23 Nov 2025, 23:53
ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނު ސަރަހައްދުތަކަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހަމަލާދީ ފަސް މީހަކު މަރާލާލައިފިއެވެ.
އެ ހަމަލާތަކުގައި 28 މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް ލުބުނާނުގެ ސިއްޙަތާބެހޭ ވުޒާރާއިން ހާމަކުރެއެވެ.
އިސްރާއީލުން އެ ހަމަލާ އަމާޒުކޮށްފައި ވަނީ ލުބުނާނުގެ ހަތިޔާރު އެޅި ޖަމިއްޔާ، ހިޒްބުاللهގެ މުހިންމު ދަހިއްޔާގެ މީހުން ދިރިއުޅޭ އިމާރާތަކަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ ހަމަލާގެ އަސްލު އަމާޒަކީ ހިޒްބުاللهގެ ޗީފް އޮފް ސްޓާފް ހައިތަމް އަލީ ތަބަތަބައި ކަމަށެވެ. އިސްރާއީލުގެ މީޑިއާއިން ބުނި ގޮތުގައި މިއީ މިދިޔަ އަހަރު ލުބުނާނަށް ހަމަލާ ދޭން ފެށިފަހުން މިއީ އޭނާ މަރާލަން އަސްކަރިއްޔާއިން ހަމަލާ ދިން ތިން ވަނަ ފަހަރެވެ.
ނަމަވެސް އޭނާއަށް އަނިޔާވި ކަމެއް ނުވަތަ މަރުވި ކަމެއް ހިޒްބުالله އިން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހަރެތު ހްރެއިކް ސަރަހައްދަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހަމާލާ ދިނުމުން އެ ސަރަހައްދަށް މީހުން އެއްވެފައި. ފޮޓޯ/އޭއެފްޕީ
ލުބުނާނުގެ ރަސްމީ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދަހިއްޔޭގެ ހަރެތު ހްރެއިކް ސަރަހައްދުގެ އަލް އަރީދު މަގުގައި ހުންނަ އެޕާޓްމަންޓް އިމާރާތަށް ދެ މިސައިލް ހަމަލާ ދީފައިވާއިރު، ކާރުތަކަށާއި ވަށައިގެންވާ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްރާއީލުން އެ ހަމަލާ ދިނީ އެއްވެސް އިންޒާރެއްވެސް ނުދީ ކަމަށެވެ. އެކަމުން ދޭހަވަނީ އެމީހުން ހައި ޕްރޮފައިލް މީހަކަށް ހަމަލާ އަމާޒުކޮށްފައިވާކަން ކަމަށެވެ.
ލުބުނާނުގެ ރައީސް ޖޯސެފް އައުން ވަނީ އެގައުމަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ތަދައްޚުލްވުމަށް ގޮވާލައްވާފައެވެ.
އިސްރާއީލުން ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން ބެއިރޫތުގެ ދެކުނަށް ދިން ވައިގެ ހަމަލާއެއްގައި ލުބުނާނުގެ ލީޑަރު ހަސަން ނަސްރުالله އަވަހާރަކޮށްލާފައެވެ.