23 Nov 2025, 15:44
އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ތަމުރީނު "ޖައްރާފާ"ގެ މި އަހަރުގެ ތަމުރީނުތައް މިއަދު ފަށައިފިއެވެ.
މި ތަމުރީނުތަކަކީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އަމަލުކުރަމުންދާ ފަޔާ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ ތަމުރީނުތަކެކެވެ. މި ފަހަރުގެ ތަމުރީނުތައް މިއަދާއި މާދަމާ ކުރިއަށްގެންދަން ވަނީ ހަމަޖެހިފައެވެ.
އެހެންވެ، ތަމުރީނުތައް ކުރިއަށްދާއިރު މާލޭގެ މަގުތަކުގައާއި، މާލޭ ސަރަހައްދުގައި ފަޔާ ވެހިކަލުން ސައިރަން އެޅުމާއެކު ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި ތަމުރީނުތައް މާލެއާއި، ހުޅުމާލޭގެ އިތުރުން، ވިލިމާލެއާއި، ތިލަފުށީގައި އަދި މާލެކައިރީގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު، ހައިރައިޒް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި، ރެސްކިޔު އޮޕަރޭޝަންތަކާއި، ހެޒްމެޓް އޮޕަރޭޝަންގެ އިތުރުން ރޯޑް އެކްސިޑެންޓްތަކުގައި ބޭނުންކުރާ އިމަޖެންސީ ޕްރޮސީޖާސް ފަރިތަކުރާނެ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި ތަމުރީނުތައް ކުރިއަށް ގެންދަނީ، ބޮޑެތި ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ ފަޔާ ފައިޓަރުން ހަރަކާތްތެރިވާއިރު، ފަޔާ ފައިޓަރުންނަށް ލިބިފައިވާ ޢިލްމާއި ހުނަރާއި ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަންނަން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މީގެ އިތުރުން، ހުނަރުވެރިކަމާ އެކު ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތަކާއި، ޚިދުމަތް އަވަސްކުރެވޭނެ ގޮތްތައް ވެސް މި ތަމުރީނުތަކުގެ ތެރެއިން ފަރިތަކުރާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.