މިދިޔަ އޮކްޓޫބަރު 27 ވަނަ ދުވަހު ފަތިހު, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޭރުނު ޑޮލަރުތަކަށް ވީ ގޮތް އަދިވެސް ނޭނގޭކަން އެނގިއްޖެއެވެ.

'ސަން'އިން ވާނީ އެ މައްސަލައިގެ އިތުރު ތަފުސީލު ހޯދުމަށް އިއްޔެއާއި މިއަދު ވެސް ފުލުހުންގެ މީޑިއާގައި އެދިފައެވެ. ޖަވާބުގައި، ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އިތުރު ތަފުސީލެއް މި ވަގުތު ނެތް ކަމަށާއި ލިބުނުހާ އަވަހަކަށް ހިއްސާކުރާނެ ކަމަށެވެ.

އެ މައްސަލައިގައި މި މަހު ދިހަވަނަ ދުވަހު ފުލުހުން ބުނީ، އެހާތަނަށް ޖުމުލަ ހަތް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ:

  • ގއ.ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (27އ)

  • ތ.ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދު (44އ)
  • ސ.ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލް (21އ)
  • ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25އ)
  • މާލެ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ)
  • ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ)
  • ކ.ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު (30އ)

އެ ހަތް މީހުން ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި، ހަތަރު މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެ މީހުންގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.

ޓެކްސީއެއްގައި ބަޔަކު އެއާޕޯޓަށް ގޮސް ޑޮލަރު ހުރި ސޫޓުކޭސްތައް ފޭރިގަނެގެން ފިލާފައިވަނީ ލޯންޗެއްގައެވެ. އެ ލޯންޗު އަތުލައިގަތްކަން ހޯމްލޭންޑް މިނިސްޓަރު ޢަލީ އިހުސާން ނަމަވެސް ގެއްލުނު ފައިސާއަށްވީ ގޮތް އަދިވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ.

ގެއްލުނީ ސީދާ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ފުލުހުން ނުބުނެއެވެ.

އެކަމަކު، އިތުބާރު ހުރި މަސްދަރަކުން 'ސަން'އަށް ބުނި ގޮތުގައި އެ މީހުން ވަގަށް ނެގި ކަމަށް ބުނާ ސޫޓް ކޭހުގައި ލައްކައެއްހާ ޑޮލަރު ހުންނާނެއެވެ. އެއީ، ފުރާ މީހުންނަށް ފައިސާ މާރުކުރާ ކައުންޓަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގެންދިޔަ ފައިސާކަން ވަނީ އެނގިފައެވެ. އަދި، ޑޮލަރުގެ އިތުރުން ވެސް ޔޫރޯއާއި އެ ނޫން ވެސް ފައިސާ ހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.