23 Nov 2025, 15:02
ވިއެޓްނާމްގެ މެދުތެރޭ ސަރަހައްދުތަކަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން ހިނގި ފެންބޮޑުވުމާއި ބިންގަނޑު ކެނޑުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 90 އަށް އަރައިފިއެވެ.
އާދީއްތަ ދުވަހު ވިއެޓްނާމްގެ މިނިސްޓްރީ އޮފް ނެޗުރަލް ރިސޯސަސް އެންޑް އެންވަޔަރަންމަންޓުން ނެރުނު ބަޔާނެއްގައި ބުނީ މަރުވި މީހުންގެ ތެރެއިން 63 މީހުންނަކީ ތޫފާންގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ދަކް ލަކް ޕްރޮވިންސުން މަރުވި މީހުން ކަމަށެވެ. އެ ހާދިސާގައި އެ ޕްރޮވިންސްގެ އެތައް ގެ އެއްގައި ވަނީ ފެންބޮޑުވެފައެވެ. އެ ސަރައްދުން 12 މީހުން ވީނުވީއެއް ނޭގި ގެއްލިފައިވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އޭގެއިތުރުން ހައިން ހޮވާ ޕުރޮވިންސުން އިތުރު 14 މީހުން މަރުވެފައިވާ ކަމަށް ވިއެޓްނާމްގެ ކާރިސާތަކާބެހޭ އިދާރާއިން ބުނެއެވެ.
އެ ސަރަހައްދުތަކުގައި ކަރަންޓުގެ ހިދުމަތް ނުލިބޭ މީހުންގެ އަދަދު 300,000 އަށް އަރައެވެ.

ފެންބޮޑުވުމުގެ ސަބަބުން ވިއެޓްނާމްގެ 300،000 މީހުންނަށް ކަރަންޓުގެ ޚިދުމަތް ނުލިބޭ. ފޮޓޯ/ގެޓީ
ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވިއެޓްނާމުގެ މެދުތެރޭ ސަރަހައްދުތަކަށް 1900 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. ކޮފީ ދަނޑުތަކާއި މޫދަށް އެރޭ ސަރަހައްދުތައް ގިނަ އެ ސަރަހައްދަކީ މޫސުން ގޯސްވެ، ތޫފާންތައް އާންމު ސަރަހައްދެކެވެ.
ވިއެޓްނާމްގެ ސަރުކާރުން ބުނީ ފެންބޮޑުވުމާ ގުޅިގެން ލިބުނު ގެއްލުމުގެ އަގު 341 މިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
ފެންބޮޑުވުމާ ގުޅިގެން ދަކް ލަކް އާއި އިތުރު ހަތަރު ޕްރޮވިންސެއްގެ 80،000 ހެކްޓަރު (200،000 އަކަމީޓަރު) ގެ ދަނޑުބިންތަކަށް ގެއްލުންވެފައިވާއިރު، 3.2 މިލިއަނަށް ވުރެ ގިނަ ދިރޭތަކެތި ވަނީ މަރުވެފައެވެ.

ފާއިތުވި މަސްތަކުގައި ވިއެޓްނާމަށް ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެފައި.ފޮޓޯ/ގެޓީ
ފެންބޮޑުވާ ގުޅިގެން ގެއްލުން ލިބިފައިވާ ގޭގެ އަދަދު 235,000 އަށް އަރައެވެ.
ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ސަރަހައްދުތަކުގައިތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވައިގެ މަގުން ހެލިކޮޕްޓަރު ވަނީ ބޭނުންކޮށްފައެވެ. ސަރުކާރުން ވަނީ ހެދުމާއި ފެން، ސާފުތާހިރުވުމަށް ބޭނުންވާ ސާމާނާއި، ކާބޯތަކެތި އަދި އެހެނިހެން ސާމާނު ފޯރުކޮށްދީފައެވެ.
ވިއެޓްނާމްގެ މީޑިއާތަކާ ހަވާލާދީ ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ލިބުނު ގެއްލުން ފޫބެއްދުމަށް ދަކް ލަކް އަށް 500 ބިލިއަން ވިއެޓްނާމް ޑޮލަރު ނުވަތަ 19 މިލިއަން ޑޮލަރުގެ ފޯރުކޮށްދިނުމަށް އެ ގައުމުގެ ބޮޑުވަޒީރު ފަމް މިން ޗިން ވަނީ އަމުރުކުރައްވާފައެވެ.
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮކްޓޫބަރު މަހާ ދެމެދު ވިއެޓްނާމަށް ކުރިމަތިވި ގުދުރަތީ ކާރިސާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 279 އަށް އަރާފާއެވެ. އަދި، ލިބިފައިވާ ގެއްލުމުގެ އަގު 2 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށް އެ ގައުމުގެ ތަފާސްހިސާބުތައް ބަލަހައްޓާ އިދާރާއިން ހާމަކުރިއެވެ.