އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން، ފައްޔާޒު އިސްމާއީލް އިސްތިއުފާދެއްވައިފިއެވެ.

ފައްޔާޒު، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހޮވިވަޑައިގަތީ މެއި 23، 2022ގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހުމީއާ ވާދަކުރެއްވުމަށް ފަހުއެވެ.

މިރޭ އެ މަގާމުން އިސްތިއުފާދެއްވައި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކުރައްވައި ފޮނުއްވި ސިޓީއެއްގައި ފައްޔާޒު ވިދާޅުވީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތީ ވަރަށް ފޮނި އުންމީދުތަކާއެކު ކަމަށެވެ. ޕާޓީގެ ލީޑަރުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރައްވައި ފައްޔާޒު ވަނީ ޕާޓީ ހިންގުމަށް ހުރި ބައެއް ދަތިތައް ހިއްސާކުރައްވައިފައެވެ.

އެގޮތުން އޭނާ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު، އެހެން ބޭފުޅަކު ރަސްމީކޮށް އިއުލާނުކޮށްފައި ނުވި ނަމަވެސް އެ ޝައުގުވެރިކަން ހުރި އެހެން ބޭފުޅުންވެސް އިސް ސަފުގައި ތިއްބެވިކަން އޭނާ ފާހަގަކުރެއްވިއެވެ. އެއާއެކު ޕާޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ޚާއްސަކޮށް ޕާޓީގެ އެތެރޭގައި ނުތަނަވަސްކަން އުފެދޭ މަންޒަރު މިހާރު ފެންނަ ކަމަށާއި އެކަމުގެ ސަބަބުން ޕާޓީގެ މަސައްކަތްތަކަށް ހިޔަނި އެޅޭ ކަމަށް ފައްޔާޒު އެ ސިޓީގައި ފާހަގަކުރެއްވިއެވެ.

ގައުމީ މަޖިލީހުގެ މެންބަރުން،،، އަޅުގަނޑުގެ އަމިއްލަ މަސްލަހަތަށްވުރެ، ގައުމާއި ޕާޓީގެ މަސްލަހަތު އަބަދުވެސް އިސްކުރާނަން. އެހެންކަމުން ޕާޓީގެ އެޑްވައިޒަރާއި، ޕާޓީގެ ރައީސަށް ފުރިހަމަ އިޚުތިޔާރާއި ބާރާއެކު މި ޕާޓީގެ ކަންކަން ނިންމައި، ކަންކަން ކުރިއަށް ގެންދިޔުމަށް އަޅުގަނޑަކީ ހުރަހެއް ކަމަށް ދެކޭ ދެކުން ނިމުމަކަށް ގެނައުމަށް ގަސްތުކުރަން،ފައްޔާޒު އިސްމާއިލް

ފަސް ސަފްހާގެ އެ ސިޓީގައި ފައްޔާޒު ވަނީ ޕާޓީގެ ގައުމީ މަޖިލިސް މެންބަރުންނަށް ދެތިން އިލްތިމާސެއްް ވެސް ކުރައްވައިފައެވެ. އެގޮތުން އެމްޑީޕީ މިހާރު ތަހައްމަލުކުރަމުންދާ ދަތި ކަންކަމުގެ އަލީގައި ޕާޓީގައި އެންމެ ލީޑަރެއް ހުންނާނެ ގޮތަށް އަސާސީ ގަވާއިދު ބަދަލުކުރުމަށް ވަނީ އިލްތިމާސްކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި "އެއް އުރައެއްގައި ތިން ކަނޑިއަކަށް ނޯވެވޭނެ"އެވެ.

ހަމައެއާއެކު އެ ލީޑަރަކީ ދައުލަތުގެ އެއްވެސް މަގާމަކަށް ވާދަނުކުރެވޭ މީހަކަށް ވުމާއި، އޭނާގެ ހުރިހާ ވަގުތެއް ޕާޓީ ހިންގުމުގައި ހުންނަ މީހަކަށް ވާން ޖެހޭ ގޮތަށް އަސާސީ ގަވާއިދު ބަދަލުކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި "ވަކިވެގެން ދިޔަ" އެ ޕާޓީގެ މެންބަރުންނާ އެއްކޮށް މަސައްކަތްކޮށް މި ގައުމު ވެއްޓިފައުވާ އަނދަވަޅުން ސަލާމަތް ކުރުމަށް މަސައްކަތްކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ހިތާމަޔަކީ މިހާރުވެސް ޕާޓީގެ ތެރެއިން ފެންނަމުންދާހެން، ގައުމާއި ޕާޓީގެ މަސްލަހަތުގެ މައްޗަށް ހިތުގައި ޖެހިފައިވާ ޖެހުމަށް ތަސައްލީއެއް ހޯދުމަށް ބުރަވާ މަންޒަރެވެ. ނަމަވެސް ސިޔާސީ ލީޑަރުން ވާންޖެހޭނީ މިފަދަ އިހުސާސްތަކުން އަރައިގަނެ، ރައްޔިތުންގެ ހައްގުތައް ހޯދާނެ ބަޔަކަށް ކަމަށާއި، އާންމު މެންބަރުންނަށް މަގު ދައްކައިދޭނެ ބަޔަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުގެ ދުއާއަކީ މި ޕާޓީއަށާއި، މި ގައުމަށް މިއަދަށްވުރެ ފާގަތި ދުވަސްތަކެއް މާތްﷲ މިންވަރުކުރައްވައި، މިހާރު މިއޮތް ހުދުމުޚުތާރު ސަރުކާރުގެ ކިބައިން މި ގައުމު ސަލާމަތްކޮށްދެއްވުން. މި ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައާއި އާންމު މެންބަރެއްގެ ގޮތުގައި ޕާޓީއަށް ކުރިއެރުން ހޯދައިދިނުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަން އަރުވަން،ފައްޔާޒު އިސްމާއިލް

އިސްތިއުފާގެ ސިޓީ ނިންމާލާފައި ވަނީ، ޗެއާޕާސަންގެ މަގާމުން އިސްތިއުފާދެއްވި ނަމަވެސް ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައާއި އާންމު މެންބަރެއްގެ ގޮތުގައި ޕާޓީއަށް ކުރިއެރުން ހޯދައިދިނުމުގައި ދެމިހުންނާނެ ކަމުގެ ޔަގީންކަމާއެކުއެވެ.