ބަންގްލަދޭޝްއަށް މިއަދު އައި, 5.7 މެގްނިޓިއުޑްގެ ބިންހެލުމުގައި ތިން މީހުން މަރުވެއްޖެއެވެ.

ބަންގްލަދޭޝްގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމެންޓުން ބުނީ މިއަދު ހެނދުނު އެ ގައުމުގެ ގަޑިން 10:38 ކަންހާއިރު, އައި ބިންހެލުމުގެ އަސަރު ކޮށްފައިވަނީ ވެރިރަށް ޑާކާގެ އުތުރުން 50 ކިލޯމީޓަރު ދުރުގައި އޮންނަ ނަރްސިންގްޑީ ޑިސްޓްރިކްޓްގެ ސަރަހައްދަކަށް ކަމަށެވެ.

މި ބިންހެލުމުގެ އަސަރު ކޮށްފައި ވަނީ ކުޑަ ސިކުންތު ކޮޅަކަށް ކަމަށް ވެސް ކަމާ ބެހޭ އިދާރާތަކުން ބުނެއެވެ.

މި ބިންހެމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އިތުރުވުން އެކަށީގެންވެއެވެ. މިހާތަނަށް މަރުވިކަން ޔަގީން ވެފައިވާ ތިން މީހުން މަރުވެފައިވަނީ އިމާރާތްތަކުގެ ދަށު ވެގެންނެވެ.

މި ބިންހެލުމުގެ ސަބަބުން އެ ސަރަހައްދުގެ ހަތް އިމާރާތަކަށް ގެއްލުން ލިބިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވިއެވެ.