23 Nov 2025, 20:28
މިއަދު އިސްތިއުފާދެއްވި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްގެ މައްޗަށް ހުށަހެޅިފައިވާ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހާމަކޮށްފިއެވެ.
މައްސަލައިގެ އިތުރު ތަފްސީލެއް ހާމަނުކުރި ނަމަވެސް، އޭސީސީން 'ސަން'އަށް ބުނީ، ހައިކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުވާ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށެވެ.
އެއީ ކޮން ފަނޑިޔާރެއްކަން ނުބުނި ނަމަވެސް، 'ސަން'އަށް އެނގިފައިވާ ގޮތުގައި އެ ފަނޑިޔާރަކީ ފައިސަލެވެ.
ފާހަގަކުރެވޭ ގޮތުގައި ފަނޑިޔާރުކަމުން ފައިސަލް މިއަދު ކުއްލި ގޮތަކަށް އިސްތިއުފާދެއްވިއިރު، އޭނާ ހިމެނޭހެން ހައިކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ. އޭގެ ތެރޭ ހިމެނެނީ ހައިކޯޓުގެ އެންމެ އިސް ފަނޑިޔާރުންނެވެ.
ހައިކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ހާމަކުރުމާއެކު، އެ ކޮމިޝަނަށް ފާޑުކިއުން ވެސް ވަނީ އަމާޒުވެފައެވެ.
އެ ފާޑުކިއުންތަކަށް ރައްދުދީ ޖޭއެސްސީން ބުނީ، އެ ކޮމިޝަނަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ކޮމިޝަނުން ސަމާލުކަންދެނީ ވަކިކޯޓެއްގެ ފަނޑިޔާރަކަށްވީތީ، ވަކި ގޮތަކަށް އަމަލުކުރަން ނޫން ކަމަށެވެ.
އެއީ ކޮންމެ ކޯޓެއްގެ ފަނޑިޔާރަކަށްވީ ނަމަވެސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން މަޢުލޫމާތު ސާފުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލުމަށްފަހުގައި ނޫނީ އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަކަށް ކޮމިޝަނުން ނިންމާފައި ނުވާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މިއަދު ފަނޑިޔާރުކަމުން އިސްތިއުފާދެއްވި ފައިސަލް ވަނީ، މިއަދު މެންދުރު އޮތް ޓެރަރިޒަމްގެ މައްސަލައެއްގެ ބެންޗުގައި ހިމެނިވަޑައިގެން، މައްސަލައެއް ބައްލަވައިފައެވެ.
މިދިޔަ ހަފުތާގައި އޭނާ ވަނީ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވައިފައެވެ.
ކުއްލިޔަތުއް ދިރާސާތުލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލްކުރެއްވި ފައިސަލް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ، ޖުލައި 24، 2018ގައެވެ. އެއީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅެވެ.
ޔާމީންގެ ވެރިކަމުގައި ފައިސަލްވަނީ ޖޭއެސްސީގެ މެންބަރުކަމާއ، އެ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވާފައެވެ. ޖޭއެސްސީގައި ފައިސަލް އިންނެވީ ޔާމީންގެ މެންބަރުގެ ހައިސިއްޔަތުންނެވެ.