮންނަ ސަރަހައްދަކަށްވާ އިރު އެސަރަހައްދުން ގިނަ އަދަދެއްގެ ރިސޯޓް ލޯން ދަތުރު ކުރެ އެވެ.