24 Nov 2025, 08:45
ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ފިލްމު "ސްޕިރިޓް"ގެ ޝޫޓިން ފެށިކަން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
އިއްޔެ ފިލްމުގެ ޝޫޓިންގް ފަށާފައިވާއިރު އެކަން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދީފައިވަނީ ސައުތު ސިނަމާގެ ލެޖެންޑަރީ އެކްޓަރު ޗިރަންޖީވީއެވެ.
މި ހަފުލާގައި ފިލްމުގެ ލީޑް ރޯލް ޕްރަބާސް، ބަތަލާގެ ރޯލް ކުޅޭ ތުރިޕްތީ ދިމްރީގެ އިތުރުން ބޫޝަން ކުމާރު، ޕްރަނާއި ރެޑީ ވަންގާ، ޝިވް ޗަނާނާ އަދި ސަންދީޕް ރެޑީ ވަންގާ ވެސް ބައިވެރިވިއެވެ.

ފިލްމު "ސްޕިރިޓް"ގެ ޝޫޓިންގް ފެށުމުގެ ރަސްމިއްޔާތުގައި ފިލްމުގެ ޕްރޮޑަކްޝަން ޓީމް--ފޮޓޯ/ބޮލީވުޑްހަންގާމާ
މި ފިލްމަކީ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ އެކްޓަރު ޕްރަބާސްއާ އެކު މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ފިލްމު "ސްޕްރިޓް"ގެ ޝޫޓިން ރަސްމީކޮށް ފެށިއިރު މި ފިލްމު އިއުލާނުކުރިތާ ވެސް މިހާރު ތިން އަހަރު ވަނީ ވެފައެވެ. ފިލްމުގެ ޝޫޓިން މިދިޔަ އޮކްޓޯބަރު މަހު ފަށާނެ ކަމަށް ވެސް ބައެއް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ޕްރަބާސް ޕޮލިސް އޮފިސަރެއްގެ ރޯލުން ކުށްވެރިއެއްގެ ރޯލަށް ބަދަލުވާ މި ފިލްމުން އެކްޓަރު ފެންނާނީ ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ކަމަށް ފިލްމީ ރިޕޯޓުތައް ބުނެއެވެ. ޓީ-ސީރީސްއާއި ބަދުރާކަލީ ޕިކްޗާސް ގުޅިގެން ގެނެސްދޭ މި ފިލްމަކީ މިހާތަނަށް ސަންދީޕް ގެނެސްދޭ އެންމެ ވަރުގަދަ އެކްޝަން ފިލްމެވެ.
މި ފިލްމުގެ ބަތަލާގެ ރޯލް އެންމެ ފުރަތަމަ ހުށަހެޅީ ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯންއަށެވެ. ފިލްމަށް ސޮއިކުރާނެކަމުގެ ފެހި ސިގުނަލް ދީފައި އޮއްވާ ފިލްމުގެ މަސައްކަތް މަޑުޖައްސާލަން ޖެހުނީ ބަތަލާ އަލަތު ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެންނެވެ.
ވިހެއުމަށް ފަހު އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުތް ނަމަވެސް ދީޕިކާއާއި ފިލްމުގެ ޑައިރެކްޓަރު ސަންދީޕާ ދެމެދު އުފެދުނު ދެބަސްވުންތަކާ ގުޅިގެން ބަތަލާ ވަނީ "ސްޕިރިޓު" ފިލްމު ދޫކޮށްލާފައެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރެވެ.