ކޮލަމްބޯ އިން: އަހުމަދު ނާއިފު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ރަސްމީ ދަތުރުފުޅެއްގައި މިއަދު ސްރީލަންކާއަށް ވަޑައިގެންފި އެވެ. މި ދަތުރުފުޅުގައި ލަންކާގެ ރައީސްއާ އެކު ބާއްވާ ބައްދަލުކުރެއްވުން އޮންނާނީ މިއަދު ލަންކާގަނޑިން ހަވީރު 4:30ގަ އެވެ. އެ މަޝްވަރާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރީގެ ޕާލިމަންޓް ހައުސް އަދި މިހާރު ލަންކާގެ ރައީސް މަހިންދުރަ ރާޖަޕަކްސާގެ ސެކްރެޓޭރިއޭޓް އޮފީހުގަ އެވެ. ދެ ގައުމުގެ ދެ މެދުގައި ބާއްވާ ރަސްމީ ވާހަކަތައްވެސް މިއަދު އޮންނާނެ އެވެ.

މި ވަގުތު ލަންކާގައި ހުންނެވި ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދު މިއަދު ވިދާޅުވީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ވާހަކަތަކެއް ދެ ގައުމުގެ ދެމެދުގައި ބާއްވާނެ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވި އެވެ. ރައީސް މާލެ އިން ފުރުއްވުުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވަނީ ރާއްޖޭގެ މަޝްރަހު ފިނުކުރުމަށް ލަންކާ އިން މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޝައުގުވެރިވާކަން ފާޅުކޮށްފައިވާ ކަމަށެެވެ. މި ވާހަކަތަކުގައި އެ ކަމާ މެދު މަޝްވަރާކުރައްވާނެ ކަން ވަނީ އެނގިފަ އެވެ.

ރައީސް ލަންކާއަށް ވަޑައިގަތީ މިއަދު މެންދުރު 11:30 ގައި ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގަ އެވެ.

ސްރީލަންކާގެ، މައި އެއާޕޯޓު، ކޮލަމްބޯގެ ބަންޑާރަ ނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ރައީސް ޑރ. ވަހީދަށާއި އަނބިކަބަލުން އިލްހާމް ހުސެއިން އަށް މަރުހަބާ ދެންނެވީ ލަންކާގެ ފޮރިން މިނިސްޓާ، ޕްރޮފެސާ ޖީއެލް ޕީރިސް އާއި ރާއްޖެއިން ލަންކާއަށް ކަޑައަޅުއްވާފައި ހުންނަވައި ސަފީރު ހުސެއިން ޝިހާބެވެ. ރައީސްގެ ދެކަބަލުންގެ ޝަރަފުގައި އެއާޕޯޓުގައި އޮނަގާޑެއް އެރުވި އިރު އެއާޕޯޓާއި އެ ސަރަހައްދުގެ ވަށައިގެންވާ ސަރަހައްދުތައް ވަނީ ލަންކާގެ ދިދަ އާއި ރާއްޖެ ދިދަ ޖަހައި ޒީނަތްތެރިކޮށްފަ އެވެ. އަދި ރައީސް އާއި ލަންކާގެ ރައީސް، ރާޖަ ޕަކްސަގެ ފޮޓޯ ޖަހާފައިވާ ލިޔުންތައް ވަނީ އެކި ސަރަހައްދުތަކުގައި ހަރުކޮށްފަ އެވެ. ރައީސް ހުންނެވުމަށް ހަމަޖެހިފައިވާ ހިލްޓަން ހޮޓަލްއާ ވީސަރަހައްދު ވެސް ވަނީ ރާއްޖެ އާއި ލަންކާދިދައިން ޒީނަޔްތެރިކޮށްފަ އެވެ.

މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެކޮނޮމިކް މިނިސްޓަރު އަހުމަދު މުހަންމަދާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަދި އެންވާރުމަންޓް މިނިސްޓަރު މަރިޔަމކް ޝަކީލާ ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. އަދި ފޮރިން މިނިސްޓަރު އަބްދުއްސަމަދާއި އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ދުންޔާ މައުމޫން ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ރައީސްގެ މި ދަތުރުގައި މާދަމާ އޮންނާނީ ލަންކާގައި ތިއްބަވައި ޑިޕްލޮމެންޓުންނާއި ބިޒްނަސްކޮމިއުނިޓީއާ ބައްދަލުކުރެއްވުމެވެ. އަދި ލަންކާގައި ތިބޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ރައީސްގެ ޝަރަފުގައި މަހިންދުރަ ރާޖަ ޕަކްސާ ދެއްވާ ފަރިއްކޮޅު މިރޭ ހިލްޓަން ހޮޓަލްގައި އޮންނާނެ އެވެ. އަދި މިގައުމުގެ މަގުބޫލު ޓޫރިސްޓު މަންޒިލްތަކަށް ރައީސް ޒިޔާރަތްކުރައްވާނެ އެވެ.