22 Nov 2025, 19:41
މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ސްޓޫޑެންޓު ލޯނަށް މި އަހަރު ކުރި ޚަރަދު މިދިޔަ އަހަރަށްވުރެ 132.9 މިލިއަން ރުފިޔާ ދަށްވެއްޖެއެވެ.
ސަރުކާރުން މި އަހަރު ސްޓޫޑެންޓް ލޯނަށް ޚަރަދުކުރަން ބަޖެޓުގައި ކަނޑައަޅާފައިވަނީ 768 މިލިއަން ރުފިޔާއެވެ.
ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފުސީލު ހިމެނޭ ގޮތަށް ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުން ދައްކާ ގޮތުގައި، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯނަށް ޚަރަދުކޮށްފައިވަނީ 491.6 މިލިއަން ރުފިޔާއެވެ.
އަހަރު ނިމެން އެއް މަހާ ދުވަސްކޮޅަކަށް ވެފައިވާއިރު ސްޓޫޑެންޓް ލޯނުގެ ގޮތުގައި ދޫކޮށްފައި ވަނީ، މިދިޔަ އަހަރާ އަޅާ ބަލާއިރު 132.9 މިލިއަން ރުފިޔާ މަދުންނެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ސްޓޫޑެންޓް ލޯނަށް 624.5 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ސްޓޫޑެންޓް ލޯނަށް ކުރާ ހޭދަ ވަރަށް ބޮޑަށް ދަށްވިއިރު ތައުލީމީ ދާއިރާއަށް ކުރާ ޚަރަދު ޖުމުލަ ގޮތެއްގައި މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ ބޮޑުބައި ނިމުނުއިރު ވަނީ ދަށްވެފައެވެ.
އެގޮތުން، ބަލާއިރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ދައުލަތުގެ ބަޖެޓުން މި އަހަރަށް ކަނޑައެޅި 1.3 ބިލިއަން ރުފިޔާއިން މިހާތަނަށް ޚަރަދުކުރީ 900.8 މިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރާ އަޅާ ބަލާއިރު 124.1 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މިދިޔަ އަހަރު އެ މުއްދަތުގައި 1،024.9 މިލިއަން ރުފިޔާ ޚަރަދުކުރިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއަށް ބަލާއިރު 4.4 ބިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވިއިރު މިހާތަނަށް ޚަރަދުކުރީ 3.1 ބިލިއަން ރުފިޔާއެވެ. އެއީ، މިދިޔަ އަހަރަށްވުރެ 114.1 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
ފިނޭންސް މިނިސްޓްރީން އެ ހިސާބުތައް އާންމުކުރިއިރު، ދަރިވަރުންގެ ސްޓޫޑެންޓް ލޯނު ފައިސާ ލިބުން ލަސްވުމާއި ސިޓީތަކާއި އީމެއިލްތަކަށް ޖަވާބު ލިބުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. ޚާއްސަކޮށް ދަރިވަރުންނަށް ދޫކުރަންޖެހޭ ސްޓެއިޕެންޑާއި ޓިއުޝަން ފީ ޖަމާކުރުން ލަސްވުމުގެ މައްސަލަ އޮތީ ބޮޑުވެފައެވެ.
ވަކިން ޚާއްސަކޮށް ރާއްޖެއިން ބޭރުން ސްޓޫޑެންޓް ލޯނުގައި ކިޔަވާ ދަރިވަރުންނާއި ބެލެނިވެރިންގެ ޝަކުވާ އެކަމުގައި ބޮޑެވެ.
އެ ކަމާ ގުޅޭގޮތުން އޭޕްރިލް މަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ, ސަރުކާރުގެ ލޯން ސްކީމާއި ސްކޮލާޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ދޫކުރަންޖެހޭ ފައިސާ ބައެއް ފަހަރު ލަސްވާކަން ގަބޫލުކުރައްވައި ކަމަށާއި އެހެން ދިމާވަނީ ދަރިވަރުން ފޮނުވާ މައުލޫމާތު ފުރިހަމަނުވާތީ ކަމަށެވެ.
އޭގެ ފަހުން މެއި 13 ވަނަ ދުވަހު ވެސް މަޖިލީހަށް ވަޑައިގެން ހައިދަރު ވަނީ ދަރިވަރުންނަށް ދިމާވާ ދަތިތަކާއި އެ ކުދިންގެ ޝަކުވާތައް ބަލައިގަތުމަށް "ހަޔާ އެޑިއުކޭޝަން މެނޭޖުމެންޓް ސިސްޓަމް"ގެ ނަމުގައި ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް އަންނަ އޮކްޓޯބަރު މަހުގެ ކުރިން ތައާރަފުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ އޮކްޓޯބަރު މަހު ނިންމަން ބުނި ޚާއްސަ މޮބައިލް އެޕްލިކޭޝަން، އެ މުއްދަތު ފަހަނައަޅައި ދިޔައިރުވެސް ނުނިމި އޮއްވައި މިނިސްޓްރީން އަލުން އާ މުއްދަތެއް ވަނީ ދީފައެވެ. މިނިސްޓްރީން ބުނީ މިވަގުތު ކުރަމުންދާ މަސައްކަތަކީ އެ އެޕްގެ ޓެސްޓިން މަރުހަލާ ކަމަށެވެ. އެ މަރުހަލާ ނިންމަން ވީހާވެސް އަވަހަށް މަސައްކަތްކުރަމުންދާ ކަމަށާއި، މި މަސްތެރޭ އެޕްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ސްޓޫޑެންޓު ލޯނަށް އަހަރެއްގެ މައްޗަށް 1.5 ބިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރެއެވެ. އެ ފައިސާ ދޫކުރަނީ ކޮންމެ ދަރިވަރަކަށް ވެސް ހަ މަހުން ހަ މަހުންނެވެ.
އެ ފައިސާ ހަމަޖައްސައިދިނުމުގައި މަރުހަލާތަކެއް އޮންނައިރު، ކުރިއަށްވުރެ އެ މަރުހަލާތަކަށް ހޭދަވާ މުއްދަތު މިހާރު ކުރުވާނެ ކަމަށް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި، ސްޓޫޑެންޓު ލޯނުގެ ފައިސާ ލަސްނުވެ ހަމަޖައްސައިދިނުމަށްޓަކައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބޭރުން ހޯދަން ޖެހޭ އެހީތެރިކަމެއް ވިޔަސް ހޯދާނެ ކަމަށް މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.