22 Nov 2025, 15:12
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލެ ސަރަހައްދުގެ ރައްޔިތުންނަށް ޚާއްސަކޮށް ބައްދަލުވުންތައް ބާއްވާނެކަން އިއުލާން ކުރެއްވި ފަހުން، ފުރަތަމަ ބައްދަލުވުން ބާއްވަވާނީ ވިލިމާލޭގައި ކަމަށް ސަރުކާރުން މިއަދު އިއުލާންކޮށްފިއެވެ.
މި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ރައީސް ވަނީ މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ ވަކިވަކިން އެ މަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރައްވަން ރައީސް މާދަމާ ރޭ ފައްޓަވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ, ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުން މާދަމާ ރޭ 20:30ގައި ވިލިމާލޭ މުޙްޔިއްދީން ސްކޫލްގައި އޮންނާނެ ކަމަށެވެ.
"ވީމާ ވިލިމާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދަޢުވަތު އަރުވަމެވެ." ހީނާ ވިދާޅުވިއެވެ.
ދެހާސް ބާވީސް ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ވިލިމާލޭގެ އާބާދީ 6754އަށް އަރައެވެ.
މިދިޔަ މަހު މި ސަރުކާރުން ވަނީ ވެރިކަަމަށް ދެ އަހަރު ނުވަނީސް، ރައީސް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައިފައިވާކަން ފާހަގަކޮށްފައެވެ.