ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ މަސައްކަތަށް އެ މަނިކުފާނު ދެއްވާނީ 100 އަކުން 20 މާކްސް ކަމަށް މިރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ޒުވާނުންނަށް ޚާއްސަކޮށްގެން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވަނީ މި ދެ އަހަރު ދުވަހު މި ސަރުކާރުން ކުރި މަސައްކަތްތަކާއި، ނިކުތް ނަތީޖާއާ މެދު ވާހަކަފުޅުދައްކަވައިފައެވެ.

އަދި މި ސަރުކާރުގެ މަސައްކަތުގެ ފެންވަރު ވަޒަންކުރާނެ މިންގަނޑެއް ވެސް ރައްޔިތުންނަށް ހުށަހަޅުއްވައިދެއްވައިފައެވެ.

21 ނޮވެމްބަރު 2025: ރައިޒް އަޕް ޔޫތުގެ ނަމުގައި ޕީއެންއެފުން ހުޅުމާލެ ފޭސް ދޭއްގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން -- ސަން ފޮޓޯ: މޫސާ ނަދީމް

އެގޮތުން، އެ މަނިކުފާނު ހުށަހެޅުއްވި މިންގަނޑަކީ، އިންޓެގްރިޓީ ނުވަތަ ތެދުވެރިކަމާއި ނަޒާހަތްތެރިކަން، ރެސްޕޮންސިވްނަސް ނުވަތަ އިޖާބަދިނުން، އެކައުންޓެބިލިޓީ ނުވަތަ ޖަވާބުދާރީވުން، އަދި ޓްރާންސްޕޭރެންސީ ނުވަތަ ދެފުށް ފެންނަ ނިޒާމުން ކަންކަން ކުރުމާއި، އެފިޝެންސީ ނުވަތަ މަސައްކަތަށް ހޭދަކުރާ ހަކަތައާއި ނަތީޖާއެވެ.

ޔާމީން ވިދާޅުވި ގޮތުގައި މި މިންގަނޑުން ޖުމްލަ 100 މާކްސް ދޭއިރު، ތެދުވެރިކަމާއި ނަޒާހަތްތެރިކަމަށް 60 މާކްސް ކަނޑައެޅުއްވުމަށްފަހު ބާކީ ހަތަރު ކަމަށް ކަނޑައަޅުއްވަނީ 10 މާކުހެވެ.

އެއަށްފަހު އެ މަނިކުފާނު މާކްސް ދެެއްވާއިރު، މި ދެ އަހަރު ސަރުކާރުގެ މަސައްކަތްތައް ވަޒަންކުރެއްވުމަށްފަހު އެ މަނިކުފާނު ދެއްވީ:

  • ތެދުވެރިކަމާއި ނަޒާހަތްތެރިކަމަށް: 10 މާކްސް

  • އިޖާބަދިނުން: 5 މާކްސް
  • ޖަވާބުދާރީވުން: 0 މާކްސް
  • ދެފުށް ފެންނަ ސިޔާސަތު: 2 މާކްސް
  • މަސައްކަތަށް ހޭދަކުރި މިންވަރާ އަޅައިބަލާއިރު ނަތީޖާ ނެރުނުވަރު: 3 މާކްސް

އެއީ ޖުމްލަ 20 މާކުހެވެ.

"އެހެންވީމާ ޕީއެންސީގެ ބޮޓުންނަށް ދަންނަވާލަން ޖެހެނީ އޭ ސްޓާ ދެއްވީ ކިހިނެއްތޯ؟ އޭ ސްޓާ ދެއްވި ގޮތް އެ ބޭފުޅުން ވިދާޅުވާންވީ ނޫންތޯ،" ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ނެރެވުނު ނަތީޖާއެއް އޮތް ނަމަ އެ ކަމެއް އެ މަނިކުފާނަށް ދެއްކެވުމަށް ވެސް ޔާމީން ވަނީ މި ސަރުކާރަށް ތާއީދުކުރާ މީހުންނަށް ގޮވައިލައްވައިފައެވެ.

21 ނޮވެމްބަރު 2025: ރައިޒް އަޕް ޔޫތުގެ ނަމުގައި ޕީއެންއެފުން ހުޅުމާލެ ފޭސް ދޭއްގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީން -- ސަން ފޮޓޯ: މޫސާ ނަދީމް

"އަޅުގަނޑުގެ މެތޮޑޮލޮޖީ ގޯސްކަމަށް ވަންޏާ އަޅުގަނޑަށް ޗެލެންޖުކުރައްވާ،" މާކްސް ދެއްވީ އެ މަނިކުފާނަށް ސަރުކާރު ހިންގުމުގައި ލިބިވަަޑައިގެން ހުންނެވި ތަޖުރިބާގައިކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވިއެވެ.

މި މަހުގެ 14ވަނަ ދުވަހު ސަރުކާރަށް ދެ އަހަރު ފާހަގަކުރަން ޕީއެންސީން ބޭއްވި ބޮޑު އެއްވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވަމުން ވެސް ޔާމީން ވިދާޅުވީ މުޅި ވާހަކަފުޅުގައި ވެސް މި ދެ އަހަރު ކޮށްދެއްވި އެއްވެސް ކަމެއްގެ ވާހަކަ ވިދާޅުނުވާ ކަމަށެވެ.

ހައްތަހާ ވެސް ވިދާޅުވަމުން ގެންދެވީ ކުރިއަށް ކުރައްވާނެ ކަންކަމުގެ ވާހަކަފުޅުތައް ކަމަށް ވިދާޅުވިއެވެ. އެގޮތުން ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވީ އެކި ތަންތަނުން ބިން ހިއްކައި ގޯތި ދެއްވާނެ ވާހަކަފުޅުކަމަށް ވިދާޅުވިއެވެ.