މިމަހުގެ 10ވަނަ ދުވަހު އިމިގްރޭޝަނުން ތައާރަފްކުރި އޮންލައިންކޮށް ވިސާ ނެގޭ ނިޒާމަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.

އެހެންކަމުން ބިދޭސީންގެ މަސައްކަތު ވިސާއާއި އެހެނިހެން ވިސާ ޖެހުމަށް ދެން އެދެވޭނީ އިމިގްރޭޝަންގެ ވެބްސައިޓް މެދުވެރިކޮށެވެ.

ބިދޭސީންގެ މަސައްކަތު ވިސާ އާ ކުރުމަށް ނުވަތަ އާ ވިސާއެއް ހޯދަން ބޭނުންނަމަ އިމިގްރޭޝަންގެ ސައިޓަށް ވަނުމަށްފަހު 'ޑްރޮޕް ޑައުން މެނޫ'އިން ވިސާ ނެގުމަށްފަހު 'ވޯކް ވިސާ' އަށް ގޮސް 'އޮންލައިން އެކްސްޕަޓް ސިސްޓަމަ'ށް ވަންނާށެވެ.

ދެން މަސައްކަތު ހުއްދަ ނަންބަރު ނުވަތަ ބިދޭސީއެއްގެ ޕާސްޕޯޓު ނަންބަރު ޖަހައި އެ މީހާގެ މައުލޫމާތު ހޯދުމަށްފަހު 'ވިސާ' ޓެބަށް ގޮސް މަސައްކަތު ވިސާ އާ ކުރުމަށް އޮންނަ ތަނަށް ފިތާލާށެވެ. އެއަށްފަހު މުހިންމު ލިޔެކިއުންތައް ހިމަނައި ވިސާއަށް އެދި ހުށަހަޅާށެވެ.

އިމިގްރޭޝަންގެ ވެބްސައިޓުގައިވާ ގޮތުން، ބިދޭސީ މަސައްކަތްތެރިންނާ ހަވާލުވެ ތިބޭ ކުންފުނިތަކުން އެ މީހުން ރާއްޖެ އަންނަތާ 15 ދުވަހުގެ ތެރޭ ވިސާ ހޯދަން ޖެހޭނެއެވެ.

އިމިގްރޭޝަންގެ އޮފިސަރަކު ބިދޭސީއަކާ ސުވާލުކުރަނީ -- ފޮޓޯ/ އިމިގްރޭޝަން

ވިސާ ހޯދަން ޖެހޭނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ދޫކޮށްފައިވާ މަސައްކަތުގެ ހުއްދައާ އެއްގޮތަށްކަން ފާހަގަކޮށް، ހުއްދަ ވިސާއެއް ނުލާ ބިދޭސީ މަސައްކަތްތެރިންނަށް ރާއްޖޭން ނުފުރޭނެ ކަމަށްވެސް އިމިގްރޭޝަނުން ބަޔާންކޮށްފައިވެއެވެ.

މަސައްކަތު ވިސާނޫން ވިސާއަކަށް އެދޭނަމަ، އިމިގްރޭޝަންގެ 'އިމުގަ' ޕޯޓަލް މެދުވެރިކޮށް އެދެވޭނެއެވެ.

އިމިގްރޭޝަނުން ފާހަގަކުރިގޮތުގައި ދިގު މުއްދަތަކަށް ވިސާ ދޫކުރަނީ ރާއްޖޭގައި ވަޒަންވެރިވެ ތިބޭ ބިދޭސީންނަށެވެ.

ޕާސްޕޯޓު ހައްދަން ސީދާ އިމިގްރޭޝަންގެ ކައުންޓަރަށް ދިއުން ނިމުމަކަށް ގެނެސްދޭ ޚާއްސަ މޮބައިލް އެޕާއި އީވިސާގެ ޚިދުމަތް އިމިގްރޭޝަނުން ތައާރަފްކުރީ މިމަހުގެ 10ވަނަ ދުވަހެވެ. މި ޚިދުމަތް ތައާރަފްކުރީ 'މޯލްޑިވްސް 2.0' ގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުންނެވެ.

'މޯލްޑިވްސް 2.0'ގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތަކެއް ޑިޖިޓަލް ކޮށްފައިވާއިރު، މި ތަސައްވުރުގެ ދަށުން ސަރުކާރުގެ އެހެން އިދާރާތަކުން ވެސް އަންނަނީ ޚިދުމަތްތައް ޑިޖިޓަލްކުރުމުގެ މަސައްކަތް ކުރަމުންނެވެ.