ފެބުރުއަރީ 6ން ފެށިގެން 8 ވަނަ ދުވަހާ ހަމައަށް ފުލުހުން ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވޭތޯ ބެލުމަށް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގުގެ ރިޕޯޓް މި މަހުގެ ތެރޭގައި ނެރޭނެ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

އެކޮމިޝަނުގެ ނައިބު ރައީސް ޑރ. އަބުދުﷲ ވަހީދު މިއަދު ވިދާޅުވީ އެ ދުވަހު ފުލުހުން އެއްވެސް ވަރަކަށް ގާނޫނާ ހިލާފަށް ކަންކަން ކޮށްފައިވޭތޯ ބެލުމަށް ކުރި ތަހުގީގުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ރިޕޯޓް އެކުލަވާލުމުގެ ކުރިން ހޯދާފައިވާ މައުލުމާތުތައް އެނަލައިސް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެން ވެސް މިޓާގެޓް ކުރަނީ މި މަހުގެ ނިޔަލަށް ރިޕޯޓް ނެރެވޭތޯ. ތަހުގީގު ކަންކަން މައިގަނޑު ގޮތެއްގައި ނިމިފައި ހުރީ. ރިޕޯޓް އެކުލަވާލުމުގެ ކުރިން އެނަލައިސް ކުރުމުގެ ބައި ކުރިއަށް ދަނީ،" އަބުދުﷲ ވަހީދު ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ އަށެއް ފެބުރުއަރީގެ ހާދިސާ އާ ގުޅިގެން މިހާތަނަށް އެއް ފުލުހަކާ މެދު ފިޔަވަޅު އެޅުމަށް ޕީޖީއަށް ފޮނުވަފައިވާ ކަމަށާއި އޭގެ ފަހުން އަދި އެއްވެސް ފުލުހަކާ މެދު ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ހިއުމަންރައިޓްސް ކޮމިޝަނުން ނެރެފައިވާ ތިން ރިޕޯޓް ވެސް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ލިބިފައިވާ ކަމަށާއި އެ ރިޕޯޓުގައި ބުނެފައިވާ ކަންކަމާ މެދު އަޅާނެ ވަކި ފިޔަވަޅެއް ނިންމާނީ ސަރުކާރު ހުޅުވުމުން އެ ކޮމިޝަނުގެ ބައްދަލުވުމަކަށް ފަހު މަޝްވަރާކުރުމަށް ފަހު ގައި ކަމަށެވެ.

ވެރިކަން ބަދަލުވުމާ ގުޅިގެން މި ދިޔަ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި އާއި މާލެގައި ހިނގައި ދިޔަ ހަމަ ނުޖެހުންތަކުގައި ފުލުހުން އަމަލުކޮށްފައި ވަނީ ގާނޫނާއި ގާނޫނު އަސާސީއާ ހިލާފަށް ކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލާގައި ޕޮލިސް އިންޓަ ގްރިޓީކޮމިޝަނުން އަޅުއްވަން ޖެހޭ ފިޔަވަޅު އެޅުއްވުމަށް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.