22 Nov 2025, 09:42
ބޮޑެތި ބަޖެޓްތަކުން އުފައްދާ ފިލްމުތަކުން ފުރުސަތު ހޯދުމުގެ ޝައުގުވެރިކަމެއް މިހާރު ނެތް ކަމަށް ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން ބުނެފިއެވެ.
ފިލްމީ ކެރިއަރުގައި މިހާރު އާދެވިފައި ހުރި މަގާމުގެ ގޮތުން ދެން ބޭނުންވަނީ އަލަށް އިންޑަސްޓްރީއަށް ޒުވާނުން ނެރުމަށް ކަމަށާއި އެ ޒުވާނުންނަށް ހިތްވަރު ދިނުމަށް ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.
ހާޕަސް ބަޒާރު އިންޑިއާ އެޑިޝަނަށް ދިން އިންޓަވިއުގައި ކާމިޔާބު ބަތަލާ ބުނީ، ކެރިއަރުގައި ލިބޭ މަޝްހޫރު ކަމާއި ކާމިޔާބީއާ އެކު އިތުރަށް ހޯދޭނީ ކިހާވަރެއްގެ އާމްދަނީއެއްތޯ ސުވާލު އުފެދޭ ކަމަށެވެ.
ބޮޑެތި ބަޖެޓްތަކުން ލިބޭ އާމްދަނީއަށްވުރެ ބޮޑަށް ބަތަލާގެ ޓީމުގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ އަލަށް ފިލްމީ ދާއިރާއަށް ނުކުންނަން ބޭނުންވާ ލިޔުންތެރިންނާއި، ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނަށް މަގުކޮށައިދިނުން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ބޮލީވުޑްގެ އެންމެ އަގުބޮޑު ބަތަލާއިންގެތެރޭ ހިމެނޭ ދީޕިކާ މި މޭރުމުން ވާހަކަ ދައްކާފައިވާއިރު ބަތަލާ ދާދިފަހުން ވަނީ ކެރިއަރުގައި ފުރުސަތު ލިބުނު ދެ ފިލްމެއް ދޫކޮށްލާފައެވެ. އެ ދެ ފިލްމަކީ ވެސް ވަރަށް ބޮޑު ބަޖެޓަކުން އުފައްދާ ދެ ފިލްމެވެ.

ބަތަލާ ދީޕިކާ އެކްޓަރު ޝާހްރުކް ޚާންއާ އެކު--ފޮޓޯ/ފިލްމުފެއަ
ސަންދީޕް ރެޑީގެ ފިލްމު "ސްޕްރިޓް"ގެ އިތުރުން ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު "ކަލްކީ"ގެ ދެވަނަ ބައި ބަތަލާ ދޫކޮށްލީ ދެ ފިލްމަށް ވެސް ބޮޑު ފީއެއް ޑިމާންޑް ކުރުމަށް ކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. ނަމަވެސް ބަތަލާ ދެ ފިލްމު ވެސް ދޫކޮށްލީ ފިލްމުގެ ޝޫޓިންގްގެ ވަގުތު އަށް ގަޑިއިރަށް ބަދަލު ކުރުމަށް ޕްރޮޑިއުސަރުން ދެކޮޅު ހެދުމުން ކަމަށް ފަހުން މީޑިއާތަކުން ވަނީ ބުނެފައެވެ.
ހާޕަސް ބަޒާރަށް ދިން އިންޓަވިއުގައި ބަތަލާ ބުނީ ކަނޑައެޅިފައިވާ ވަގުތަށްވުރެ އިތުރަށް މަސައްކަތް ކުރުމަކީ ފިލްމު އިންޑަސްޓްރީގައި މާބޮޑު ކަމަކަށް ނަހަދާ ކަމަށާއި އެއީ "ނޯމަލް" ކަމެއްގެ ގޮތުގައި ދެކެމުން އަންނަ ސަގާފަތް ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.
ކޮންމެ އިންސާނަކަށް ވެސް އަށް ގަޑިއިރު މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު މިންވަރު ކަމަށާއި ކުރާ މަސައްކަތުން ރަނގަޅު ނަތީޖާއެއް ނުކުންނާނީ އެ މީހަކީ ދުޅަހެޔޮކަންމަތީ ހުންނަ މީހަކަށް ވުމުން ކަމަށް ދީޕިކާ ވަނީ ބުނެފައެވެ.
ދީޕިކާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ކިންގް"އިންނެވެ. ޝާހްރުކް ޚާން ލީޑް ރޯލްއިން ފެންނާނެ މި ފިލްމުގެ ޑައިރެކްޓަރަކީ ސިދާތު އާނަންދުއެވެ.