ފިލްމު ޑައިރެކްޓަރު އަދި އެކްޓަރު ފަރުހާނު އަހްތަރުގެ ހުވަފެނީ ފިލްމު "ޖީ ލޭ ޒަރާ" އުފެއްދުމަށް ޕްލޭންކުރި ދުވަސްވަރު ވަރަށް ގިނަ ފިލްމުތަކުން ފުރުސަތު ލިބުނު ކަމަށް އެކްޓަރު ބުނެފިއެވެ.

ފިލްމު "ޖީ ލޭ ޒަރާ" އުފެއްދުމަށް ފަރުހާން ނިންމީ 2021 ވަނަ އަހަރު އޭނާ ލީޑް ރޯލް ކުޅުނު ކުޅިވަރު ފިލްމު "ތޫފާން"އަށް ފަހު ކަމަށާއި އޭގެ ފަހުން ވަރަށް ގިނަ ޕްރޮޑިއުސަރުންގެ ހުށަހެޅުން ލިބުނު ކަމަށް ފަރުހާން ވަނީ ބުނެފައެވެ.

އެހެންނަމަވެސް، އޭރު ވިސްނުމުގައި ހުރީ ފިލްމެއް ޑައިރެކްޓްކުރުމަށް ކަމަށާއި އެ މަސައްކަތުގައި އުޅެމުން އެހެން ފިލްމެއްގައި އެކްޓަރެއްގެ ގޮތުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ޕްރޮޑިއުސަރުން ގާތު ބުނި ކަމަށް ފަރުހާން ވަނީ ބުނެފައެވެ.

ފިލްމު "ޖީ ލޭ ޒަރާ"ގެ ޕޯސްޓަރެއް--ފޮޓޯ/ޕިންކްވިލާ

އޭރު ވަރަށް ރަނގަޅު ރޯލްތައް ކުޅެން ފުރުސަތު ލިބުނު ނަމަވެސް އެ ހުރިހާ ފުރުސަތެއް ދޫކޮށްލީ "ޖީ ލޭ ޒަރާ"ގެ މަސައްކަތް ފެށޭނެކަމުގެ އުންމީދުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ. އެހެންނަމަވެސް، އެ ހުރިހާ އުންމީދުތަކެއް ވިއްސިވިހާލިވެ ފިލްމު "ޖީ ލޭ ޒަރާ"ވީ ހުވަފެނީ ފިލްމަކަށް ކަމަށް މަޝްހޫރު ފްރެންޗައިސް "ޑޮން"ގެ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ފިލްމެއް ޑައިރެކްޓް ނުކުރާތާ މިހާރު 12 އަހަރުވެފައިވާއިރު ދެން ފިލްމެއް ޑައިރެކްޓް ކުރެވިދާނެތޯ އަމިއްލަ ނަފުސާ ސުވާލު ކުރެވުނު ކަމަށް ވެސް ފަރުހާން ވަނީ ބުނެފައެވެ. ފަރުހާން އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ 2011 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޑޮން"އެވެ.

ފިލްމު "ޖީ ލޭ ޒަރާ"އަކީ ހުވަފެނީ ފިލްމަކަށްވީ ނަމަވެސް އެއީ އޭނާ ވަރަށް ބޮޑަށް އުފައްދަން ބޭނުންވާ ފިލްމެއް ކަމަށާއި ކޮންމެ ވެސް ދުވަހަކު އެ ފިލްމު ބެލުންތެރިންނަށް ގެނެސްދެވޭނެކަމުގެ ޔަގީންކަން އަދިވެސް އެބައޮތް ކަމަށް ފަރުހާން ވަނީ ބުނެފައެވެ.

ފަރުހާން އެ ފިލްމު އިއުލާނުކުރީ ފިލްމީ ތަރިން ކަމަށްވާ ޕްރިޔަންކާ ޗޯޕްރާ، ކެޓްރީނާ ކައިފް އަދި އާލިއާ ބަޓް ލީޑް ރޯލުން ފެންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް، އެ ތިން ބަތަލާއިންނަށް ފިލްމަށް ވަގުތު ދެވެން ނެތުމާ ގުޅިގެން ފިލްމު ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކުރަން މަޖުބޫރުވީ ކަމަށް ފަރުހާން ވަނީ ބުނެފައެވެ.

ފަރުހާންގެ ފިލްމު "120 ބަހާދުރު" ފިލްމުގެ ޕްރީމިއާގައި ވާހަކަދައްކަމުން އެކްޓަރު ބުނީ "ޖީ ލޭ ޒަރާ" ދެން ގެނެސްދޭނީ މުޅިން ތަފާތު ކާސްޓަކާ އެކު ކަމަށެވެ. އެކަމާ އަދި ނުވިސްނާ ކަމަށާއި ނަމަވެސް ވަރަށް އަވަހަށް ފިލްމުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ފަރުހާން ޑައިރެކްޓް ކުރަން ނިންމާފައި ހުރި ފިލްމުތަކުގެ ތެރޭ އަންނަ އަހަރު މަސައްކަތް ފަށަން ރާވަމުން އަންނަ ފިލްމު "ޑޮން 3" ވެސް ހިމެނެއެވެ. މި ފިލްމުގެ ލީޑް އެކްޓަރުގެ ރޯލުން ފެންނާނީ ރަންވީރު ސިންގްއެވެ.