24 Nov 2025, 11:53

ވިލިމާލޭގެ ފުޓުބޯޅަ ދަނޑު އަޕްގްރޭޑުކޮށް ފީފާ ފެންވަރުގެ ސްޓޭޑިއަމަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ މާލޭގެ ހުރިހާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފައްޓަވާފައިވާ ޕްރޮގްރާމްގެ ތެރެއިން ވިލިމާލޭ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މާލޭ ސަރަހައްދުގައި މިހާރު ފުޓުބޯޅައިގެ ޕްރެކްޓިސްތަކަށް ގިނަ ކުލަބުތަކަކާއި އެކަޑަމީތަކުން ވިލިމާލޭގެ ފުޓުބޯޅަ ދަނޑު ބޭނުންކުރެއެވެ.
ކޮރެއާގެ ކުންފުންޏަކާ ހަވާލުކޮށް ވިލިމާލޭގެ ފުޓުބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ނިމި، ބޭނުންކުރަން ފެށީ 2021 ވަނަ އަހަރުގައެވެ. އޭރު އެފްއޭއެމުން އެ ދަނޑު ބޭނުންކުރީ ބާކީ ހުރި ފެސިލިޓީތައް ނުނިމެނީހެވެ. އޭގެފަހުން އެ ފެސިލިޓީތަކުގެ އަޕްޑޭޓެއް އެފްއޭއެމުން ނުދެއެވެ.
އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ ކަމަށްވާ އޭއެފްސީގެ ރައީސްގެ ހާއްސަ ޕްރޮޖެކްޓެއް ކަމަށްވާ އޭއެފްސީ ޕްރެޒިޑެންޓްސް އިންފްރާސްޓްރަކްޗަރ އިނީޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން ވިލިމާލޭގައި ގާއިމުކުރި މި ދަނޑު ހަދަން ޕްލޭންކުރީ ޓްރެއިނިންގ ސެންޓަރެއްގެ ގޮތުގައެވެ. އެއީ އެކޮމޮޑޭޝަން ބިލްޑިންގ އަކާއި ފެސިލިޓީ ބިލްޑިންގ އެއް ހިމެނޭ ގޮތަށެވެ. އެ ފައިސާވެސް އޭރު އޭއެފްސީން އެފްއޭއެމަށް ދިނެވެ.

ނަމަވެސް މަސައްކަަތައް ނިިމި، ދަނޑު ހުޅުވިއިރު ހަދާފައިވަނީ ހަމައެކަނި ކުޑަ މިންވަރެކެވެ. އެއީ ޗޭންޖިން ރޫމްތަކަކާއި އިދާރީ ބައެއް ކަންކަން ކުރާނެ ތަންކޮޅެކެވެ. އަދި ފެންވަރު ރަނގަޅު ޓާފެއް ވަނީ އަޅާފައެވެ.
މި ދަނޑާއި ގުޅޭގޮތުން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަޖެޓުގައި އެކަން ހިމަނުއްވާނެ ކަމަށެވެ.
މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އަންނަ އަހަރު ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް ވެސް ވިދާޅުވެފައެވެ.
ސަރުކާރުގެ ކުޅިވަރު ސިޔާސަތުތަކުގެ ތެރެއިން ގިނަ ރަށްތަކެއްގައި މިހާރުވެސް މަސައްކަތްތައް ކުރިއަށްދެއެވެ. ނަމަވެސް އެންމެ އެކަށީގެންވާ ބާރުމިނުގައި މަސައްކަތްތައްް ކުރިއަށްނުދާ ކަމުގެ ޝަކުވާތަކެއް ދަނީ ފެންމަތިކުރަމުންނެވެ.