23 Nov 2025, 22:15
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ ތިލަމާލެ ބުރިޖުގެ މަސައްކަތްކުރާ އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ އެފަދަ މަސައްކަތެއް އަލަށް ކުރާ ކުންފުންޏަކަށް ވުމުން ވަރަށް ގިނަ ދަތިތައް ކުރިމަތިވާ ކަމަށާއި، ބުރިޖުގެ މަސައްކަތު ދުވެލި ސަރުކާރުން ބޭނުންވާ ވަރަށްވުރެ ލަސްކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލެ އޮތޮޅު ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ސަރުކާރުން ބޭނުންވި ދުވެލީގައި ބުރިޖުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ.
އެހެންކަމުން ކޮންޓްރެކްޓަރުގައި ބުރިޖުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައިވާ ތާރީޚަށް ނުނިމިދާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ. އެހެންނަމަވެސް ސީދާ ނިމޭނެ ތާރީޚެއް ވިދާޅެއްނުވެއެވެ.
މޫދު އަޑީގަ ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެއްކޮށް ނިމިފަ އެހުރީ. ސުޕަސްޓްރަކްޗާގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. އެހެންނަމަވެސް އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގައެއް ނޫން ކުރިއަށް ދަނީ. އެހެންވީމަ ކުރިން އަޅުގަނޑުމެން ކޮންޓްރެކްޓުގައި ފާހަގަކޮށްފައިވާ މުއްދަތަށް ހާސިލުވުމަކީ ފަހަރެއްގަ ނުވެދާނެ ކަމެއް،އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
މުއްތަލިބު ވިދާޅުވީ މާދަމާ ވެސް އިންޑިއާ ސަފީރާއެކު ބައްދަލުވުމެއް އެބައޮތް ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ ވެދެވެން އޮތް އެހީއެއް ވެދީގެން ނަމަވެސް ވީހާވެސް އަވަހަށް ޕްރޮޖެކްޓުތައް ކުރިއަށް ގެންދެވޭތޯ ކަމަށެވެ.
ބުރިޖުގެ މަސައްކަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ އާއިޝް އަޝްރަފް
މުއްތަލިބު ވިދާޅުވި ގޮތުގައި މަސައްކަތުގެ ކޮންޓްރެކްޓަރަކީ އެފަދަ މަސައްކަތެއް އަލަށް ކުރާ ކޮންޓްރެކްޓަރެއް ކަމުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިމަހުގެ 15 ވަނަ ދުވަހު ބުނި ގޮތުގައި ތިލަމާލެ ބުރިޖުގެ ތަނބުތަކުގެ ޕައިލިން މަސައްކަތް ނިންމައި، މުޅި މަޝްރޫއުގެ 66 ޕަސެންޓު މަސައްކަތް ވަނީ ނިމިފައެވެ.
'ސަން'އިން ސުވާލުކުރުމުން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ބުރިޖުގެ ތަނބުތަކުގެ ޕައިލިން މަސައްކަތް އެއްކޮށް ނިމި، ޕައިލް ކެޕްގެ 98 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ. މުޅި މަޝްރޫއުގެ ޑެކަށް ބޭނުންވާ ޕްރީ ކާސްޓްގެ 75 ޕަސެންޓު ސެގުމަންޓުތައް ކާސްޓުކޮށް، ބުރިޖުގެ ތަނބުތައް ގުޅާލުމުގެ 36 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޭގެއިތުރަށް، މިހާތަނަށް މުޅި މަޝްރޫއުގެ 66 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ތިލަމާލެ ބުރިޖުގެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުން އެ ގައުމުގެ އެފްކޮންސް ކުންފުނިންނެވެ.
އިންޑިއާގެ ހައި ކޮމިޝަނުން މިދިޔަ އޭޕްރިލް މަހު އެ މަޝްރޫއުގެ މައުލޫމާތު ހިއްސާކުރަމުން ބުނެފައި ވަނީ އެ މަޝްރޫއުގެ ދަށުން، ދުނިޔޭގެ ވެސް އެންމެ އުސް ކަނޑުއަޑީގެ ޕްރިކާސްޓް ތިލަމާލެ ބްރިޖުގައި ގާއިމުކޮށްފައި ވާކަމަށެވެ. އެ ޕްރީކާސްޓް ގައި 8.2 މީޓަރުގެ އުސްމިން ހުންނައިރު، 25.3 މީޓަރުގެ ފުޅާމިން ހުންނަ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އެފްކޮންސްއިން ތިލަމާލެ ބުރިޖުގެ މަސައްކަތާ ހަވާލުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2021ވަނަ އަހަރުގެ އޯގަސްޓު މަހު ކަމަށްވާއިރު، މަސައްކަތް ނިންމަން ފުރަތަމަ ދީފައި އޮތް ތާރީޚަކީ މިދިޔަ އަހަރެވެ.
އެ ބުރިޖު ނިންމަން ނުވަތަ ނުނިމޭނަމަ ބުރިޖުގެ ވަކި ބައެއް ހުޅުވަން ޞާލިޙްގެ ސަރުކާރުން އެކި ތާރީޚުތައް ދިން ނަމަވެސް އެ މަސައްކަތް ކުރެވިފައިނުވެއެވެ. އަދި އެ ސަރުކާރު ނިމުމުގެ ކުރިން ސަޕްލިމަންޓަރީ އެގްރިމަންޓެއްގައި ސޮއިކޮށް އެ މަޝްރޫއު ނިންމަން އޮތް މުއްދަތު ވަނީ އަންނަ އަހަރަށް އިތުރުކޮށްފައެވެ.
އެ މަޝްރޫއު ލަސްވާތީ ޞާލިޙާއި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ. އެގޮތުން ރާއްޖޭގައި ސިނާއީ އެންމެ ބޮޑު މަޝްރޫއުތައް ފެއްޓެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ، އެ މަސައްކަތް ކުރިއަށްދާ ގޮތުން މި ދައުރުގައި ވެސް ތިލަމާލެ ބުރިޖުގެ މަސައްކަތް ނުނިމޭނެ ކަމަށް ވިދާޅުވެފައެވެ.