ޕާޓީ ހިންގުމުގައި ހުރިހާ ވަގުތެއްގައި ވެސް ބުރަކޮށް އުޅުއްވި ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޗެއާޕާސަން ކަމުން އިސްތިއުފާދެއްވި ފައްޔާޒް އިސްމާއިލަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު ޝުކުރު އަދާކުރައްވައިފިއެވެ.

މެއި 23، 2022ގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ހޮވިވަޑައިގަތް ފައްޔާޒް، އެ މަގާމުން އިސްތިއުފާދެއްވީ، ރޭގައެވެ.

ފައްޔާޒު އިސްތިއުފާދެއްވިކަން އެނގުނީ ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައެވެ. ޕާޓީގެ ޗެއާޕާސަންކަމުން އިސްތިއުފާދެއްވި ނަމަވެސް ފައްޔާޒު އަދިވެސް ހުންނެވީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައެވެ.

އެ ކަމާ ގުޅިގެން ޞާލިހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ފައްޔާޒްގެ ޗެއާޕާސަންކަމުގެ ދައުރު ވެގެންދިޔައީ ސަރުކާރު ހިންގާ ޕާޓީއެއް ގޮތުގައާއި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި އޮވެ މަސައްކަތް ކުރަން ޖެހުނު ދުވަސްވަރަކަށް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން، އެ ހުރިހާ ވަގުތެއްގައި، ބައެއް ފަހަރު އުނދަގުލާއެކު ވެސް ޕާޓީ ހިންގެވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިކަން ޞާލިހު ފާހަގަކުރެއްވިއެވެ. އެ މަސައްކަތްތައް ޕާޓީގެ ހުރިހާ މެންބަރުން ބަލައިގަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މަނިކުފާނަށް އަޅުގަނޑު އެދެނީ ބާއްޖަވެރި ދުވަސްތަކެކެވެ. ކުރިއަށް އޮތް ތަނުގައި ވެސް އަލަށް އިންތިޚާބުވާ ޗެއާޕާސަނަކަށް މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާނެއެވެ. އެމްޑީޕީ އަށް އަބަދުވެސް ކުރިއެރުން އެދެމެވެ" ޞާލިހު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޞާލިޙާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް: ސޯލިހު ވަނީ ފައްޔާޒު އެމްޑީޕީއަށް ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައި -- ފޮޓޯ/ އެމްޑީޕީ

އޭގެއިތުރަށް، އެ މަނިކުފާނު ވަނީ، ޗެއާޕާސަން ކަމުގައި ހުންނަވައިގެން ފައްޔާޒް ކުރެއްވި މަސައްކަތަށް ޝުކުރު ދަންނަވާފައެވެ.

ފައްޔާޒަކީ ޕާޓީގެ ހައްގުގައި ގިނަ ގުނަ ޚިދުމަތްތައް ކޮށްދެއްވާފައިވާ އަދި އެއްވެސް ޖެހިލުންވުމެއް ނެތި، ޖަލަށް ވެސް ވަޑައިގެންނެވި ބޭފުޅެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ތައުރީފުކުރައްވާފައެވެ.

ފައްޔާޒުގެ އިސްތިއުފާ ސިޓީގައި ވިދާޅުވި ގޮތުގައި 2023ގައި ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ކުރީގެ ރައީސް ނަޝީދު ވާދަ ކުރައްވާނެ ކަމަށް ބެލެވުނެވެ. އެ ދެ ބޭފުޅުން ވާދަ ކުރެއްވުމުގެ ނަތީޖާއަކީ ފަހުން އެމްޑީޕީން ހިތާމަކުރަން ޖެހިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2023ގައި ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީ ދެބައިވެގެން ގޮސް މުހިންމު މެންބަރުންތަކެއް ޕާޓީން ވަކިވެގެން ދިޔައިރު ވެސް ފައްޔާޒު ހުންނެވީ އެމްޑީޕީއާ އެއްކޮޅަށެވެ. އަދި ފައްޔާޒަކީ މީގެ ކުރިން އެމްޑީޕީ ނޫން އެހެން އެއްވެސް ޕާޓީއެއްގައި އުޅުއްވި ބޭފުޅެއް ވެސް ނޫނެވެ.