22 Nov 2025, 09:36
ފިލްމު "ސައްޔާރާ"އިން ބޮޑު މަގުބޫލުކަމެއް ހޯދި އެ ފިލްމުގެ ލީޑް ތަރިން ކަމަށްވާ އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ އަކީ ލޯބިވެރިން ނޫން ކަމަށް އަހާން ބުނެފިއެވެ.
އަނީތު އާއި އަހާންގެ އޮން ސްކްރީން ކެމިސްޓްރީ ބެލުންތެރިންނަށް ވަރަށް ބޮޑަށް ކަމުގޮސްފައިވާއިރު ދެ ތަރިންގެ މެދުގައި ގާތް ގުޅުމެއް އޮންނާތީ އެއީ ލޯބިވެރިން ކަމަށް އިންޑިއާގެ ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް އަހާން ދާދިފަހުން ޖީކިއު މެގަޒިންއަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ، ބެލުންތެރިންގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އަހާން އާއި އަނީތު އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
ފިލްމުތަކުން ފެންނަ 'ރޮމޭންޓިކް ކެމިސްޓްރީ' އަކީ ހަގީގަތެއް ކަމަށް ބައެއް މީހުން ގަބޫލުކުރި ނަމަވެސް އޭގެ ފަހަތުގައި ވަރަށް ގިނަ ކަންކަން ފޮރުވިފައިވާ ކަމަށް އަހާން ވަނީ ބުނެފައެވެ. އެގޮތުން އަނީތުއާ އެކު "ސައްޔާރާ"ގައި ކުޅުނު ލޯބީގެ ސީންތައް ކުޅެން ފަސޭހަވީ ދެ މީހުންގެ މެދުގައި އޮތް ރަހްމަތްތެރިކަމުގެ ގުޅުން ބަދަހިވުމުން ކަމަށް އަހާން ވަނީ ބުނެފައެވެ.

އަހާން ފިލްމު "ސައްޔާރާ"ގެ ބަތަލާ އަނީތުއާ އެކު--ފޮޓޯ/ފިލްމުފެއަ
އަނީތު އަކީ އަހާންގެ ހަޔާތުގެ ބައިވެރިޔާއަށް ނުވި ނަމަވެސް އަނީތުއާ އެކު ބާއްވާ އެކުވެރިކަމުގެ ބަދަހި ގުޅުން އެއްވެސް އެހެން މީހަކާ އެކު ބޭއްވުމަކީ އުނދަގޫ ކަމެއް ކަމަށާއި އެއީ ނުވާނެ ކަމެއް ކަމަށް ޒުވާން އެކްޓަރު ވަނީ ބުނެފައެވެ.
އުމުރުގެ ގޮތުން ވެސް ވަރަށް ޒުވާން ދެ ތަރިން ކަމަށްވާ އަހާން އާއި އަނީތުގެ އެކުވެރިކަމުގެ ގުޅުން ފެށުނީ "ސައްޔާރާ" ހިޓަކަށް ވުމުގެ މާކުރިން ކަމަށާއި ފިލްމަށް ލިބުނު ކާމިޔާބީއާ އެކު ދެ މީހުންގެ އެކުވެރިކަން އިތުރަށް ބަދަހިވި ކަމަށް އަހާން ބުނެފައިވެއެވެ.
ފިލްމު "ސައްޔާރާ" އަކީ ދެ ތަރިން އެކީގައި ދުށް ހުވަފެނެއް ކަމަށާއި ފިލްމު ބޮޑު ހިޓަކަށްވެ ބެލުންތެރިންގެ މެދުގައި މަގުބޫލުވުމުގެ ސަބަބުން ދެ މީހުންގެ ރަހްމަތްތެރިކަން އިތުރަށް ޚާއްސަވި ކަމަށް އަހާން ވަނީ ބުނެފައެވެ.
އަހާން ކެރިއަރުގެ ދެވަނަ ފިލްމުގެ މަސައްކަތް ފަށާފައިވާއިރު އަނީތު ވަނީ މެޑޮކް ފިލްމްސްގެ ޕްރޮޖެކްޓަކަށް ސޮއިކޮށްފައެވެ.