21 Nov 2025, 23:59
އެގާރަ އަހަރަށްފަހު ހދ. ވައިކަރަދޫއިން ގޯތި ދީ، ގޯތި ލިބުނު ރައްޔިތުންނަށް އެކަމުގެ ލިޔުން މިރޭ ހަވާލުކޮށްފިއެވެ.
"ސަން"އާ ވާހަކަދައްކަވަމުން ހދ. ވައިކަރަދޫ ކައުންސިލުގެ ރައީސް އަބްދުﷲ ޒާމިރު ވިދާޅުވީ 800 އެއްހައި މީހުން ދިރިއުޅޭ މި ރަށުން އެންމެ ފަހުން ގޯތި ދޫކުރަން ނިންމީ 2012ވަނަ އަހަރު ކަމަށެވެ.
އޭގެފަހުން މިދިޔަ އަހަރު ގޯތި ދިނުމަށް މިހާރުގެ ކައުންސިލުން ނިންމައި، މި ކަމަށް ޓަަކައި މަސައްކަތް ފަށައި ނިންމާލެވުނީ އަހަރެއްހައި ދުވަހުން ކަމަށް ވިދާޅުވިއެވެ. ރަށުގެ ލޭންޑް ޔޫސް ޕްލޭން ވެސް ކައުންސިލުން އިސްނަގައިގެން ހަދައި އިތުރު ޚަރަދު ނުކޮށް ނިންމާލެވުނުކަމަށް ޒާމިރު ވިދާޅުވިއެވެ. އަދި މި ފަހަރު ކައުންސިލުން ގޯތި ލިބުނުކަމުގެ ލިޔުން ހަވާލުކުރީ، ގޯތިތައް ކަނޑައެޅި ސަރަހައްދުތަކުގެ ބިން ސާފުކޮށް, މަގު ހަދައި، ރުއްގަހަށް ބަދަލު ދޭން ޖެހޭ ފަރާތެއްވާނަމަ އެ ފަރާތަކަށް ބަދަލު ވެސް ދީ ނިންމުމަށްފަހު ކަމަށެވެ. ގޯތި ހަވާލުވާ ފަރާތްތަކަށް ވީހާވެސް ތަކުލީފު ކުޑަވާނެގޮތަށް ކައުންސިލުން ވިސްނިކަމަށް ޒާމިރު ވިދާޅުވިއެވެ.
2000 އަކަފޫޓަށްވުރެ ބޮޑު, ޖުމްލަ 107 ގޯތި ދޫކޮށްފައިވާއިރު, ރޭ ލިޔުން ހަވާލުކުރީ 105 ފަރާތަކަށެވެ.

ވައިކަރަދޫއިން ގޯތި ލިބުނު މީހުންނަށް އެެކަމުގެ ލިޔުން ކައުންސިލުން ހަވާލުކުރަނީ --
"އެހެންވީމާ ގޯތި ދިނުމާމެދު ހަތަރުވަަނަ ދައުރުގެ ކައުންސިލަރުންގެ ވައުދު ފުދިގެން ދިޔައީ މި،" ޒާމިރު ވިދާޅުވިއެވެ.
ޒާމިރު ވިދާޅުވީ ވައިކަރަދޫއަކީ ބިން ބޮޑު ދަނޑުވެރިކަމުގެ ރަށެއް ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލަ ވެސް އެ ރަށަށް މާ ބޮޑަށް ކުރިމަތިވެފައި ނެތް ނަމަވެސް، އެއް މައްސަލައަކީ ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ ދަށްވަމުން ދިއުން ކަމަށެެވެ.
ނަމަވެސް ވަސީލަތްތައް ތަރައްގީވެ، ހަނިމާދޫ އެއާޕޯޓު ވެސް އިތުރަށް ތަރައްގީވެ ހުޅުވިފައި އޮތުމާއެކު ރަށަށް އަންނަ މީހުން އިތުރުވާނެ ކަމަށް އުންމީދުކުރެވޭ ކަމަށް ވިދާޅުވިއެވެ.
އަދި ރަށުން ގޯތި ގަންނަން އެދި ވެސް ބައެއް ފަރާތްތަކުން މިހާރު ވެސް ހުށަަހަޅާ ކަމަށާއި، ރަށުގައި ގޯތިގެދޮރު ކުއްޔަށް ނަގައިގެން މީހުން ދިރިއުޅޭކަމަށް ވެސް ފާހަގަކުރެއްވިއެވެ. އަދި ޗުއްޓީއަށް ވެސް ރަށަށް ޒިޔާރާތްކުރާ މީހުން ގިނަ ކަމަށް ވިދާޅުވިއެވެ.