22 Nov 2025, 09:46
ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު ޑިޒްނީގެ ކާޓޫން "މޮއާނާ"އަށް ބިނާކޮށް ގެނެސްދޭ ލައިވް އެކްޝަން ފިލްމުގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މި ފިލްމުގައި މޮއާނާގެ ކެރެކްޓާ ކުޅެފައިވާ އޮސްޓްރޭލިއާގެ ބަތަލާ ކެތުރިން ލަގާ'އައިއާގެ މަންޒަރުތައް ހިމެނޭއިރު އެނިމޭޓެޑް ފިލްމާ މި ފިލްމާ މާބޮޑު ތަފާތެއް ނެތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ވަނީ ފެށިފައެވެ.
ބައެއް ބެލުންތެރިން ދެކޭގޮތުގައި "މޮއާނާ"ގެ ލައިވް އެކްޝަން ފިލްމެއް ގެނެސްދިނުމުގެ ހަގީގީ މަގްސަދެއް އެމީހުންނަށް ނުވިސްނޭއިރު ލައިވް އެކްޝަންގައި ވެސް އެނިމޭޓެޑް ފިލްމުން ފެންނަ ކަހަލަ މަންޒަރުތައް ހިމަނާފައިވާތީ ބޮޑު ޚަރަދެއްކޮށް ފިލްމު އުފެއްދުމުގެ ބޭނުމެއް ނެތް ކަމަށް އެއްބަޔަކު ވަނީ ބުނެފައެވެ.

ޑްވޭން ޖޯންސަން ފިލްމު "މޮއާނާ"ގައި ފެންނަ ކެރެކްޓާ--ފޮޓޯ/ފޭސްބުކް
ޑިޒްނީގެ ފިލްމު ރިލީޒްކުރިތާ އަހަރެއްވެފައިވާއިރު ލައިވް އެކްޝަން ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚެއް ގޮތުގައި އިއުލާނުކޮށްފައި ވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 10 އެކެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޕްރީމިއާކުރި "މޮއާނާ 2"އަށް ލިބުނު އާމްދަނީގެ އަދަދު ބިލިއަނަކަށްވުރެ ބޮޑު ވެފައިވާއިރު ލައިވް އެކްޝަން ފިލްމުން ވެސް ބޮޑު އާމްދަނީއެއް ލިބޭނެ ކަމުގެ އުއްމީދު ބޮޑެވެ.
މަޝްހޫރު ހޮލީވުޑް އެކްޓަރު ޑުވޭން ޖޯންސަން ވެސް މުހިއްމު ރޯލަކުން ފެންނާނެ ލައިވް އެކްޝަން ފިލްމުގެ ޑައިރެކްޓަރަކީ ތޯމަސް ކައިލްއެވެ. މި ފިލްމަކީ އޮސްޓްރޭލިއާގެ ބަތަލާ ކެތުރިން ލަގާ'އައިއާ ހޮލީވުޑަށް ތައާރަފުވާ ފިލްމެވެ.