23 Nov 2025, 08:49
ދާދި ފަހުން ޓްރެއިލާ ރިލީޒްކުރި ބޮލީވުޑް އެކްޓަރު ރަންވީރު ސިންގްގެ ފިލްމު "ދުރަންދާރު"ގައި ހިމެނޭ އެކްޝަން ސީންތަކާ މެދު ބެލުންތެރިން ހިތްހަމަނުޖޭހެކަން ފާޅުކޮށްފިއެވެ.
ޑައިރެކްޓަރު އަދިތިޔަ ދާރުގެ މި ސްޕްއި އެކްޝަން ތުރިލާގައި ދުޝްމަނުންނަށް އަނިޔާދޭ މަންޒަރުތަކަކީ ވަރަށް ރަހުމުކުޑަކޮށް މީހުން މަރާލާ މަންޒަރުތަކެއް އިންޑިއާގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ދްރޫވް ރާތީ ވަނީ ބުނެފައެވެ.
އޭނާ ސޯޝަލް މީޑިއާގައި ޕޯސްޓުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ އަދިތިޔަގެ ފިލްމު "ދުރަންދާރު"ގެ ބައެއް މަންޒަރުތަކަކީ އައިއެސްއައިއެސްއިން މީހުން މަރާލާ މަންޒަރު ދައްކަން ރިލީޒްކުރާ ވީޑިއޯތަކާ ދާދި އެއްފަދަ މަންޒަރުތަކެއް ކަމަށެވެ.

ފިލްމު "ދުރަންދާރު"ގެ ޓްރެއިލާއަށް ފާޑިކިޔާފައިވާ ޕޯސްޓެއް--ފޮޓޯ/ޓެލެގްރާފްއިންޑިއާ
އެފަދަ ރަހުމުކުޑަ މަންޒަރުތައް އިންޑިއާގެ ފިލްމެއްގައި ހިމެނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ދްރޫވް ވަނީ އިންޑިއާގެ ސެންސަރު ބޯޑަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ދްރޫވްގެ މި ފާޑުކިޔުންތަކާ ގުޅިގެން އާއްމުންގެ ގިނަ ބަޔަކު ވެސް ވަނީ އޭނާއާ އެއްކޮޅަށް ވާހަކަ ދައްކާފައެވެ. އިންޑިއާގެ ސެންސަރު ބޯޑުން ފިލްމުތަކުގައި ދައްކާ ގައިގޯޅި މަންޒަރުތައް ކަނޑާލާއިރު އެކްޝަން ފިލްމުތަކުގައި ހިމެނޭ ރަހުމުކުޑަގޮތަކަށް މީހުން މަރާލާ މަންޒަރު ދައްކުވައިދޭ ސީންތައް އުނި ނުކުރުމުގެ މާނައަކީ އެފަދަ އަމަލުތަކަށް މަރުހަބާ ކިޔުން ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ.
އެއީ، އިންޑިއާގެ ޒުވާނުންނަށް ދެވޭ ވަރަށް ގޯސް މެސެޖެއް ކަމަށާއި ފިލްމު ޕްރޮޑިއުސަރުން އެފަދަ ކަންކަމާ މެދު ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށް ދްރޫވް ވަނީ ބުނެފައެވެ.
ރަންވީރުގެ ފިލްމުތަކަށް ލޯބިކުރާ ބައެއް މީހުން "ދުރަންދާރު"ގެ ޓްރެއިލާ ބަލާލުމަށްފަހު ބުނެފައިވަނީ އެކްޓަރުގެ ކުރީގެ އެކްޝަން ތުރިލާ ފިލްމުތައް ބަލާލަން ކެރުނު ނަމަވެސް މި ފިލްމު ބަލަން ދާން އެމީހުން ޖެހިލުންވާ ކަމަށެވެ.
ހަމައެއާއެކު އަދިތިޔާއަކީ ނެޝަނަލް އެވޯޑު ވެސް ކާމިޔާބުކޮށްފައިވާ ކުޅަދާނަ ޑައިރެކްޓަރަކަށްވާއިރު މި ފަހަރުގެ ފިލްމުގައި ހިމަނާފައިވާ ބައެއް މަންޒަރުތަކުގެ އެއްވެސް ލިމިޓެއް ނެތް ކަމަށް ބުނެ، ބައެއް ބެލުންތެރިން ވަނީ ޑައިރެކްޓަރަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
ރަންވީރު ސިންގްގެ އިތުރުން އަރުޖުން ރާމްޕާލް، ސަންޖޭ ދަތު، އަކްޝޭ ކަންނާ އަދި އާރް މާދަވަން މުހިއްމު ރޯލް ކުޅޭ މި ފިލްމު ސިނަމާތަކަށް ގެންނާނީ އަންނަ މަހުގެ ފަސްވަނަ ދުވަހެވެ.