ފުލުހުން ފެނުމުން މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތްކުރުމުގެ ތުހުމަތުގައި ޒުވާނަކު އިއްޔެ ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރީ 18 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ, މި މައްސަލައާ ގުޅިގެން މި މީހާ ހައްޔަރުކޮށްފައިވަނީ އިއްޔެ ކަމަށެވެ. ހުޅުމާލެތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވި ފުލުހުން ފެނުމުން އޭނާގެ އަތުގައި އެއްޗެއް ފޮރުވަން މަސައްކަތްކުރި ކަމަށް ފުލުހުން ބުންޏެވެ.

އެކަން ފުލުހުންނަށް ފާހަގަކުރެވިގެން، ފުލުހުން އޭނާ ގާތު މަޑުކުރަން އެންގުމުން މަޑުނުކޮށް ދަނިކޮށް، ނިރޮޅު މަގު ބަސް ސްޓޮޕް ދިމާލަށް އޭނާ ދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ބަސް ސްޓޮޕް ކައިރިން އެ މީހާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ތަކެތީގެ ބަރުދަނަކީ 31.23 ގްރާމު ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތި ބޭނުންކުރުމަކީ ރާއްޖޭގެ އެންމެ ބޮޑު އެއް އިޖުތިމާއީ މައްސަލަ ކަމަށްވާއިރު، މި އަހަރުގެ މިހާތަނަށް އެފަދަ 1،770 މައްސަލަ ހުށަހަޅައިފައިވާ ކަމަށް ތަފާސްހިސާބުން ދައްކައެވެ.