22 Nov 2025, 11:43
މި ސަރުކާރު ވެރިކަމާ ހަވާލުވީ ފަހުން 24 މީހަކަށް ބޯންމެރޯ ހަދައިދިނުމަށް ޒަކާތު ފަންޑުން އެހީދިންކަން ހާމަވެއްޖެއެވެ.
ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ވަނީ، ނޮވެންބަރު، 2023އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ބޯންމެރޯއަށް ދިން އެހީގެ ހިސާބުތައް އާންމުކޮށްފައެވެ.
އެ ހިސާބުތަކުން އެނގޭ ގޮތުން، މި އަހަރުތެރޭ، އޮކްޓޫބަރުގެ ނިޔަލަށް 10 މީހަކަށް ބޯންމެރޯ ހަދައިދޭން 1.5 މިލިއަން ރުފިޔާ ޒަކާތު ފަންޑުން ވަނީ ޚަރަދުކޮށްފައެވެ.
މިދިޔަ އަހަރު ބޯންމެރޯ ހަދަން ނުވަ މީހަކަށް ވަނީ އެހީދީފައެވެ. އެއީ، ސަރުކާރުން ވެރިކަމާ ހަވާލުވީ ފަހުން، އެ ފަރުވާއަށް އެންމެ ގިނައިން ޚަރަދުކުރި އަހަރެވެ. އެ އަހަރު އެކަނި 7.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ހަމައެހެންމެ، ނޮވެންބަރު 2023އިން ފެށިގެން އެ އަހަރުގެ ނިޔަލަށް ފަސް މީހުންގެ ބޯންމެރޯއަށް ޒަކާތު ފަންޑުން ހޭދަކުރިއެވެ. އެއީ، 3.8 މިލިއަން ރުފިޔާއެވެ.
ތެލެސީމިއާ ހުންނަ މީހުންނަށް ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ތެލެސީމިއާގެ ފަރުވާ ހޯދާ ކުދިންނަށް މި ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއް ދޭނެ ކަމަށް އެ މަނިކުފާނު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ޚާއްސަ ހޮސްޕިޓަލެއް ގާއިމް ކުރަން ވެސް މަސައްކަތް ފަށާފައެވެ.
،