24 Nov 2025, 09:41
ކޮންމެ ބަޔަކު ވެސް އެއްވެ އުޅުމުގެ މިނިވަންކަމުގެ ވާހަކަދައްކަނީ ވެރިކަމަށް އަންނަންދެން ކަމަށާއި އެއަށް ފަހު ހުރިހާ ކަމެއް ވެސް ކުރަނީ ބޭނުންވާ ގޮތަކަށް ކަމަށް ވިދާޅުވެ، އެއްވެސް މީހެއްގެ އިޚުލާސްތެރިކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީން ވަނީ ކޮންމެ ތަނަކަށް ވެސް އެއްވެވޭ ގޮތަށް ބަދަލުކުރަން، އެއްވެ އުޅުމުގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅާފައެވެ.
އެ ބިލަށް ބަހުސްކުރައްވަމުން ސަލީމް ވިދާޅުވީ، އެމްޑީޕީން މި ވާހަކަދައްކަވަނީ އިޚުލާސްތެރިކަމެއް ހުރެގެން ކަމަށްވާނަމަ، މިދިޔަ ފަސް އަހަރު އޮންނާނީ އެ ގާނޫނު އުވާލާފައި ކަމަށެވެ. އެކަމަކު، މަޖިލީހަށް ހުށަހެޅުމުން ވެސް އެމްޑީޕީގެ ބާރު އޮވެ، އެކަން ނުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، 2016 ވަނަ އަހަރު އެއްވެ އުޅުމާ ބެހޭ ގާނޫނު ފާސްކުރިއިރު އެ ކަމާ ދެކޮޅު ހެއްދެވި ކަމަށެވެ.
އެކަމަކު، އެއަށް ފަހު އެމްޑީޕީއަށް ލިބުނު ފަސް އަހަރު އެއްވެ އުޅުމުގެ މިނިވަންކަން ކަށަވަރުކޮށްދޭން ނޫޅޭ ކަމަށާއި އެއްވެ އުޅުން ހަނިވާ ގޮތަށް އޮތް ގާނޫނު އުވާލަން މަސައްކަތް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ، އިދިކޮޅުގައި ތިބޭއިރު ދައްކާ ވާހަކައެއް ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
"އަޅުގަނޑުމެން ކޮން ވާހަކައެއްތޯ މި ދައްކަނީ؟ ކޮންމެ ބައެއް ވެސް އެ ބައެއްގެ ބާރު ލިބުމާ އެކީގައި ގާނޫނުއަސާސީ ވެސް ފުރޮޅާލައި، ދެން ހުރި ތަނެއް ވެސް ދުއްވާލަނީ. މިއީ ނޫންތޯ މި ހަދާ އެއްޗަކީ؟" އޭނާ ނުރުހުން ފާޅުކުރެއްވިއެވެ.
ސަލީމް ވިދާޅުވީ، ކޮންމެ ބަޔަކު ވެސް މި ފަދަ ވާހަކަތައް ދައްކަނީ އަމިއްލަ އެދުމުގައި ކަމަށެވެ. އެހެންވެ، ރަނގަޅުވާނީ މި ވާހަކަ ނުދެއްކިއްޔާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ހަމަ ކޮންމެ ބަޔަކު ވެސް އެ ބައެއްގެ އަމިއްލަ އެދުމުގެ މައްޗަށް މި ވާހަކަދައްކަނީ. އެހެންވީމާ އެ ވާހަކަ ނުދައްކަމާ ހިނގާ. ނުދައްކާފައި، އެ ބަޔަކު ބޭނުންވާ ގޮތަށް އެ ބަޔަކު ކަން ކުރީމާ ނިމުނީނުން. ކީއްކުރަންތޯ މި ވާހަކަދައްކަނީ؟" އޭނާ ފާޑުވިދާޅުވިއެވެ.
"ކޮންމެ ބަޔަކު ވެސް ވެރިކަން ނުލިބޭހާ ހިނދަކު މި ހުރިހާ ވާހަކައެއް ދައްކަމުންދާނެ. ހުރިހާ ސަކަރާތެއް ޖަހާނެ. ހަމަ ވެރިކަން ލިބުމާ އެކީގައި އެ ދިޔައީ."

އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް: އޭނާ ވަނީ އިޚުލާސްތެރި އެކަކު ވެސް ނެތް ކަމަށް ވިދާޅުވެފައި -- ފޮޓޯ/ މަޖިލިސް
އޭނާ ވިދާޅުވީ، ކޮންމެ ބަޔަކު ވެސް ވެރިކަން ކުރާނީ އެ ބަޔަކު ބޭނުންވާ ގޮތަށް ކަމަށެވެ. އެހެންވެ، އެ ބަޔަކު ބޭނުންވާ ގޮތަކަށް ވެރިކަން ކުރީމާ ނިމުނީ ކަމަށާއި އެ ގޮތް ކަމުނުދާ ނަމަ ރައްޔިތުން އެ ވެރިކަމެއް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަކު، ސަލީމް ވަނީ އެއްވެ އުޅުމުގައި ވެސް ހަމަތަކެއް ގެންގުޅެންޖެހޭކަން ފާހަގަކުރައްވާފައެވެ. އެހެންވެ، މިހާރު އޮތް ގޮތަށް އެއްވެ އުޅުމުގެ ގާނޫނު ބާއްވަން ތާއީދުކުރައްވާ ފަދަ މޭރުމަކުން އޭނާ ވާހަކަދެއްކެވިއެވެ. އަދި، ޖާހިލިއްޔަ ޒަމާނުގައި ވެސް އެއްވެ އުޅުނީ އުސޫލެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.