24 Nov 2025, 09:40
ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާއެއްގައި ލުބުނާނުގެ ހަތިޔާރުއެޅި ޖަމާއަތް، ހިޒްބުﷲ ގެ އެންމެ އިސް އަސްކަރީ ކޮމާންޑަރު ހައިޘަމް ޢަލީ ޠަބަޠަބީ އަވަހާރަވެފައިވާކަން އެ ޖަމާއަތުން ކަށަވަރުކޮށްދީފިއެވެ.
ބެއިރޫތުގެ ދެކުނުގައި ހުންނަ ހިޒްބުاللهގެ ބާރުގަދަ ދަހިޔޭގެ މީހުން ދިރިއުޅޭ އިމާރާތަކަށް އިއްޔެ ދިން ހަމަލާގައި މަރުވި ފަސް މީހުންގެ ތެރޭގައި އެ ޖަމާއަތުގެ ހަތިޔާރު އެޅި ގޮފީގެ ޗީފް އޮފް ސްޓާފް ޠަބަޠަބީ ހިމެނެއެވެ.
ހިޒްބުالله އިން ނެރުނު ބަޔާނެއްގައި ބުނީ އިސް ކޮމާންޑަރު ޠަބަޠަބީ މަރުވީ ބެއިރޫތުގެ ދެކުނު ސަރަހައްދުގައި އޮންނަ ހަރެތު ހްރެއިކް ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކަމަށެވެ.
ހިޒްބުاللهގެ އިސް އޮފިޝަލް މަހްމޫދު ޤުމަތީ ވިދާޅުވީ އިސްރާއީލުގެ އެ ހަމަލާ "ރަތް ރޮނގު" ހުރަސްކޮށްފައިވާ ކަމަށާއި އެ ހަމަލާގެ ރައްދު ދޭން އެ ޖަމާއަތުން ވިސްނަމުންދާ ކަމަށެވެ.

އިސްރާއީލުގެ އެ ހަމަލާގައި ހިޒްބުﷲ ގެ ވެރިޔާ ހައިތަމް އަލީ ތަބަތާބީ ވަނީ އަވަހާރަކޮށްލާފައި. ފޮޓޯ/އޭއެފްްޕީ
ޠަބަޠަބީ އަކީ ދެ ފަރާތުގެ ދެމެދުގައި އަހަރަކަށްވުރެ ގިނަ ދުވަހު ހިނގާފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މިދިޔަ އަހަރު ނޮވެމްބަރު މަހު އެއްބަސްވުމަކަށް އަމަލުކުރަން ފެށި ފަހުން އިސްރާއީލުން މަރާލި އެންމެ އިސް ހިޒްބުالله ކޮމާންޑަރެވެ.
ޠަބަޠަބީ އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ވެސް ވަނީ ބުނެފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން މީގެ ކުރިން ވަނީ ހަމަލާގެ އަމާޒަކީ އޭނާ ކަމަށް ބުނެފައެވެ. އިސްރާއީލުގެ މީޑިއާއިން ބުނީ މިއީ މިދިޔަ އަހަރުގެ ހަނގުރާމައިގެ ފަހުން އޭނާ މަރާލަން އަސްކަރިއްޔާއިން މަސައްކަތްކުރި ތިން ވަނަ ފަހަރު ކަމަށެވެ.
ޠަބަޠަބީ އަކީ 1968 ވަނަ އަހަރު ބެއިރޫތަށް އުފަންވި މީހެކެވެ. އޭނާގެ މަންމައަކީ ލުބުނާނު ރައްޔިތެކެވެ. އަދި ބައްޕައަކީ އީރާނު ރައްޔިތެކެވެ. އޭނާ ބޮޑުވީ ލުބުނާނުގެ ދެކުނުގައެވެ. ހިޒްބުﷲ އާ ގުޅިވަޑައިގަތީ އުމުރުން 12 އަހަރުގައެވެ.
އިސްރާއީލުން ބެއިރޫތަށް ދިން އެ ހަމަލާގައި ފަސް މީހަކު މަރުވިއިރު، 28 މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް ލުބުނާނުގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކުރެއެވެ.
އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުން އެ ހަމަލާ ދިނީ އެއްވެސް އިންޒާރެއްވެސް ނުދީއެވެ.
އިސްރާއީލުން ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން ބެއިރޫތުގެ ދެކުނަށް ދިން ވައިގެ ހަމަލާއެއްގައި ލުބުނާނުގެ ލީޑަރު ހަސަން ނަސްރުﷲ ވެސް އަވަހާރަކޮށްލާފައެވެ.