23 Nov 2025, 12:06
ގޭންގެއް މިހާރު ނެތޭ އިއުލާނުކުރެވިދާނެއެވެ. އެ ކުދިން މިހާރު 'ނޯމަލް ލައިފަކަށް' ގޮސްފިއޭ ވިދާޅުވުމުން ހަގީގަތް ބަދަލުވޭ ހެއްޔެވެ؟ ބޭސް އެތެރެކުރަން ވަކި ކުންފުންޏެއް އުފެއްދީމާ، މައްސަލަ މިހާރު ހައްލުވަނީއޭ ވިދާޅުވިޔަސް، މިއިން ދުވަހަކު ބޭހެއް ހޯދަން ނުކުތް މީހުންނަށް ހަގީގަތް އެނގޭނެ ނޫންހެއްޔެވެ؟ މިއަށް ކިޔާނީ އޮޅުވާލުން ނޫންހެއްޔެވެ؟
"އެއްވެސް ހާސްކަމެއް ނެތޭ" ވިދާޅުވިޔަސް، އިގުތިސާދީ ނަންބަރުތަކުން ހަގީގަތް ބުނެ ނުދޭހެއްޔެވެ؟
އަންނަ އަހަރަށް ހުށަހަޅާފައި އޮތް 64 ބިލިއަން ރުފިޔާގެ ރިކޯޑު ބަޖެޓުގައި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރުގެ އަތްދަށުވެފައި ތިއްބެވި މެންބަރުން ރަބާ ސްޓޭމްޕް ޖައްސަވާނެއެވެ. އެންމެ އަކުރެއް ވެސް ބަދަލުނުކޮށްލާ، ކޮމިޓީން އެ އޮތީ ބަޖެޓު ފާސްކޮށްދީފައެވެ. ދެން އެއަށް ބަދަލެއް، އުނިއިތުރެއް ގެނެވޭނީ 'މަތިން އެންގިއްޔާ' އެކަންޏެވެ.
ގާނޫނުއަސާސީ ލިޔުނުއިރު ތަސައްވުރުކުރީ، މަޖިލީހަށް ހުށަހެޅީމާ ބަޖެޓު ފާސްވެގެން އަންނާނީ ހުރިހާ ރައްޔިތުން ވެސް ރުހި ގަބޫލުވާ އެއްޗެއް ގޮތުގައެވެ. ބަޖެޓަކީ ވަރަށް ބޮޑު އެއްޗެކެވެ. އަންނަ އަހަރު ކަންކަން ތަރުތީބުވެގެން އަންނާނެ ގޮތް އޮންނާނީ ބަޖެޓުގައެވެ. މިހާރު ހުރި ބޮޑެތި ހުރިހާ މައްސަލައެއްގެ ހައްލު އެއިން ފެންނަން ޖެހޭނެއެވެ.
އެކަމަކު، މިހާރު މަޖިލީހުގައި އެ އޮތީ އެޔެއް ނޫނެވެ. އެއީ ބޮޑު އޮޅުވާލުމެކެވެ.
ހަގީގަތާ ދުރު ބަޖެޓެއް، މިއީ އޮޅުވާލުމެއް
ބަޖެޓުން އެންމެ އަޅައިގަންނަ އެއް ކަމަކީ އާމްދަނީ އިތުރުކުރުމާއި ޚަރަދު ކުޑަކުރުން މަތިން ހަނދާން ނައްތާލާފައި އޮތް އޮތުމެވެ. ސަރުކާރުގެ ވާހަކަތަކުން އެނގޭ ގޮތުގައި އެ ބޭފުޅުން ދައްކަން ބޭނުންވަނީ 'އިގުތިސާދު ރަނގަޅުވާން' ފަށައިފި ކަމަށެވެ. އެކަމަކު، އެ ވާނީ ދުވާލުގެ އިރަށް ބަލަހައްޓައިގެން ތިބެ، މިއީ މެންދަމުގެ ފިނިކަމޭ ބުނުން ކަހަލަ ކަމެކެވެ.

މަޖިލީހުގެ މެންބަރަކު ބަޖެޓު ފޮތް ކިޔަނީ: ކޮމިޓީން 64 ބިލިއަންގެ ބަޖެޓު ފާސްކުރީ ބަދަލަކާނުލާ --- ފޮޓޯ/ މަޖިލިސް
ސަރުކާރުން ލަފާކޮށްފައި އޮތީ އަންނަ އަހަރު 40.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށެވެ. އެއީ، މި އަހަރަށް ލަފާކުރި 39.8 ބިލިއަން ރުފިޔާއަށްވުރެ ކުޑަކުޑަ އެއްޗެއް އިތުރު އަދަދެކެވެ. އެކަމަކު، އާމްދަނީ އިތުރުކުރުމުގެ އެއްވެސް ފިޔަވަޅެއް ނެތް ބަޖެޓަކުން އެއީ ވެސް ހާސިލުވެދާނެ އަދަދެއްތޯ ސުވާލު އުފައްދަން ޖެހެއެވެ. އެކަން ބަލަންޖެހޭ މިންގަނޑަކީ މި އަހަރުގެ ނަތީޖާއެވެ.
މި އަހަރު 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ޖެހީ، ހިލޭ އެހީގެ ގޮތުގައި ވެސް 2.6 ބިލިއަން ރުފިޔާ ލިޔެފައެވެ. އެކަމަކު، އެއިން މި މަހު 13 ވަނަ ދުވަހާ ހަމައަށް ލިބުނީ އެންމެ 10.8 އިންސައްތައެވެ. އެހެންވީމާ ބާކީ އެ އޮތް 90 އިންސައްތައަކީ ކުއްލިއަކަށް މަތިން ވެއްޓޭނެ އަދަދެއް ނޫނެވެ. ދެ ބިލިއަން ރުފިޔާގެ ހިލޭ އެހީއެއް މަތިން ނުވެއްޓޭނެއެވެ. އެހެންވީމާ އެއީ ދެން ނުލިބޭނެ އަދަދެކެވެ.
މުޅި އާމްދަނީއަށް ބަލާއިރު އަދި ލިބުނީ 33.2 ބިލިއަން ރުފިޔާއެެވެ. އެހެންވީމާ، މި އޮތް މަހަކާއި ކުޑަ ދުވަސްކޮޅެއް ތެރޭ 6.5 ބިލިއަން ރުފިޔާ ލިބިގެން ނޫނީ މި އަހަރުގެ އަމާޒަށް ވެސް ވާސިލެއް ނުވެވޭނެއެވެ.
ދެން އޮތީ ޚަރަދެވެ. މި އަހަރަށް ބަޖެޓުގައި ޖުމުލަ 49.2 ބިލިއަން ރުފިޔާގެ ޚަރަދު ޖެހިޔަސް، އަދި މި މަހު 13 އާ ހަމައަށް ޚަރަދުކުރީ 34 ބިލިއަން ރުފިޔާއެވެ. އެހެންވެ، ބަޖެޓުގެ 30 އިންސައްތައިގައި އަދި އަތްނުލައެވެ. ކުރި ޚަރަދުގެ ވެސް 86 އިންސައްތައަކީ ރިކަރަންޓު ނުވަތަ ހިންގުމުގެ ޚަރަދެވެ. މަޝްރޫއުތަކަށް ހޭދަކުރީ ޖުމުލަ ޚަރަދުގެ އެންމެ 14 އިންސައްތައެވެ. އެއީ، 4.8 ބިލިއަން ރުފިޔާއެވެ. ބަޖެޓުގައި މަޝްރޫއުތަކަށް ހޭދަކުރަން ޖެހި 12.5 ބިލިއަން ރުފިޔާގެ، 61 އިންސައްތައިގައި އަތް ވެސް ނުލައެވެ.
މާނައަކީ މި އަހަރަށް ސަރުކާރުން ހޯދަން އުޅުނު ފައިސާއެއް ނުލިބެއެވެ. މި މަހު 13 ވަނަ ދުވަހާ ހަމައަށް ބަޖެޓު ޑެފިސިޓަކީ 800 މިލިއަން ރުފިޔާއެވެ. އެއީ، ބޭރުން ވެސް އެތެރެއިން ވެސް ދަރަންޏަށް ފައިސާ ނުލިބޭކަމުގެ އެންމެ އަލިގަދަ ދަލީލެވެ.
މި ހަގީގަތް މިހެން އޮއްވާ، އަންނަ އަހަރުގެ ބަޖެޓުގައި 26.3 ބިލިއަން ރުފިޔާ ހޯދަން ލިޔުމަކީ 26 ބިލިއަން ރުފިޔާގެ އޮޅުވާލުމެކެވެ. އެއީ، މައްޗަށް ކުޅު ޖަހާފައި، ނުވެއްޓޭނޭ ހީކުރުން ޒާތުގެ ކަމެކެވެ.
ސަރުކާރުން ބަޖެޓު ފޮތުގައި ލިޔެފައި އޮތެވެ. އޭގެ ތެރެއިން 16.8 ބިލިއަން ރުފިޔާ ހޯދަނީ ބޭރުންނެވެ. ކިހާ ހެއްވާ ހެއްޔެވެ. އެކަމަކު، މީގެ ނުރައްކާތެރި ކަމަކީ ހޯދަން ރާވާފައި އޮތް 26 ބިލިއަން ރުފިޔާގެ ފައިނޭންސިންގެ ތެރެއިން 13 ބިލިއަން ރުފިޔާއަކީ ދަރަނި އަދާކުރަން ހޯދާ ފައިނޭންސިންއެވެ. ފާއިތުވި އަހަރުގެ ނަތީޖާއިން، ކަނޑައެޅިގެން ނުލިބޭނެ ފަދަ މި ވަރުގެ ބޮޑެތި އަދަދުތައް ލިބޭނޭ ލިޔުމަކީ 'ފެންޓަސީ'އެވެ. މިއީ ހުވަފެނެކެވެ. ރަން ފޮއްޓެއް ލައްގާނެ ކަމަށް އުންމީދުކުރުން ކަހަލަ ކަމެކެވެ. ބޭރުގެ މާލީ އިދާރާތަކުން ހީހީ ބަލިވާނެއެެވެ. ރޯން ޖެހޭނީ ދިވެހީންނެވެ.
ހުވަފެނުގައި ތިއްބާ، މާ ލަސްވެދާނެ
އަންނަ އަހަރަށް ބަޖެޓުގައި ޖެހި 40 ބިލިއަންގެ އާމްދަނީއާއި ހިލޭ އެހީގެ މުޅި ފައިސާއަކީ ހިންގުމުގެ ޚަރަދަށް ދާނެ ފައިސާއެވެ. މުޅި ބަޖެޓުގެ 62 އިންސައްތަ ނުވަތަ 39.9 ބިލިއަން ރުފިޔާ އަންނަ އަހަރު ހިންގުމުގެ ޚަރަދަށް ދާނެއެވެ. އެހެންވީމާ، އަންނަ އަހަރު ވެސް މަޝްރޫއުއެއް ހިންގަންޏާ ހިންގަން ޖެހޭނީ ސަރުކާރު ކުންފުނިތައް 'ދަރުވާލައިގެން'ނެވެ.
އަންނަ އަހަރު ދަރަނި ދައްކަން 1.1 ބިލިއަން ޑޮލަރު ހޭދަކުރަން ޖެހެއެވެ. އެއީ، ގާތްގަނޑަކަށް 17 ބިލިއަން ރުފިޔާއެވެ. ލިބޭނެ ކަމަށް ޖެހި އާމްދަނީގެ 42 އިންސައްތައެވެ.
އަންނަ އަހަރު ދައްކަންޖެހޭ ދަރަނީގެ ތެރޭގައި އެއް ފަހަރާ ދައްކަންޖެހޭ 600 މިލިއަން ޑޮލަރު ވެސް ހިމެނެއެވެ. އެއީ، ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާއެވެ. ސަރުކާރުގެ ވިސްނުމަކީ، އެ ފައިސާ ދައްކަން އިތުރު ބޮންޑާއި ސުކޫކު ވިއްކުމެވެ. އެކަމަކު، މި އަހަރުގެ ނަތީޖާއަށް ބަލާނަމަ އެއީ ވެދާނެ ކަމެއްތޯ ހިސާބު ޖަހާލަން ވާނެއެވެ.
ބައިނަލްއަގުވާމީ ހުރިހާ ބޮޑެތި ކްރެޑިޓް ރޭޓިން އެޖެންސީއަކުން 'ޖަންކް' ރޭޓިންއެއް ރާއްޖެއަށް ދީފައި އޮއްވާ، ސުކޫކު ރީފައިނޭންސްކުރަން ބޭރުން 450 މިލިއަން ޑޮލަރު ނުވަތަ 6.9 ބިލިއަން ރުފިޔާ ހޯދަން ޖެހުމަކީ ދިމާކުރަން އުނދަގޫވާނެ ހިސާބެކެވެ. ދެން އޮތީ، ބަޖެޓު ސަޕޯޓުގެ ގޮތުގައި އެކުވެރި ގައުމުތަކުން 300 މިލިއަން ޑޮލަރު ނުވަތަ 4.6 ބިލިއަން ރުފިޔާ ހޯދުމެވެ. ގައުމުތަކުގެ ހެޔޮކަމާއި ދީލަތިކަމުން އެއީ ވެދާނެ ކަމެއް ވިޔަސް، މި އަހަރުގެ ނަތީޖާއާ އަޅާކިޔައިފި ނަމަ ފެންނަނީ ނުވުން ގާތް ތަނެވެ.
ފާއިތުވި ފަސް އަހަރު ވެސް ހޯދަން އުޅުނު ފައިނޭންސިން ބޭރަކުން ނުލިބެއެވެ. އެހެންވެ، އަންނަ އަހަރަކީ އަމުދުން އެ ފައިސާ ހޯދަން ދަތިވާނެ އަހަރެކެވެ.
ބަޖެޓެއްގައި 64 ކަނޑާލާފައި، 150 ބިލިއަން ވެސް ޖެހިދާނެއެވެ. އެކަމަކު، އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ނޫނީ ދެން ހުރި ފައިސާއަކީ ފައިނޭންސްކުރަން ޖެހޭ އަދަދެވެ. މި އަހަރު ވެސް 'އެއް ކަމެއް' ނުކުރެވި ތިބެން ޖެހުނީ ދަރަންޏެއް ދޭނެ ބަޔަކު ނުވީމައެވެ. އެންމެ ފަހުން، އެމްއޭސީއެލަށް ޖިމް ހަދާށާއި، ފުލެޓު ބަލަހައްޓާ ކުންފުންޏަށް ކްލާސްރޫމް އަޅަން ހަވާލުކުރަނީ އަތުގައި އެންމެ 'ލޯ ލާރިއެއް' ވެސް ނެތީމައެވެ.
އެ ހަގީގަތް އޮޅުވާލަން އުޅެވިދާނެއެވެ. އަންނަ އަހަރަށް ވެސް ހުވަފެނީ ނަންބަރުތަކެއް ޖެހިދާނެއެވެ. ބަޖެޓެއްގެ ބަދަލުގައި 'ފެންޓަސީ'އެއް ފާސްކުރެވިދާނެއެވެ. އެކަމަކު، މިއީ އެއަށްވުރެ މާ ނުރައްކާތެރި ކަމެކެވެ. ބޯމަތީގައި ދަރަނީގެ ބޮޑު ވިލާގަނޑެއް އޮއްވާ، މިހެން ހުވަފެން ބަލަން ތިބުމަކީ ބޮޑު ގޯހެކެވެ. ހޭލެވޭއިރު މާ ލަސްވެދާނެއެވެ.