ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ އިންޑިއާގެ މަޝްހޫރު އެކްޓަރު ޕަންކަޖު ތުރިޕާތީ ފިލްމު ޕްރޮޑަކްޝަންއާ ގުޅިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށް ޕަންކަޖު ގެނެސްދޭ ފުރަތަމަ ޕްރޮޖެކްޓަކީ ޔޫޓިއުބް މެދުވެރިކޮށް ބެލުންތެރިންނަށް ގެނެސްދޭ ސީރީސްއެކެވެ.

މުޅިއެކު 8 އެޕިސޯޑުގެ މައްޗަށް ބިނާކޮށް އުފައްދާ މި ސީރީސްގެ ނަމަކީ "ޕާފެކްޓް ފެމިލީ"އެވެ. ޕަންކަޖްގެ އިތުރުން ޕްރޮޑިއުސަރުންގެ ޓީމުގައި އަޖޭ ރާއި ވެސް ހިމެނޭ މި ސީރީސް ޔޫޓިއުބް ޗެނަލްގައި ރިލީޒްކުރަން ނިންމާފައިވަނީ މި އަންނަ ބުރާސްފަތި ދުވަހެވެ.

މި ސީރީސްގެ ފުރަތަމަ ދެ އެޕިސޯޑު ހިލޭ ބެލުންތެރިންނަށް ބަލާލެވޭނެ ކަމަށާއި ނަމަވެސް ދެން ހުރި އެޕިސޯޑުތައް ބެލުމަށް އެޕިސޯޑަކަށް 59 އިންޑިއާ ރުޕީސް (ދިވެހި 11 ރުފިޔާ) ފީއެއްގެ ގޮތުގައި ދައްކަންޖެހޭނެއެވެ.

ޕަންކަޖް ޕްރޮޑިއުސްކޮށްފައިވާ "ޕާފެކްޓް ފެމިލީ" ސީރީސްގެ ޓްރެއިލާގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

ސަޗިން ޕަތަކް ޑައިރެކްޓްކަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ "ޕާފެކްޓް ފެމިލީ"ގެ ކާސްޓުގައި ހިމެނޭ ތަރިންނަކީ ގުލްޝަން ދެވައިއާ، ނެހާ ދޫޕިއާ، މަނޯޖް ޕާހްވާ، ސީމާ ޕާހްވާ އަދި ގިރިޖާ އޯކްއެވެ.

މި ސީރީސްގެ ވާހަކަ ބިނާކޮށްފައިވަނީ އާއިލާއެއްގައި ހިމެނޭ ޒުވާން އަންހެން ކުއްޖަކަށް ހާދިސާއަކާ ގުޅިގެން އެ އާއިލާގެ ހުރިހާ މެންބަރުންގެ ވެސް ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ ބޭނުމުގައި ތެރަޕީ ސެޝަންތަކަށް ދިއުމުގެ މުހިންމުކަމުގެ މައްޗަށެވެ.

މިއީ އިންޑިއާގެ ގިނަ ބަޔަކު ނަފުސާނީ ދުޅަހެޔޮކަން އިތުރުކޮށް އެކަމާ ގުޅިގެން ނަގާ ތެރަޕީ ސެޝަންތަކުގެ މުހިންމު ކަމަށް އާއްމުން އަހުލުވެރިކުރުމުގެ ގޮތުން އުފައްދާ ސީރީސްއެކެވެ.

މި ސީރީސް ބިނާކޮށްފައިވާ މައުޟޫގެ ގޮތުން މިއީ ޕަންކަޖްއަށް ވަރަށް ޚާއްސަ ޕްރޮޖެކްޓެއް ކަމަށާއި މި ސީރީސް ޕްރޮޑިއުސްކުރުމަކީ ފިލްމީ ދާއިރާގެ މުޅިން ތަފާތު މަސައްކަތެއް ތަޖުރިބާކޮށްލަން ލިބުނު ފުރުސަތެއް ކަމަށް ޕަންކަޖް ވަނީ ބުނެފައެވެ.

އެމެޒޯން ޕްރައިމްގެ މަގުބޫލު ވެބް ސީރީސް "މިރުޒާޕޫރް"ގެ އެކްޓަރު އެންމެ ފަހުން ފެނުނީ ޑައިރެކްޓަރު އަނޫރާގް ބާސޫގެ ފިލްމު "މެޓްރޯ އިން ދިނޯ"އިންނެވެ.