އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) ގެ ވޭނެއް ހުއްޓުވައި 800،000 ޑޮލަރު ފޭރިގެން ބަޔަކު ހައްޔަރުކޮށްފިއެވެ.

ބެންގަލޫރުގެ ދެކުނު ސަރަހައްދެއް ކަމަށްވާ ލާލްބާގްގައި ދުވާލުގެ ވަގުތުގައި ހިނގި އެ ހާދިސާއާ ގުޅިގެން ޝައްކު ކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އިތުރު ދެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ބެންގަލޫރުގެ ޕޮލިސް ކޮމިޝަނަރު ސީމަންތު ކުމާރު ސިންގް ވިދާޅުވިއެވެ. އެމީހުން ތިބީ އޮފިޝަލުންގެ ގޮތުގައި ހެދިގެން ހަތިޔާރާއެކުގައެވެ.

އަދި ވަގަށް ނެގި ފައިސާގެ ތެރެއިން 57.6 މިލިއަން ރުޕީސް ހޯދާފާއިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބާކީ ފައިސާ ހޯދުމަށް އަޅުގަނޑުމެންގެ ތަހުގީގު އަދިވެސް އެބަ ކުރިއަށް ގެންދަން." ސީމަންތު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

ސީމަންތު ވިދާޅުވީ އެ ވޭނަކީ ބޭންކްގެ ބްރާންޗްތަކަށް ފައިސާ ހިފައިގެން ދަތުރުކުރި ވޭނެއް ކަމަށެވެ. އަދި ވޭން ވަގުން ހުއްޓުވީ އެއަށް ފާރަލަމުން ފަހަތުން އެ މީހުންގެ އެސްޔޫވީ ދުއްވަމުން ގޮސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކާރުގައި ތިބި ވަގުން ވޭން ހުއްޓުވި އިރު އޭގައި ތިބީ ޑްރައިވަރާއި ފައިސާއާ ހަވާލުވެގެން ހުރި މީހާގެ އިތުރުން ދެ ސެކިއުރިޓީ ގާޑުންނެވެ.

ސީމަންތު ވިދާޅުވީ ވަގުން ފައިސާ ހިފައިގެން ވޭނާ އެކު ފިލަން މަސައްކަތްކުރީ ޗެކް ކުރަން ކަމަށް ބުނެ ވޭން ހުއްޓުވައި، އޭގައި ތިބި މީހުން ބާލުވައި އެމީހުން ދުއްވި ކާރަށް ވޭނުގައި ތިބި މީހުން އެރުވުމަށް ފަހުއެވެ.