23 Aug 2012, 13:20
އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ކުޅުނު ދެ ވަނަ މެޗުން ވެސް ރޭ އެޓީމް މޮޅުވެއްޖެ އެވެ.
ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ރާއްޖެ ގަޑިން 11:45 ގައި ކުޅުނު މެޗުން އެޓީމް މޮޅުވީ މިފަހަރުގެ ލީގަށް އަލަށް ޕްރޮމޯޓިވި ރެޑިން އަތުން 4- 2 ލަނޑުން ނެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ޗެލްސީ އިން ނެވެ. އެލަނޑު މެޗުގެ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ޗެލްސީއަށް ކާމިޔާބު ކޮށްދިނީ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑެވެ.
މެޗުގެ ލީޑް ޗެލްސީއިން ނެގި ކަމުގައި ވިޔަސް، އޭނގެ ހަތް މިނެޓް ފަހުން ރެޑިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެލަނޑު ރެޑިންއަށް ކާމިޔާބު ކޮށްދިނީ ފޯވަޑް ޕަވެލް ޕޮގްރެބްނިޔަކެވެ.
ރަސިޔާގެ ފޯވާޑް ޕަވެލް ރެޑިންއަށް ލަނޑެއް ކާމިޔާބު ކޮށްދީ އެޓީމަށް ހިތްވަރު ހޯދާދިންއިރު، އޭނގެ ހަތަރު މިނެޓް ފަހުން ރެޑިންއިން ވަނީ ލަނޑެއް ކާމިޔާބު ކޮށް މެޗުގެ ލީޑް ނަގައިފަ އެވެ. އެ ލަނޑު ރެޑިން އަށް ކާމިޔާބު ކޮށްދިނީ ޑެނީ ގުތުރޭ އެވެ.
ދެ ލަނޑު އެއް ލަނޑުން، ޗެލްސީގެ މައްޗަށް ރެޑިންއިން ކުރިހޯދާ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެ ވަނަހާފުގައި ޗެލްސީ އިން ވަނީ އެޓީމްގެ ކުޅުން އިތުރަށް ރަނގަޅު ކޮށް މެޗުގެ ނަތީޖާ އަލުން ހަމަހަމަކޮށްފަ އެވެ. އެގޮތުން ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު، ދެ ވަނަ ހާފުގެ 69 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ގެރީ ކޭހިލް އެވެ.
ރޭގެ މެޗުގައި ރެޑިންގެ މައްޗަށް ޗެލްސީއިން ދެ ވަނަ ފަހަރަށް ލީޑް ނެގި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފޯވަޑް ފެނާންޑޯ ޓޮރޭސް އެވެ. އަދި ޗެލްސީގެ ފަހު ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗެވެ.
ރޭގެ މޮލާއެކު ލީގުގެ އެންމެ ކުރީގައި ޗެލްސީ މިވަގުތު އޮތްއިރު، ލީގުގައި އެޓީމް ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައި ވަނީ އެތްލެޓިކްއާ ބައްދަލުކޮށް 2-0 ލަނޑުންނެވެ.
ރޭގެ މެޗަށް ފަހު ޗެލްސީގެ ކޯޗް ރޮބާޓޯ ޑިމެޓިއޯ ބުނީ، ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ޓީމް ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށާއި އެގޮތުން ލީގުގައި ޗެލްސީ ކުޅުނު ފުރަތަމަ މެޗާ އަޅާބަލާއިރު ރޭގެ މެޗުގައި ކުޅުންތެރިންގެ ފަރާތުން ރަނގަޅު މަސައްކަތްތަކެއް ކުރިކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި ދުވަހެއް ދުވަހަކަށް ޓީމުގެ ކުޅުން ރަނގަޅު ވަމުން އަންނަ ކަމަށް ވެސް މިހާރު ގަބޫލް ކުރެވޭ ކަމަށް ރޮބާޓޯ ބުންޏެވެ.
"އަހަރެން ބޭނުންވީ މޮޅުވާން. ތިން ޕޮއިންޓު. ހުރިހާ ކުޅުންތެރިން ވެސް ދެ ވަނަހާފުގައި ދެއްކި ކުޅުމަކީ މޮޅު ކުޅުމެއް. އަދި އިދިކޮޅު ޓީމަކީ މޮޅު ޓީމެއް. އަހަރުމެންނަށް އެޓީމް އަތުން ސަލާމަތް ވެވުނީ ވަރަށް މަސައްކަތުން" ރޮބާޓޯ ޑިމެޓިއޯ ބުންޏެވެ.
ރެޑިންގެ ކޯޗު ބްރައިއަން ބުނީ، ޗެލްސީ ކަހަލަ ވަރުގަދަ ޓީމަކާ އަޅާ ބަލާ އިރު ޓީމުން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށެވެ. އަދި އަދި މެޗުގެ ފުރަތަމަ ހާފެކޭ އެއްގޮތަށް ދެ ވަނަ ހާފުގައި ވެސް ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމަށް ބަރުހަބާ ކިޔާކަމަށް ވެސް އޭނަ ބުންޏެވެ.
ރޭ ޗެލްސީ އަތުން ރެޑިން ބަލިވިއިރު، ލީގުގެ އެޓީމް ކުޅުނު ފުރަތަމަ މެޗް ނިމިފައި ވަނީ ސްޓޯކް ސިޓީއާ ބައްދަލުކޮށް 1-1 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.