މީގެ 113 އަހަރު ކުރިން 1912 ގައި އެޓްލާންޓިކް ކަނޑަށް ފެތުނު ބިޔަ ބޯޓް ޓައިޓޭނިކް އިން ދަތުރުކުރި އެންމެ މުއްސަނދި އެއް ފަސިންޖަރުގެ ހަށިގަނޑުން ފެނުނު ރަން ޕޮކެޓް ގަޑިއެއް ނީލަމުގައި 1.78 މިލިއަން ޕައުންޑަށް ވިއްކިއްޖެއެވެ.

އިސިޑޯ ސްޓްރަސް އާއި އޭނާގެ އަންހެނުން އައިޑާ އަކީ 14 އޭޕްރީލް 1912 ގައި ސައުތުހެމްޓަން އިން ނިއުޔޯކަށް ދަތުރުކުރި ޓައިޓޭނިކް އައިސްބާގެއްގައި ޖެހިގެން ކަނޑަށް ފެތުމުން މަރުވި 1500 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ ބައެކެވެ.

ކާރިސާއަށް ފަހު ދުވަސްތަކެއް ފަހުން އެޓްލާންޓިކް ކަނޑުން ސްޓަރްސްގެ ހަށިގަނޑު ފެނިފައިވާއިރު، ފެނުނު ތަކެތީގެ ތެރޭގައި 18 ކެރެޓްގެ ރަން ޖޫލްސް ޖާޖެންސަން ގަޑިއެއް ވެސް ހިމެނެއެވެ.

ޓައިޓޭނިކް ފެތުނު ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނޭ އިސިޑޯ ސްޓްރަސް (ވ) އާއި އަންހެނުން އައިޑާ (ކ). ފޮޓޯ/ގެޓީ

އެ ގަޑި ހުއްޓިފައި ވަނީ ޓައިޓެނިކް ފެތުނު ގަޑި، 02:20 ގައެވެ. ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި އެއީ ސްޓްރަސްގެ 43 ވަނަ އުފަން ދުވަހުގެ ހަދިޔާއަކަށް 1888 ވަނަ އަހަރު އަންހެނުން، އައިޑާ ދިން ގަޑިއެކެވެ.

ޖަރުމަނުގެ ބަރިއާއަށް އުފަން ސްޓްރަސް އަކީ އެމެރިކާގެ ވިޔަފާރިވެރިއެއް އަދި ސިޔާސީ މީހެކެވެ.

ބޯޓު އަޑިއަށް ދިޔަ ރޭ އޭނާގެ އަންހެނުން ވަނީ އޭނާ ދޫކޮށްލާފައި ދާން ބޭނުން ނުވާ ކަމަށް ބުނެ، ލައިފް ބޯޓަށް އަރަން ދެކޮޅު ހަދާފައެވެ. އަދި މަރުވާނީ ސްޓްރަސް އާ އެކީގައި ކަމަށް އަންހެނުން، އައިޑާ ބުނެފައިވާ ކަމަށް ބީބިސީން ބުނެއެވެ.

އައިޑާގެ ހަށިގަނޑު ފެނިފައެއްނުވެއެވެ.

އެ ނީލަމުގައި ޓައިޓޭނިކްގައި ދަތުރުކުރި ފަސިންޖަރުންގެ ލިސްޓެއް 104،000 ޕައުންޑަށް ވިކިފައިވާއިރު، ޓައިޓޭނިކްއާ ގުޅުން ހުރި ހަނދާނީ ތަކެތި ނީލަމުގައި ވިކުނު ޖުމްލަ އަދަދު ތިން މިލިއަން ޕައުންޑަށް އަރާފައިވެއެވެ.