ނާވީ އޭނަ ދޫކޮށްލާފައި ދިޔައީބާއޭ ހިތަށް އެރުމާއެކު އޭނާގެ ހިތްވެސް ހީވީ ގެނބިގެން ދިޔަ ހެންނެވެ.

ވެދިޔަ އެއްވެސް ކަމެއްގައި ނާވީގެ ކުށެއް ނެތެވެ. އެމީހުންނަށް އަނިޔާވެރިވީ ނާވީއެއް ނޫނެވެ. ނާވީގެ ޢާއިލާއެވެ. ވީއިރު އެއިން އެއްވެސް ކަމެެއްގައި ނާވީ ކުށްވެރިކުރުމަކީ އިންސާފަކަށް ނުވާނެއެވެ. ވަކިން ޚާއްސަކޮށް ނާވީ އޭނަ ދެކެ އެހާ ލޯބިވާއިރުއެވެ. ހުރިހާކަމެއްގެ ނުރައްކާތެރިކަން އެނގިހުރެ އެހީތެރިވާއިރުގައެވެ. މިއަދު އޭނައެކޭ އެއްގޮތަށް ނާވީއަށް ވެސް އަސަރު ކުރާނެއެވެ.

"ނާވީ... " ރަނީމްއަށް ވައި އަޑުން ގޮވައިލެވުނެވެ. އޭނައަށް މާޔޫސްކަމާއެކު އިސްޖަހައިލެވުނެވެ. މުޅި ހަށިގަނޑުގައި ހީވީ ކުށްވެރިކަމުގެ ފަރުދާއެއް އޮޅައިލި ހެންނެވެ.

"ރަނީމް..." އެ މާޔޫސްކަމަށް ނިމުން ގެނުވީ ނާވީގެ އަޑެވެ. ރަނީމްއަށް ވަގުތުން ފަހަތަށް އެނބުރެވުނެވެ. ނާވީ ހުރީ އޭނައާ ހަވަރަކަށް ފޫޓު ދުރުގައެވެ. ފެންކަޅިވަމުން ދިޔަ ދެލޯ އަތުގެ ނުފުށުން ފުހެލުމާއެކު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ރަނީމް ނާވީގެ ކުރިމަތީގައި ހުއްޓުނެވެ.

"ނާވީ..." ދުލުން ބޭރުކޮށްލެވުނީ ހަމައެކަނި ނާވީގެ ނަމެވެ. މާފަށް އެދެން ބޭނުންވެފައިވީ ޙާލު ރަނީމް ނާވީއާ ހަތަރު ކަޅި ހަމަކޮށްލި ހިނދު، ނާވީގެ ދެލޮލުން ވެސް އޭނައަށް އިންތިހާ ވޭން ފެނުނެވެ. އެ ވޭނީ އަސަރުތައް އޭނާގެ ހިތަށް ވެސް ފުން އަސަރުތަކެއް ކުރުވިއެވެ.

"އަހަންނަށް މާފުކުރޭ ރަނީމް. މިއަދު އަހަރެން ރަނީމްއާ ކުރިމަތިލާން ލަދުގަނޭ... ތިހުރިހާ ކަމެއް ރަނީމްއާ ރަނީމްގެ ޢާއިލާއަށް ތި ދިމާވަނީ އަހަރެންގެ އާއިލާގެ ސަބަބުން. އަހަންނަށް އަހަރެންގެ ޢާއިލާއެއް ބަދަލެއް ނުކުރެވޭނެ. ކިތަންމެ ބޭނުން ނުވިޔަސް ރަނީމްމެންގެ ތި ޙާލަތުގައި އަހަރެންވެސް..." ނާވީއަށް ބުނެވުނީ އެވަރަށެވެ. ރަނީމް ނާވީގެ ޖުމްލަ މެދު ކަނޑާލަމުން ވާހަކަ ދައްކަން ފެށިއެވެ.

"ނޫން ނާވީ. ނާވީ އަކީ ގޯސް މީހެއް ނޫން. ވެދިޔަ އެއްވެސް ކަމަކަށް އަހަރެން ނާވީ ކުށްވެރިއެއް ނުކުރަން. އަހަރެން ނާވީއަށް ޝުކުރުވެރިވަން. މިއަދު އަހަންނަށް އަހަރެންގެ އުފަން ބައްޕައާ ބައްދަލުވާން ފުރުސަތު ލިބުނީ ނާވީގެ ސަބަބުން. އަހަރެމެންނަށް އެހީވުމަކީ ކިހާ ނުރައްކާތެރިކަމެއްކަން އެނގިހުރެ އެހީތެރިވީ ހަމައެކަނި ނާވީ. އެކަން އަހަރެން ކިހިނެއް ހަނދާން ނައްތާލާނީ..." ރަނީމް ބުނެލިއެވެ.

"އެކަމަށް ޝުކުރުވެރިވާންތަ ރަނީމް ތިއައީ؟" ނާވީއަށް ޝަކުވާގެ ރާގެއްގައި ސުވާލުކޮށްލެވުނީ ގަސްތަކު ނޫނެވެ. އެހެންނަމަވެސް ހިތުގައި ރިހެމުން ދިޔައީތީއެވެ. ރަނީމް އެއްފަހަރުވެސް އޭނަ ދެކެ ލޯބިވާ ވާހަކަ ނުބުނީތީއެވެ.

"އަހަރެން މިއައީ އަހަރެން ނާވީ ދެކެ ލޯބިވާތީ... ވަރަށް ބޮޑަށް ލޯބިވާތީ... ނާވީ... އަހަންނަކަށް ނޭނގެ ނާވީއާ ނުލާ އުޅޭނެ ގޮތެއް." ފަހު ޖުމްލަ ބުނެލިއިރު ރަނީމްގެ އަޑު ކުރެހިއްޖެއެވެ. އޭނައަށް ރޮވޭ ގޮތްވިއެވެ.

ނާވީ ރަނީމްގެ އަތުގައި ހިފައްޓާފައި އޭނައާ ގާތްކޮށްލިއެވެ.

"އަހަރެން ހީކުރީ ރަނީމް ދެން ނާންނާނެކަމަށް." ނާވީ ބުނެލިއެވެ. "އަހަރެން ވަރަށް ލޯބިވޭ..."

އޭނަ ލޯތްބާއެކު ރަނީމްގެ ކަރުނަތައް ފުހެދިނެވެ. ރަނީމްވެސް ލުއިކޮށް ހީނލިއެވެ. އޭނަ އަތުގައި އޮތް އުޅާއަށް ބަލައިލިއެވެ.

"ބައްޕަ ހުއްދަ ދީފި މި ނަގަން." ރަނީމް ހާމަކޮށްލިއެވެ.

"އެކަމަކު އޭރުން ކިހިނެއްވާނީ؟" ނާވީގެ މޫނުނަތީން ހާސްކަން ފެނިލިއެވެ.

"އަހަރެން ބޭނުން އަހަރެންގެ އަސްލު އެނގެން. އަހަރެންގެ ބާރުތައް އެނގެން. މި ނެގީމަ އަންނަ ބަދަލުތައް އެނގެން." ރަނީމް ކުޑަކޮށް ނާވީއާ ދުރަށް ޖެހިލިއެވެ.

ނާވީ ބޯ ޖަހައިލީއެވެ. ރައާބިލް ހުއްދަ ދިންކަމަކަށް ހުރަސް އަޅާކަށް އޭނަ ބޭނުމެއް ނޫނެވެ. ކޮންމެ ގޮތެއް ވިޔަސް ރައާބިލްއަކީ ރަނީމްގެ ބައްޕައެވެ. އަދި އެއީ ހުރިހާ ގޮތަކުން ބެލި ނަމަވެސް އޭނައަށް ވުރެ ވިސްނުން ތޫނު މީހަކަށް ވާނެކަން ޔަޤީނެވެ. ރައާބިލް އޭނަގެ ދަރިފުޅުގެ ފުރާނަ ނުރައްކަލަކަށް ހުށައެއް ނާޅާނެއެވެ. އެވަރު ޔަޤީންކަން ނާވީއަށް އޮތެވެ.

"ރަނީމް ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކާއެކީ އަހަރެން ހުންނާނީ ރަނީމްއާ އެކީ..." ނާވީ ބުނެލިއިރު ރަނީމްއަށްޓަކައި ވާ ލޯބި އެ އަޑުން އެކަނިވެސް ފާޅުވަމުން ދިޔައެވެ.

"އެކަމަކު ތި އުޅާ ވަކިކޮށްލާއިރު ބާރުތައް ބޭނުން ކުރާކަށް ރަނީމްއަކަށް ނޭނގޭނެ. އެއީ ދަސްކުރަން ޖެހޭ ހުނަރެއް." ނާވީ ބުނެލިއެވެ. ރަނީމް ބޯ ޖަހައިލިއެވެ. އެއަށްފަހު އޭނަ އަތުން އެ އުޅާ ވަކިކޮށްލަން ވެގެން އުޅުނެވެ. އެކަމަކު އެކަމަށް ނާވީ ހުރަސް އަޅައިފިއެވެ.

"މިވަގުތު؟ މިތާތަ؟" ނާވީއަށް ސުވާލުކޮށްލެވުނެވެ.

"އާނ..." ރަނީމް ބޯ ޖަހައިލިއެވެ. "ކަމެއް ވިއްޔާ ނާވީ ތިހުރީނު. އަހަރެން ނާވީއަށް އިތުބާރުކުރަމޭ..." ރަނީމް ބުނެލިއެވެ.

ނާވީގެ ތުންފަތަށް އުފާވެރި ހިނިތުންވުމެއް ވެރިވި ނަމަވެސް ކުރިމަތީގައި އޮތް ރާސްތާގެ ނުރައްކާތެރިކަން އޭނަ ހަނދާންނައްތައެއް ނުލަ އެވެ. އެހެންނަމަވެސް އޭނަ އަޒުމު ކަނޑައެޅީ ދިމާވާ ކޮންމެ ނުރައްކަލަކުން ރަނީމް ރައްކާތެރިކުރުމަށެވެ. މީގެ ކުރިއެކޭ އެއްގޮތަށް އަމިއްލަ އާއިލާއާ ކުރިމަތިލާން ޖެހުނަސް އެވެ.

"ހިނގާ އަހަންނާއެކު..." ނާވީ ރަނީމްގެ އަތުގައި ހިފައިގެން ގޮނޑު ދޮށަށް ފޭބިއެވެ. އޭނަ މައުނަވީ ގޮތަކަށް ރަނީމްއަށް ބަލައިލާފައި، އެ އަތުގައި ހިފައިގެން ދުއްވައިގަތީއެވެ. އެހިނދު އޭނަގެ ކައިރިން އުފެދުނު ފެހި ނޫ އަލިކަމާއެކު ކުދި ކުދި އަލި ގުޅަތަކެއް ވެސް ހަރަކާތްތެރިވާން ފެށިއެވެ. ރަނީމްއަށް އެއީ އާ ކަމަކަށް ނުވި ނަމަވެސް، އޭނަގެ ފައި ބިމުން އުފުލުމާއެކު ހައިރާންވެ ތިރިއަށް ބަލައިލެވުނެވެ.

*****

އަލިފާންގަނޑު ދޮށުގައި އިނދެ، ހާމިދު ކިޔެވެލި ކިޔަވަމުން ދިޔައެވެ. ލޯ މަރާލައިގެން އިނދެ ކިޔަވަ ކިޔަވާފައި އޭނާ ފުމެން ފެށިއެވެ. އޭރު ވަށައިގެން ހުރި އުއްބައްތިތައް ވެސް ހުރީ ދިއްލާލާފައެވެ. ކުއްލިއަކަށް ޖެހިލި ވައިރޯޅިއަކާއެކު، އުއްބައްތި ނިވި ދިއްލޭ ގޮތްވެލިއެވެ. ހާމިދުގެ ތުންފަތް މައްޗަށް ކާމިޔާބުގެ ހިނިތުންވުމެެއް ވެރިވިއެވެ.

އޭނަގެ ފަހަތުގައި އެހެން މަޚްލޫޤެއް ހުރިކަން ހާމިދަށް އެނގެއެވެ. އެހެންނަމަވެސް ފަސް އެނބުރި ބަލައިލުމުގެ ޚިޔާލެއް އޭނަ ނުކުރެއެވެ. އެއިން ގޮތަށް އިނީއެވެ.

ދެން ފެނުނީ ކުއްލިއަކަށް އެ ހިސާބުގައި ހުރި ގަސްތައް ތެޅެން ފެށި ތަނެވެ. ތަނުގައި ހުރި މުރަނަ ފަތްތައް ވެސް ވަޔާއެކު އުދުހެން ފަށައިފިއެވެ. އުއްބައްތީގެ ހުޅުުކޮޅުތަކަށް ވެސް ކެތް ނުކުރެވި ބައެއް އުއްބައްތި ތައް ނިވިއްޖެއެވެ. ގާތް ގަނޑަކަށް، ވިއްސަކަށް ސިކުންތައް ދެމިގެން ދިޔަ ވައިރޯޅިތަކަށްފަހު ތަން ހިމޭންވީ، ހާމިދު ގޮސް ކޮށީގައި އިން ކުކުޅު ނެގި ހިސާބުންނެވެ. ހާމިދުގެ އަތް ޖެހުމާއެކު އެ ސޮރު ވެސް ރޯން ފެށު ގޮތުން ހީވީ މި ވާން އުޅޭ ގޮތެއް އެނގިގެން ހަޅޭއްލަވަން ފެށި ހެންނެވެ.

އެ ކުކުޅު ހިފައިގެން ގޮސް ހާމިދު، އޭތި ބާއްވާފައި ކަތިލިއެވެ. އޮހުނު ލޭތައް އޭނަ ފުޅިއަކަށް ވެސް އެޅިއެވެ.

އޭރުވެސް އެ މަޚްލޫޤު ހަމަ އެ ހުރިތަނުގައި ހުއްޓެވެ. ހާމިދަށް ބަލަހައްޓައިގެންނެވެ.

(ނުނިމޭ)