23 Aug 2012, 12:59
ވެރިކަން ބަދަލުވި ގޮތް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދެވި ނޭޝަނަލް އިންކުރީ ކޮމިޝަނުން ނެރޭ ރިޕޯޓާ ގުޅިގެން އެއްވެސް ފަރާތަކުން ހަމަނުޖެހުން ހިންގަން ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ލަންކާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން މިއަދު ހެނދު އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. ވަހީދު ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ނެރޭ ކޯނީގެ ރިޕޯޓަށް ފަހު އެއްވެސް ހަމަނުޖެހުމެއް ނުހިންގުމަށް އެދިވަޑައިގަންވާ ކަމަށާއި އަދި އެފަދަ ކަމެއް ކުރަން އުޅޭ ފަރާތަކަށް ވެސް އެ ފުރުސަތު ނުދެއްއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ކޯނީގެ ރިޕޯޓާ ގުޅިގެން "ފާޑު ފާޑުގެ" އަޑުތައް އިވިވަޑައިގަންވާ ކަމަށާއި ރާއްޖެ ހަލަބޮލިކޮށް ރާއްޖޭގައި ހަމަނުޖެހުން ހިންގުމުގެ ޖާގައެއް އެއްވެސް ގޮތަކަށް ނުދެއްވާނެ ކަމަށެވެ.
"ބައެއް ފަރާތްތަކުގެ ފާޑު ފާޑުގެ އަޑުތައް ވެސް އިވެމުން އެބަދޭ. އެހެން ނަމަވެސް އަޅުގަނޑު ރާއްޖޭގެ ރައްޔިތުނަށް ޔަގީންކޮށް އަރުވަން ބޭނުން ﷲ އިރާދަކުރެއްވިއްޔާ ރާއްޖޭގެ ކަންކަން ސުލްހަވެރިކަމާ އެކު ކުރިއަށްދާނީ. މިހާތަނަށް ވެސް އަޅުގަނޑުމެނަށް ވަރަށް ރަނގަޅަށް ކުރިއަށް މިދަނީ. ހަމަ ނުޖެހުން ހިންގަން އުޅޭ އެއްވެސް ފަރާތަކަށް ޖާގައެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
އަދި ވިދާޅުވީ މަގުމަތީ ހަމަނުޖެހުންތައް ހިންގާ ފަރާތްތަކާ މެދު "ހަރުކަށި ފިޔަވަޅުތައް" އަޅަމުންދާނެ ކަމުގެ މައުލޫމާތު ލިބިވަޑައިގަންފައިވާ ކަމުގަ އެވެ.
"ހަމަނުޖެހުން އުފައްދަން އުޅޭ އެއްވެސް ބަޔަކަށް ޖާގައެއް ނޯންނާނެ. ލޯ އިންފޯސްމަންޓް އެޖެންސީތަކުން [ގާނޫނު ތަންފީޒް ކުރާ ބާރުތައް] ހަމަ ވަރަށް ހަރުކަށި ކަމާ އެކު އަޅަމުން ދާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައި،" ރައީސް ވިދާޅުވި އެވެ.
ކޯނީގެ ރިޕޯޓަށް ފަހު ވެސް އަޅާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާތަކުގެ ތެރެއިން ގޮތެއް ނިންމުމަށް އެދިވައިގަންވާ ކަމަށާއި ކޯނީގެ ރިޕޯޓު ނެރުމުގެ ކުރީން އެ ރިޕޯޓާ ގުޅިގެން އަމަލު ކުރާނެ ގޮތެއް ސަރުކާރުން ކަނޑައަޅާފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހަމަ އެހެންމެ ކުރީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވީ މަޖުބޫރު ހާލަތެއްގައި ކަމަށް ކޯނީގެ ރިޕޯޓުން ނިންމާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ރައީސް މިއަދު ވިދާޅުވި އެވެ.
މީގެ އިތުރުން އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިދިޔަ ހޯމަ ދުވަހު އާންމުކުރި ތިން ރިޕޯޓާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ އެ ރިޕޯޓްތަކާ ގުޅިގެން ސަރުކާރުން ކުރަންޖެހޭ ކަންތައްތައް ކުރުމުގައި ފަސް ނުޖެހޭނެ ކަމަށެވެ.
"އެ ރިޕޯޓުގައިވާ ކަންތަކުގެ ތެރޭގައި ސަރުކާރުން ކުރަން ޖެހޭ ކަމެއް އިރާދަކުރެއްވިއްޔާ ފަސް ނުޖެހި ކުރަމުން ގެންދާނެ. އޭގެ ތެރޭގައި އެއާ ބެހޭ ގޮތުން ދެން އަޅަން ޖެހޭ ފިޔަވަޅެއް އޮތް ކަމަށްވާ ނަމަ ދައުލަތުގެ ފަރާތުން އަޅާނެ،" ރައީސް ވިދާޅުވި އެވެ.
އަދި އެފަދަ ރިޕޯޓުތަކާ ގުޅިގެން އިތުރަށް ތަހްގީގު ކުރަން ޖެހޭ ނަމަ އެކަމާ ގުޅޭ ފަރާތްތަކުން އެ ރިޕޯޓުގައިވާ ކަންކަން އިތުރަށް ތަހްގީގު ކުރަމުންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
މިދިޔަ އަންގާރަ ދުވަހު އެޗްއާރުސީއެމް އިން އާންމު ކޮށްފައިވާ ތިން ރިޕޯޓަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އެމްއެންޑީއެފް އިން ހައްޔަރުކޮށްގެން އުޅުނު މައްސަލަގައި އާއި ފެބްރުއަރީ ހައެއް، ހަތެއް އަދި އަށެއްގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި ހިންގާފައިވާ އިންސާނިޔަތާ ހިލާފް އަމަލުތަކާއި ގުޅޭގޮތުގެ ރިޕޯޓެވެ.
އެކޮމިޝަނުން ކަމާ ގުޅޭ ފަރާތްތަކަށް ފޮނުވާފައިވާ އެ ރިޕޯޓުގައި ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް އަމަލުކޮށްފައިވާ ފުލުހުންނާއި ސިފައިންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވީސް އަށާއި މޯލްޑިވްސް ޑިފެންސް ފޯސް އަށާއި އަދި ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވެ އެވެ.
ވެރިކަން ބަދަލުވި ގޮތް ތަހްގީގު ކުރުމަށް އުފެއްދި އިންކުއަރީ ކޮމިޝަނުގެ ރިޕޯޓް ނެރުމަށް ހަމަ ޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހު އެވެ.