24 Nov 2025, 00:20
އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާދެއްވި އެއް ސަބަބަކީ އެ ޕާޓީގެ އިސްވެރިންގެ މައްޗަށް މެންބަރުން ބަސްބުނުމުގެ ފުރުސަތު ހުޅުވާލުމަށްޓަކައި ކަމަށް، ފައްޔާޒް އިސްމާއީލް މިރޭ ވިދާޅުވެއްޖެއެވެ.
މީގެ ތިން އަހަރުކުރިން މެއި 23، 2022ގައި ފައްޔާޒް ވަނީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. ނިމިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އެ މަގާމަށް އިންތިޚާބުވެވަޑައިގަތީ އެމްޑީޕީގެ އޭރުގެ ތަރުޖަމާނު އަދި މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒް ފަހުމީއާ ވާދަކުރައްވައެވެ.
އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާދެއްވައި އެ ޕާޓީގެ އިދާރާއަށް ފޮނުއްވި ސިޓީގައި އިސްތިއުފާދެއްވި ތިން ސަބަބެއް ފައްޔާޒް ފާހަގަކުރެއްވިއެވެ.
އޭގެ ތެރެއިން އެއް ސަބަބެއް ކަމަށް ފައްޔާޒް ފާހަގަކުރެއްވީ މީގެ ގާތްގަނޑަކަށް ތިން އަހަރު ފަހުން އޮންނާނެ ރިޔާސީ އިންތިޚާބުގެ ކުރިން އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރެއްވި ކުރެއްވުމެވެ.
ފައްޔާޒްގެ ސިޓީގައިވާ ގޮތުން، އޭނާ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރުމުން ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ދަތިތަކާ ކުރިމަތިވެފައިވެއެވެ.
"ޕާޓީން ކުރާ ކަންކަމާ މެދު ސުވާލު އުފައްދައެވެ، ރައީސް މުއިއްޒު ހިންގަމުންދާ ހުދުމުޚުތާރު ވެރިކަމާ ދެކޮޅަށް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ވޭތުވެދިޔަ ދެ އަހަރުތެރޭ ގިނަ މަސައްކަތްތަކެއް މި ޕާޓީއަށް ކުރެވިފައިވީ ނަމަވެސް އެތެރޭގެ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން، މި ޕާޓީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިގެންދާ މަންޒަރު އަޅުގަނޑަށް ފެނެއެވެ..." އެ ސިޓީގައި އޭނާ ލިޔުއްވާފައިވެއެވެ.
ފައްޔާޒް ވަނީ އޭނާގެ އަމިއްލަ މަސްލަހަތަށްވުރެ އެމްޑީޕީގެ މަސްލަހަތު އަބަދުވެސް ކުރިއަރުވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
އެހެންކަމުން އެމްޑީޕީގެ އެޑްވައިޒަރާއި ޕާޓީގެ ރައީސަށް ޕާޓީގެ ކަންކަން ފުރިހަމައަށް ނިންމުމަށް އޭނާއަކީ "ހުރަހެއް ކަމަށް ދެކޭ ދެކުން" ނިމުމަކަށް ގެނައުމަށް ގަސްދުކުރައްވާ ކަމަށް، ފައްޔާޒްގެ ސިޓީގައި ލިޔުއްވާފައިވެއެވެ.
"ހަމަ އެހެންމެ ޕާޓީގެ ރޯޑްމެޕަށް އާންމުންގެ ޚިޔާލު ހޯދުމަށް އަޅުގަނޑު މެންބަރުންނާ ބައްދަލުވި ބައްދަލުވުންތަކުގައި ޕާޓީގެ ލީޑަރުންނާމެދު ބަސް ބުނުމުގެ ފުރުސަތު ހުޅުވާލާނެކަމުގެ ވައުދު އަޅުގަނޑު ވެފައި ވާނެއެވެ..." އޭނާ އިސްތިއުފާދެއްވީ އެ ޖާގަ ހުޅުވާލުމަށްޓަކައި ކަމަށް، ފަސް ސަފުހާގެ އެ ސިޓީގައިވެއެވެ.
ފައްޔާޒް އިސްތިއުފާދެއްވުމާ ގުޅިގެން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު 'އެކްސް'ގައި ލިޔުއްވިގޮތުގައި، އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީއަށް ފައްޔާޒް ވަނީ ނުހަނު ގިނަގުނަ ޚިދުމަތްތައް ކޮށްދެއްވައިފައެވެ.
ޕާޓީގެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށާއި، ޖަލަށް ދާން ޖެހުނު ވަގުތުގައި ވެސް އެއްވެސް ޖެހިލުންވުމެއް ނެތި ފައްޔާޒް ޖަލަށް ވެސް ވަޑައިގެންނެވި ކަމަށް ލިޔުއްވައި ނަޝީދު ވަނީ ފައްޔާޒަށް ތައުރީފްކުރައްވައިފައެވެ.
ފައްޔާޒުގެ އިސްތިއުފާ ސިޓީގައި ލިޔުއްވިގޮތުގައި 2023ގައި ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ނަޝީދު ވާދަކުރައްވާނެ ކަމަށް ބެލެވުނެވެ. އެ ދެ ބޭފުޅުން ވާދަ ކުރެއްވުމުގެ ނަތީޖާއަކީ ފަހުން އެމްޑީޕީން ހިތާމަކުރަން ޖެހިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނު ކަމަށް ވެސް ސިޓީގައި ލިޔުއްވާފައިވެއެވެ.
"އެ ޕްރައިމަރީ ނިމުނު އިރު އެތައް އަހަރެއް ވަންދެން އެކުގައި އިސްލާހީ މަސައްކަތުގައި ދުވަސްތައް ހޭދަކުރި ރަހުމަތްތެރިންނާ މޫނު ކެނޑި، އާއިލާއެއްގެ ގޮތުގައި އޮތް މި ޕާޓީ ދެފަޅިވެ ރިޔާސީ އިންތިޚާބު ވެސް ގެއްލިގެން ދިޔައީ،" ފައްޔާޒު ލިޔުއްވިއެވެ.
ފާހަގަކުރެވޭ ގޮތުގައި 2023ގައި ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީ ދެބައިވެގެން ގޮސް މުހިންމު މެންބަރުންތަކެއް ޕާޓީން ވަކިވެގެން ދިޔައިރު ވެސް ފައްޔާޒު ހުންނެވީ އެމްޑީޕީއާ އެއްކޮޅަށެވެ. އަދި ފައްޔާޒަކީ މީގެ ކުރިން އެމްޑީޕީ ނޫން އެހެން އެއްވެސް ޕާޓީއެއްގައި އުޅުއްވި ބޭފުޅެއް ވެސް ނޫނެވެ.