މިދިޔަ ހަފުތާ ބަންދުގެ ތެރޭގައި މާލެއާއި ހުޅުމާލެއިން 22 އުޅަނދު ޓޯކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މާލެއާއި ހުޅުމާލޭގައި ނުގަވައިދުން ޕާކުކުރުމާއި، ނުރައްކާތެރިކޮށް ދުއްވާ މީހުންގެ އުޅަނދު ޓޯކުރުމުގެ މަސައްކަތް ފުލުހުން ވަނީ މިހާރަކަށް އައިސް އިތުރުކޮށްފައެވެ.

މިދިޔަ ދެ ދުވަހު ހުޅުމާލެއިން ޓޯކުރި އުޅަނދުތަކުގެ ތަފާސްހިސާބުތައް އާންމުކުރަމުން ފުލުހުން ބުނީ، ހުޅުމާލެއިން ޖުމުލަ 20 އުޅަނދު ޓޯކުރި ކަމަށެވެ. އެއީ، 19 ސައިކަލާއި، ހަތަރުފުރޮޅުލީ އެއް އުޅަނދެވެ. އަދި، މާލެެއިން ޖުމުލަ ދެ ސައިކަލު ޓޯކުރި ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލެއިން ޓޯކުރި އުޅަނދުތަކުގެ ތެރޭގައި ހިމެނޭ 12 ސައިކަލަކާއި ލައިސަންސް ނެތި ދުއްވުމުން ޓޯކުރި ކާރެކެވެ. އަދި، ނުރައްކާތެރިކޮށް ދުއްްވައިގެން ހަ ސައިކަލު ޓޯކުރިއިރު، އަސްލަށް ބަދަލު ގެނެސްގެން ދުއްވި ސައިކަލެއް ވެސް ޓޯކޮށްފައިވެއެވެ.

މިދިޔަ ދެ ދުވަހު މާލެއާއި ހުޅުމާލެއިން ޖުމުލަ 30 މީހަކު ޖޫރިމަނާކުރިއިރު، އޭގެ ތެރެއިން 27 މީހުންނަކީ ސައިކަލު ދުއްވި މީހުންނެވެ. ބާކީ ތިން މީހުންނަކީ، ހަތަރު ފުރޮޅުލީ އުޅަނދު ދުއްވި މީހުންނެެވެ.

ނުރައްކާތެރިކޮށް ދުއްވުމަކީ މާލެއާއި، ހުޅުމާލެއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެެކެވެ. މިކަމުގެ ސަބަބުން ދިމާވާ އެކްސިޑެންޓުތަކުގައި އެތައް ބައެއްގެ ފުރާނަ ވެސް ގެއްލިފައިވެއެވެ.