22 Nov 2025, 09:40
ފިލްމުތަކުގެ ކާސްޓުންނަށް ފީ ކަނޑައަޅާއިރު އެކްޓަރުންނަށްވުރެ މަދުން އަގު ހުށަހެޅި ނަމަވެސް އެކަމާ މާބޮޑަށް ކަންބޮޑުނުވާ ކަމަށް ބަތަލާ ޕްރިޔާމަނީ ބުނެފިއެވެ.
އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީސް "ދަ ފެމިލީ މޭން"ގެ ބަތަލާ ޕްރިޔާމަނީ ނިއުސް18އަށް ދިން އިންޓަވިއުއެއްގައި ބުނީ ތަރިންނަށް އަގު ކަނޑައަޅާއިރު ބަތަލާއިންނާ މެދު ފަރަގުކުރުމަކީ ބޮލީވުޑްގައި އެކަނި އޮންނަ ސަގާފަތެއް ނޫން ކަމަށާއި ސައުތު ސިނަމާގައި ވެސް އެ ސަގާފަތް އޮންނަ ކަމަށެވެ.
ޕްރިޔާމަނީ ގަބޫލުކުރާގޮތުގައި ފިލްމީ ތަރިންނަށް ކަނޑައަޅާ އަގަކީ މާކެޓް ވެލިއުއަށް ބަލާފައި ކަނޑައަޅާ އަދަދެކެވެ. އެހެންކަމުން ގިނަ ފިލްމުތަކުންނާއި ސީރީސްތަކުން ލިބޭ ފީ އަކީ އެއީ ޕްރިޔާގެ ކިބައިގައި ހުރި ހުނަރަށް އެންމެ އެކަށީގެންވާ ފީ ކަމަށް ގަބޫލުކުރާ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އެހެންވެ ގިނަ ފަހަރަށް އިތުރަށް ފައިސާއަށް ޑިމާންޑް ވެސް ނުކުރާ ކަމަށާއި އެއީ ބަތަލާ ދެކޭގޮތުގައި ބޭކާރު ބަހުސެއް ކަމަށް ވަނީ ބުނެފައެވެ.

ބަތަލާ ޕްރިޔާމަނީ ވެބް ސީރީސް "ދަ ފެމިލީ މޭން"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ސައުތު ސިނަމާގެ އިތުރުން ބޮލީވުޑްގެ ފިލްމުތަކުން ވެސް ފުރުސަތު ލިބެމުން އަންނަ ބަތަލާ ބުނީ ދެ ސިނަމާގައި ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު ސައުތު ސިނަމާ އަކީ އެ ކަނޑައަޅާ ގަޑިއަކަށް މަސައްކަތް ފަށާ ވަގުތަށް ކަމޭހިތާ ސިނަމާއެއް ކަމަށެވެ.
އެއާ ޚިލާފަށް ބޮލީވުޑްގައި މަސައްކަތް ފެށޭނީ ކިޔާ ގަޑިއަށްވުރެ އެތައް އިރެއް ލަހުން ކަމަށާއި ދެ ސިނަމާގެ މަސައްކަތްކުރާ ސްޓައިލް ވަރަށް ބޮޑުތަނުން ތަފާތު ކަމަށް ފިލްމު "ޖަވާން"ގެ ރޯލަކުން ފެނުނު ބަތަލާ ވަނީ ބުނެފައެވެ.
ނެޝަނަލް އެވޯޑު ވެސް ހޯދާފައިވާ ބަތަލާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ޖިއޯ ހޮޓް ސްޓާއިން މި އަހަރުގެ ޖުލައި މަހު ޕްރީމިއާކުރި ވެބް ސީރީސް "ގުޑް ވައިފް"އިންނެވެ.