ތިލަފުށީ ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) މިއަދު މެންދުރު ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ހަސަން ހަނީފު މިއަދު ވިދާޅުވީ އޯކޭ ޒާހިރު މިއަދު މެންދުރު ދޫކޮށްލީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސުވާލުތައްކޮށް ނިމުމުން ކަމަށެވެ.

"ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސުވާލުތައް ކުރުމަށް ފަހު މިއަދު މެންދުރު އޭނާ ވަނީ ދޫކޮށްލާފައި،" ހަނީފު ވިދާޅުވި އެވެ.

ހަނީފް ވިދާޅުވީ އޭނާ ހައްޔަރު ކުރީ އިސްލާމިކް މިނިސްޓަރު ޝެއިޚު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިފުޅާ މަގުމަތިން ދިމާކުރި ކަމަށް ބުނެ މިނިސްޓަރު ފުލުހުންނަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރުމަށް ކަމަށެވެ.

މިނިސްޓަރު ޝަހީމުގެ ދަރިކަލުން އަބްދުﷲ މާހިލް މުހައްމަދު ޝަހީމް،9، ސްކޫލް ނިމިގެން ކާރުގައި ގެ ކައިރިއަށް ފޭބި ވަގުތު ދަރިފުޅުގެ ކަރާމަތަށް އުނިކަން އަންނަ ފަދަ ބަސްތައް ބޭނުން ކޮށްގެން ޒާހިރު މުހާތަބުކުރި ކަމަށް ވިދާޅުވެ، ޝަހީމް ވަނީ އެ މައްސަލަ ބަލައި ދިނުމަށް ފުލުހުންގެ އިތުރުން ހިޔުމަން ރައިޓްސް ކޮމިޝަނަށް ވެސް ހުށަޅުއްވާފަ އެވެ.

އޯކޭ ޒާހިރު މިއަދު ދޫކޮށްލާފައި ވަނީ 16 ދުވަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.