އިންޑިއާގެ ކުޅަދާނަ ފެޝަން ޑިޒައިނަރު މަނީޝް މަލްހޯތުރާ ފުރަތަމަ ފަހަރަށް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފިލްމު "ގުސްތާކް އިޝްޤް"ގެ ލީޑް އެކްޓަރު ވިޖޭ ވަރުމާއަކީ އެ ފިލްމަށް އެންމެ އެކަށީގެންވާ އެކްޓަރު ކަމަށް މަނީޝް ބުނެފިއެވެ.

އިންޑިއާޓުޑޭއަށް ދިން އިންޓަވިއުއެއްގައި މަނީޝްގެ ފުރަތަމަ ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން ބުނީ، ވިޖޭއަކީ މިފަހަކަށް އައިސް ބޮލީވުޑުން ފެންނަ އެކްޓަރުންގެ ތެރޭ ހިމެނޭ އެންމެ ހުނަރުވެރި އެއް ފަންނާނު ކަމަށެވެ.

ހަމައެއާއެކު ވިޖޭގެ ކިބައިގައި 90އިގެ އަހަރުތަކުގައި އެކްޓަރު ޝާހްރުކް ޚާންގެ ލޯބީގެ ފިލްމުތަކުން ދެއްކި ހުނަރު އެބަހުރި ކަމަށް ގަބޫލުކުރާ ކަމުގައި މަނީޝް ވަނީ ބުނެފައެވެ. އެއީ، މިހާރުގެ ގިނަ އެކްޓަރުންގެ ފަރާތުން ނުފެންނަ ހުނަރެއް ކަމަށާއި "ގުސްތާކް އިޝްޤް"އަށް ވިޖޭ ހޮވި އެންމެ ޚާއްސަ އެއް ސަބަބަކީ އެއީ ކަމަށް ބޮލީވުޑްގެ ފެޝަން ޑިޒައިނަރު ވަނީ ބުނެފައެވެ.

ފިލްމު "ގުސްތާކް އިޝްގް"ގެ ޕޯސްޓަރެއް--ފޮޓޯ/މިޑްޑޭ

ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި މިއުޒިކަލް ރޮމޭންޓިކް ޑްރާމާއަށް ބޭނުންވީ 'އޯލްޑް ސްކޫލް' ގޮތްގަނޑު ހުންނަ، އެހެންނަމަވެސް މި ޒަމާނުގެ ޒުވާނުންނަށް ކަމުދާނެ ކަހަލަ ކެރެކްޓާ ދައްކުވައިދޭނެ އެކްޓަރެއް ކަމަށާއި ވިޖޭއަށްވުރެ ރަނގަޅަށް އެ ރޯލް ދައްކުވައިދެވޭނެ އެކްޓަރެއް ނެތް ކަމަށް މަނީޝް ވަނީ ބުނެފައެވެ.

މި އަންނަ ހުކުރު ދުވަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ "ގުސްތާކް އިޝްޤް"އިން ވިޖޭއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ ފާތިމާ ސަނާ ޝައިހެވެ. ފާތިމާއާއި ވިޖޭގެ ލޯބީގެ ގުޅުމެއް އޮތްކަމުގެ އަޑުތަކެއް ވެސް އަރާފައިވާއިރު ދެ ތަރިންގެ އޮން ސްކްރީން ކެމިސްޓްރީއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

ކުރީގެ އެކްޓަރު ނަސީރުއްދީން ޝާހް ވެސް މުހިންމު ރޯލަކުން ފެންނާނެ މި ފިލްމު 'އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް އޮފް އިންޑިއާ'ގައި މިއަދު ޕްރީމިއާކުރަން ވަނީ ނިންމާފައެވެ.