23 Aug 2012, 16:09
އދ. މަޖިލިސް (އޮގަސްޓް 23): މިއޮގަސްޓް މަހުގެ 28 ން 30 އަށް އީރާނުގެ ވެރިރަށް ތެހެރާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ވަކިފަރާތަކަށް ނުޖެހޭ ޙަރަކާތުގެ ސަމިޓްގައި 51 ޤައުމެއްގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އީރާނުން ހާމަކޮށްފި އެވެ.
އީރާނުގެ ރައީސްގެ ބައިނަލްއަޤްވާމީ ކަންތައްތަކާ ބެހޭ އެހީތެރިޔާ ޢަލީ ސަޢީދު ލޫ މިއަދު ވިދާޅުވީ ތެހެރާންގެ ސަމިޓްގައި 51 ޤައުމެއްގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ އިރު އެހެން ޤައުމުތަކުން ޚާރިޖީ ވަޒީރުން ނޫނީ ނައިބު ރައީސުން ފަދަ ދެވަނަ ދަރަޖައިގެ މަސްއޫލުވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަމުގަ އެވެ. މީގެއިތުރުން 140 އެއްހާ ވަފްދުވެސް ސަމިޓްގައި ބައިވެރިވާނެ ކަމަށާއި މިއިން ކޮންމެ ވަފްދެއްގައި ފަސް މީހުންނާއި 250 މީހުންނާ ދެމެދުގެ ޢަދަދަކަށް މީހުން ހިމެނޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތެހެރާންގައި ބޭއްވުމަށް ހަމަޖެހިފައިވާ ވަކިފަރާތަކަށް ނުޖެހޭ ޙަރަކާތުގެ ސަމިޓްގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ބައިވެރިވެވަޑައިގަންނަވާނެކަން އދ. އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. ބާންކީ މޫން އީރާނަށް ވަޑައިގެންނެވުމަށް ނިންމަވާފައިމި ވަނީ އީރާނަށް ޒިޔާރަތް ނުކުރެއްވުމަށް އެމެރިކާއާއި އިސްރާއީލުން އޭނާ އަށް ފިއްތުންތައް ކުރިމަތިކުރަމުން ގެންދަނިކޮށެވެ. ބާންކީ މޫންގެ އޮފީހުން ބުނީ ތެހެރާންގެ ސަމިޓްގައި އީރާނުގެ މަސްއޫލުވެރިންނާ އަދި ދުނިޔޭގެ އެތައް ޤައުމެއްގެ ލީޑަރުންނާ ބައްދަލުކޮށް މަޝްވަރާކުުރުމުގެ ފުރްސަތު ބާންކީ މޫންއަށް ލިބިވަޑައިގަންނަވާނެ ކަމުގަ އެވެ.
ވަކިފަރާތަކަށް ނުޖެހޭ ޙަރަކާތަކީ އެމެރިކާ އާއި ކުރީގެ ސޮވިއެޓް ޔުނިޔަން އާ ދެމެދު ފިނިހަނގުރާމަ ފެށިގެން ދިޔަ ދުވަސްވަރު އުފެދުނު ޙަރަކާތެކެވެ. މިޙަރަކާތް އުފެއްދެވި ބާނީންނަކީ މިސްރުގެ އޭރުގެ ރައީސް ޖަމާލްޢަބްދުއްނާސިރާއި އިންޑިޔާގެ އޭރުގެ ބޮޑުވަޒީރު ޖަވާހިރުލާލް ނެހްރޫ އާއި ކުރީގެ ޔުގޮސްލޭވިޔާގެ ބާނީ ޖޯޒެފް ބްރޮޒް ޓީޓޯ އާއި ކިޔުބާގެ ކުރީގެ ޒަޢީމް ޑޮކްޓަރ ފިޑެލް ކާސްޓްރޯ އާއި ގާނާގެ ކުރީގެ ރައީސް ކުވާމީ ނެކްރޫމާ ފަދަ ހުޅަނގުގެ އިސްތިޢްމާރާދެކޮޅަށް ޤައުމީ ޙަރަކާތްތައް ފެއްޓެވި ތިންވަނަ ދުނިޔޭގެ ލީޑަރުންނެވެ. ވަކިފަރާތަކަށް ނުޖެހޭ ޙަރަކާތުގެ ފަލްސަފާއަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުސްތަޤިއްލު ސިޔާސަތެއް އެޙަރަކާތުގެ މެންބަރު ޤައުމުތަކުން ގެންގުޅުމެވެ.
ސަތޭކަ އަށް ވުރެ ގިނަ ޤައުމު ހިމެނޭ މިޙަރަކާތުގެ މިދައުރުގެ ރިޔާސަތު ބަލަހައްޓަނީ މިސްރުންނެވެ. މިސްރުގެ ރައީސް މުޙައްމަދު މުރްސީވެސްވަނީ ތެހެރާންގެ ސަމިޓަށް ޙާޒިރުވެވަޑައިގަންނަވާނެކަން ކަށަވަރު ކޮށްދެއްވާފަ އެވެ.
އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށްބުނެ އީރާން ބޮއިކަޓް ކޮށް އެޤައުމު އެކަހެރިކުރުމަށް އެމެރިކާއާއި ޔޫރަޕުން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ތެހެރާންގެ ސަމިޓް ބޮއިކަޓް ކުރުމަށް ވަކިފަރާތަކަށް ނުޖެހޭ ޤައުމުތަކަށް އެމެރިކާއާއި ޔޫރަޕުން ފިއްތުންތައް ކުރިމަތިކުރަމުން ގެންދާކަމަށް އީރާނުގެ މަސްއޫލުވެރިޔާ ޢަލީ ސަޢީދު ލޫ ވިދާޅުވި އެވެ. މިއާއެކު ވެސް ތެހެރާންގެ ސަމިޓް ކާމިޔާބު ވާނެކަމަށާއި ވަކިފަރާތަކަށް ނުޖެހޭ ހަރަކާތުގެ ހުރިހާ ޤައުމުތަކެއްވެސް ތެހެރާންގެ ސަމިޓްގައި ބައިވެރިވާނެކަމަށް އޭނާ ވިދާޅުވި އެވެ. (ނޫސްއެޖެންސީތައް)