ސްނެޕްޗެޓުން އުމުރު ސާބިތުކުރުމަށް ބޭންކާ ގުޅިފައިވާ ވަސީލަތެއް ތަޢާރަފުކޮށްފިއެވެ.

އޮސްޓްރޭލިއާގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމުގެ ޤާނޫނެއް އަންނަ މަހު ތަންފީޒުކުރަން ފަށާއިރު، ސްނެޕްޗެޓް ހިންގާ ކުންފުނި ކަމަށްވާ ސްނެޕް އިން ވަނީ އޮސްޓްރޭލިއާގެ ރައްޔިތުންނަށް އެމީހުންގެ އުމުރު ސާބިތުކުރުމަށްޓަކައި މި ސޮފްޓްވެއާ ބޭނުންކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

މި ޤާނޫނަކީ ބިގް ޓެކް ކުންފުނިތަކަށް އަމާޒުކޮށްފައިވާ އެންމެ ހަރުކަށި އެއް ޤަވާއިދެވެ. މި ޤާނޫނުގެ ދަށުން ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތައް ކުރެވޭނެއެވެ.

ސްނެޕް ކުންފުނިން ބުނެފައިވާ ގޮތުގައި، މި ހަފްތާގައި ސްނެޕްޗެޓް ބޭނުންކުރާ ފަރާތްތަކަށް މެސެޖު ފޮނުވައި، އެމީހުންގެ އުމުރު 16 އަހަރު ނުވަތަ އެއަށްވުރެ މަތިކަން ސާބިތުކުރުމަށްޓަކައި ބޭންކް އެކައުންޓްތަކާ ގުޅިފައިވާ "ކަނެކްޓްއައިޑީ" އެޕްލިކޭޝަން ޑައުންލޯޑްކުރުމުގެ އިޚްތިޔާރު ދޭނެއެވެ.

ކަނެކްޓްއައިޑީއިން، އެއްވެސް ޒާތެއްގެ ސެންސިޓިވް މައުލޫމާތެއް އަޕްލޯޑްކުރުމަކާ ނުލައި އުމުރު ސާބިތުކުރެވޭނެ ގޮތެއް ހަމަޖައްސައިދެއެވެ. އަދި އުމުރު ސާބިތުކުރުމަށް ސިންގަޕޫރުގެ އުމުރު ކަށަވަރުކުރާ ކުންފުނި ކަމަށްވާ ކޭ-އައިޑީގެ ސޮފްޓްވެއާ ބޭނުންކުރުމުގެ ފުރުޞަތު ވެސް ސްނެޕް އިން ދޭނެއެވެ.

ސްނެޕްޗެޓް އަކީ މި ޤާނޫނުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާ ޕްލެޓްފޯމެވެ. އެ ކުންފުނިން ބުނާ ގޮތުގައި އޮސްޓްރޭލިއާގައި 13 އަހަރާއި 15 އަހަރާ ދެމެދުގެ 440,000 އެއްހާ މީހުން ސްނެޕްޗެޓް ބޭނުންކުރެއެވެ.

މި ޤާނޫނު ތަންފީޒުކުރަން ފަށާ ޑިސެމްބަރު 10 ގެ ކުރިން، އިންސްޓަގްރާމް، ފޭސްބުކް އަދި ތްރެޑްސް ހިންގާ މެޓާ ކުންފުނިން ވެސް ވަނީ އުމުރުން ދަށުގެ އެކައުންޓްތައް ޑިއެކްޓިވޭޓްކުރަން ފަށާނެ ކަމަށް ބުނެފައެވެ.