މިރޭ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން އިސްތިއުފާދެއްވި ފައްޔާޒު އިސްމާއީލަކީ ޕާޓީގެ ހައްގުގައި ގިނަ ގުނަ ޚިދުމަތްތައް ކޮށްދެއްވާފައިވާ އަދި އެއްވެސް ޖެހިލުންވުމެއް ނެތި، ޖަލަށް ވެސް ވަޑައިގެންނެވި ބޭފުޅެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފުކުރައްވައިފިއެވެ.

ފައްޔާޒު އިސްތިއުފާދެއްވިކަން އެނގުނީ މިރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައެވެ. ޕާޓީގެ ޗެއާޕާސަންކަމުން އިސްތިއުފާދެއްވި ނަމަވެސް ފައްޔާޒު އަދިވެސް ހުންނެވީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެ ޕާޓީއަށް ފައްޔާޒު ވަނީ ނުހަނު ގިނަ ގުނަ ޚިދުމަތްތައް ކޮށްދެއްވާފައި ކަމަށެވެ. ޕާޓީގެ މަސައްކަތުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާ ކަމަށާއި، ޖަލަށް ދާން ޖެހުނު ވަގުތުގައި ވެސް އެއްވެސް ޖެހިލުންވުމެއް ނެތި، ޖަލަށް ވެސް ވަޑައިގެންނެވި ކަމަށް ވިދާޅުވެ ނަޝީދު ވަނީ ތައުރީފުކުރައްވައިފައެވެ.

"ޕާޓީއާއެކު ފައްޔާޒަށް އިތުރު ކާމިޔާބީއަށް އެދެން،" ނަޝީދުގެ ޕޯސްޓު ނިންމަވައިލައްވަމުން ވިދާޅުވިއެވެ.

ފައްޔާޒު، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިގަތީ މެއި 23، 2022ގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީއާ ވާދަކުރެއްވުމަށް ފަހުއެވެ.

ފައްޔާޒުގެ އިސްތިއުފާ ސިޓީގައި ވިދާޅުވި ގޮތުގައި 2023ގައި ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު ވާދަ ކުރައްވާނެ ކަމަށް ބެލެވުނެވެ. އެ ދެ ބޭފުޅުން ވާދަ ކުރެއްވުމުގެ ނަތީޖާއަކީ ފަހުން އެމްޑީޕީން ހިތާމަކުރަން ޖެހިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމެއް ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.

"މިއީ ކޮންމެހެން ވެސް ޕާޓީ އާއި މުޅި ގައުމުގެ ކުރިމަގަށް ވެސް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އަޅުގަނޑަށް ސިފަވި،" އެމްޑީޕީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ލިޔުއްވިއެވެ.

އޭގެ ފަހުން ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން ފަސް ފަހަރެއްގެ މަތިން ނަޝީދުގެ ޓީމާ އެކު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބައްދަލު ކުރެއްވި ކަމަށާއި، އެ ބައްދަލުވުންތަކުގައި ވާހަކަ ދެކެވުނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ނަޝީދު ވާދަ ނުކުރެއްވުމަށާއި، ރިޔާސީ އިންތިޚާބުގެ ކުރިއަށް ނިޒާމީ ވޯޓެއް ނެގުމުގެ ވާހަކަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އެ ވޯޓުގައި އެމްޑީޕީން ބަރުލަމާނީ ނިޒާމަށް ތާއީދު ކުރުމަށް ވާހަކަ ދެކެވުނު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ޞާލިޙާއި ފައްޔާޒާއި ނަޝީދު -- ފޮޓޯ/ އެމްޑީޕީ

އެހެން ނަމަވެސް ދެ ފަރާތުން ހިތްހަމަޖެހޭ އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން އެ ބައްދަލުވުންތައް އެ ވަގުތު ހުއްޓާލެވުނު ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެއަށްފަހު ކުރީގެ ރައީސް ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން އަނެއްކާވެސް ނަޝީދާއެކު މަޝްވަރާތައް ފެއްޓެވި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭރު އެއްބަސްވުމަކަށް އާދެވުނީ ރިޔާސީ ޕްރައިމަރީއެއް ނުބާއްވައި އެމްޑީޕީގެ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ސޯލިހު ވާދަ ކުރެއްވުމަށް ކަމަށް ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކަށް ވޯޓަށް އެހުމުގެ އިތުރުން ދެން އެއްބަސްވީ އެ ވޯޓުގައި އެމްޑީޕީން ވަކިކޮޅެއް ނުނަގާ ގޮތަށް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ނަމަވެސް ފަހުން ޕާޓީގެ ބައެއް އިސް ފަރާތްތަކަށް ގަބޫލު ކުރެވުނީ ރައީސް ނަޝީދުއާއެކު އެއްބަސްވެވުނު ގޮތަށް ކުރިއަށް ނުދިޔުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ޕްރައިމަރީ ނިމުނު އިރު އެތައް އަހަރެއް ވަންދެން އެކުގައި އިސްލާހީ މަސައްކަތުގައި ދުވަސްތައް ހޭދަކުރި ރަހުމަތްތެރިންނާ މޫނު ކެނޑި، އާއިލާއެއްގެ ގޮތުގައި އޮތް މި ޕާޓީ ދެފަޅިވެ ރިޔާސީ އިންތިޚާބު ވެސް ގެއްލިގެން ދިޔައީ،" ފައްޔާޒު ލިޔުއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2023ގައި ރިޔާސީ އިންތިޚާބާ ދިމާކޮށް އެމްޑީޕީ ދެބައިވެގެން ގޮސް މުހިންމު މެންބަރުންތަކެއް ޕާޓީން ވަކިވެގެން ދިޔައިރު ވެސް ފައްޔާޒު ހުންނެވީ އެމްޑީޕީއާ އެއްކޮޅަށެވެ. އަދި ފައްޔާޒަކީ މީގެ ކުރިން އެމްޑީޕީ ނޫން އެހެން އެއްވެސް ޕާޓީއެއްގައި އުޅުއްވި ބޭފުޅެއް ވެސް ނޫނެވެ.