ބޮލީވުޑް ބަތަލާ ޝްރައްދާ ކަޕޫރު ދާދިފަހުން މަސައްކަތް ފެށި ފިލްމު "އީތާ"ގެ ޝޫޓިން ތެރޭ ބަތަލާއަށް އަނިޔާވެ ފިލްމުގެ މަސައްކަތް މެދުކަނޑާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ބުނެފައިވާ ގޮތުން ޝްރައްދާއަށް އަނިޔާވެފައިވަނީ ފިލްމުގައި ދައްކާ "ލަވާނީ" މިއުޒިކާ ގުޅުންހުރި ނެށުމުގެ މަންޒަރެއް ނެގުމުގެ ތެރޭގައެވެ. "ލަވާނީ" ނެށުމަކީ އިންޑިއާގެ މަހާރަޝްތުރާގައި ފާހަގަކޮށްލެވޭ ސަޤާފީ ފޯކް ޑާންސްގެ ވައްތަރެކެވެ.

މި މިއުޒިކަކީ ވަރަށް އަވަސް ނެށުންތަކެއް އޭގައި ހިމެނޭ މިއުޒިކަށްވެފައި މި މަންޒަރު ނެގިއިރު ޝްރައްދާ ލައިގެން ހުރީ ވަރަށް ބަރު ކޮސްޓިއުމެއްގައި ކަމުން ބަތަލާއަށް އަނިޔާވުމަށް މަގުފަހިވީ އޭގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގެ ކުރީގެ މަޝްހޫރު ކްލެސިކަލް ނެށުންތެރިޔާ ވިތަބާއީ ނަރަޔަންގައޮންކަރު އަދި ބަތަލާ ޝްރައްދާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "އީތާ"ގައި ޝްރައްދާ ކުޅެނީ އިންޑިއާގެ ކުރީގެ މަޝްހޫރު ކްލެސިކަލް ނެށުންތެރިޔާ ވިތަބާއީ ނަރަޔަންގައޮންކަރުގެ ކެރެކްޓާއެވެ. މި ފިލްމަކީ ވިތަބާއިގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބައޮޕިކްއެކެވެ.

ފިލްމު "އީތާ"ގައި ބަތަލާ ކުޅޭ ކެރެކްޓާއަށް ތައްޔާރުވުމުގެ ގޮތުން ޝްރައްދާ ވަނީ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބަރުދަން 15 ކިލޯއަށް އިތުރުކޮށްފައެވެ.

މި ފިލްމަކީ މި އަހަރު ރިލީޒްކުރި ބޮލީވުޑް ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޗާވާ"ގެ ޑައިރެކްޓަރު ލަކްޝްމަން އުތޭކަރުގެ ފިލްމެކެވެ. މި ފިލްމުގެ ޝޫޓިން ފެށިފައިވީ ނަމަވެސް ފިލްމާ ގުޅޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް އިއުލާނުކޮށްފައެއް ނުވެއެވެ.

މީގެ ކުރިން ވެސް ލަކްޝްމަން އުތޭކަރުއާ އެކު މަސައްކަތް ކޮށްފައިވާ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ "އިސްތިރީ 2"އެވެ. މިދިޔަ އަހަރު ގެނެސްދިން މި ފިލްމަކީ މަޝްހޫރު ފިލްމު ކުންފުނި މެޑޮކް ފިލްމްސްގެ އެންމެ ކާމިޔާބު އެއް ފިލްމު ފްރެންޗައިސްއެވެ. މި ފްރެންޗައިސްގެ ތިންވަނަ ފިލްމެއް ވެސް ގެނެސްދޭނެކަން އެ ސްޓޫޑިއޯއިން ވަނީ އިއުލާނުކޮށްފައެވެ.