23 Nov 2025, 14:28
ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ފުލުހުން ހިންގި ބޮޑު ޑުރަގު އޮޕަރޭޝަންއާ ގުޅޭ ތަފުސީލުތައް ހިއްސާކުރަން ފުލުހުން ދެކޮޅު ހަދައިފިއެވެ.
"އޮޕަރޭޝަން އަލިމަގު"ގެ ނަމުގައި ބޮޑު ޑުރަގު އޮޕަރޭޝަނެއް ހިންގީ މި މަހު 13 ގައެވެ.
އެ އޮޕަރޭޝަން އިއުލާނުކުރެއްވީ ސީދާ ރައީސް މުއިއްޒެވެ. އެ ދުވަހު އެ މަނިކުފާނު ވިދާޅުވީ، އެއް ވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލައި ފާސްކުރާ އޮޕަރޭޝަންގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާނެ ކަމަށެވެ.
ފުލުހުން އެ ދުވަހު ވަނީ އެ އޮޕަރޭޝަންގެ ތެރެއިން 92 މީހުން ހައްޔަރުކުރި ކަމަށް ބުނެފައެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން ފަހުން ވިދާޅުވި ގޮތުގައި 100 އެއްހާ ތަން ބަލައި ފާސްކުރުމަށް ފަހު ހައްޔަރުކުރި 92 މީހުންނަކީ ވެސް ޑުރަގު ވިޔަފާރިވެރިންނެވެ. އެކަމަކު، އެ މީހުންނާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.
މި މައްސަލައިގައި ނޫސްވެރިން އެ ދުވަހުން ފެށިގެން ސުވާލުކުރަމުން އައި ނަމަވެސް އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. އެހެންވެ، އެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ވަނަވަރެއް ވެސް އަދި އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވީގޮތެއް ވެސް ނޭނގެއެވެ. އަދި، މިހާރު އޭގެ ތެރެއިން ބަންދުގައި ތިބީ ކިތައް މީހުން ކަމެއް ވެސް ނޭނގެއެވެ. އެ އޮޕަރޭޝަންގައި ކިހާ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެން ކަމެއް ވެސް ސާފެއް ނޫނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް އެއް ދުވަހެއްގައި ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަނެވެ.
އާންމުކޮށް މި ފަދަ މައްސަލަތަކުގައި އަދި މިއަށްވުރެ މާ ކުޑަކުޑަ މައްސަލަތަކުގައި މާ މަދު މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރާ މީހުންގެ ފޮޓޯއާއި ވަނަވަރު ވެސް ފުލުހުން އާންމުކުރެއެވެ.