އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ސިދާތު ޗަތުރުވެދީ އާއި މުރްނާލް ތާކުރު އެކީގައި ފުރަތަމަ ފަހަރަށް މަސައްކަތްކުރާ ފިލްމު އަންނަ އަހަރުގެ ފެބްރުއަރީ މަހު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފިއެވެ.

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ޕްރޮޑިއުސްކޮށްފައިވާ މި ލޯބީގެ ފިލްމުގެ ނަމަކީ "ދޯ ދިވާނޭ ސެހެރް މޭ"އެވެ. މި ފިލްމު ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ރަވީ އުދްޔަވާރު ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ ސަންޖޭގެ އަމިއްލަ ފިލްމު ކުންފުނި ބަންސާލީ ޕްރޮޑަކްޝަންސް ބެނާގެ ދަށުން އުފައްދާ ފިލްމެކެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހު ފާހަގަކުރާ ލޯބިވެރިންގެ ދުވަހާ ދިމާކޮށް ރިލީޒްކުރާ މި ފިލްމަކީ ވަރަށް ރީތި ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

ފިލްމު "ދޯ ދިވާނޭ ސެހެރް މޭ"ގެ ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ އަދި ފިލްމުގެ ލީޑް ތަރިން--ފޮޓޯ/އިންޑިއާފޯރަމްސް

ސައުތު ސިނަމާގެ ފިލްމުތަކުން ގިނައިން ފެންނަ ބަތަލާ މްރޫނާލް އެންމެފަހުން ކުޅެފައިވާ ބޮލީވުޑް ފިލްމަކީ މި އަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރި ފިލްމު "ސަން އޮފް ސަރުދާރު 2"އެވެ. ބަންސާލީގެ ފިލްމުގެ އިތުރުން މްރޫނާލް ވަނީ ބޮލީވުޑްގެ އިތުރު ތިން ފިލްމަކަށް ސޮއިކޮށްފައެވެ.

ފިލްމު "ދަޅަކް 2"އިން އެންމެފަހުން ބެލުންތެރިންނަށް ފެނުނު ސިދާތު ޗަތުރުވެދީގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ "ދިލް ކާ ދަރުވާޒާ ކޯލް ނާ ޑާލިންގް"ގެ ނަމުގައި އުފައްދާ ފިލްމެއް ހިމެނެއެވެ.

މި ފިލްމު ރަސްމީކޮށް އިއުލާނު ނުކުރާއިރު ސިދާތުއަށް ބައޮޕިކް ފިލްމަކުން ފުރުސަތު ލިބިފައިވާ ކަމަށް ވެސް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާގޮތުން ސިދާތުއަށް ފުރުސަތު ލިބުނު ބައޮޕިކް ފިލްމަކީ ހިންދީ ފިލްމުތަކުގެ އިތުރުން މަރާޓީ ސިނަމާގެ ކުރީގެ ވަރުގަދަ ޝަހްސިއްޔަތެއް ކަމަށްވާ ވީ ޝަންތަރަމްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ބައޮގްރަފިކަލް ޑްރާމާއެކެވެ.