ފަސް ރަށުގައި ހަލާލު ޓުއަރިޒަމް ތަރައްގީކުރުން ހިމެނޭހެން ޖުމުލަ 18 ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން ރޭ އިއުލާނުކޮށްފިއެވެ.

އެގޮތުން، ހަލާލު ޓުއަރިޒަމަށް ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން، ހުޅުވާލީ ހއ. ބިނާފުއްޓާއި އެ އަތޮޅު ކަނޑާލިފިނޮޅާއި ހދ. މަކުނުދޫ ފަރު އެކަކާއި ށ. ފުށިފަރާއި ލ. ފޮނަގާދޫގައެވެ.

މީގެ އިތުރުން ވެސް ރިސޯޓު ތަރައްގީކުރަން އިތުރު 13 ރަށެއް ވެސް ބީލަމަށް ވަނީ ހުޅުވާލާފައެވެ. އެއީ،

  • ހއ. މާދުނި ފަރު 1: 200 ހެކްޓަރު

  • މާދުނި ފަރު 2: 200 ހެކްޓަރު
  • މާދުނި ފަރު 3: 200 ހެކްޓަރު
  • ހއ. ކެލާ ފަޅު 1: 156.2 ހެކްޓަރު
  • ހއ. ކެލާ ފަޅު 2: 169.3 ހެކްޓަރު
  • ހދ. މަކުނުދޫ ފަރު 1: 200 ހެކްޓަރު
  • ހދ. މަކުނުދޫ ފަރު 2: 200 ހެކްޓަރު
  • ހދ. މާފަރު ފަރު 1: 200 ހެކްޓަރު
  • ހދ. މާފަރު ފަރު 2: 200 ހެކްޓަރު
  • ހދ. މާފަރު ފަރު 3: 200 ހެކްޓަރު
  • ށ. ގޮނާ ފަރު 1: 200 ހެކްޓަރު
  • ށ. ގޮނާ ފަރު 2: 200 ހެކްޓަރު
  • ށ. ގޮނާ ފަރު 3: 200 ހެކްޓަރު

މިނިސްޓްރީން ބުނީ، އެ ރަށްތަކުގައި ރިސޯޓު ތަރައްގީކުރަން ބޭނުންވާ މީހުންނަށް އަންނަ މަހު ނުވައަކާއި އަންނަ ޖަނަވަރީ ހައެއްގައި އޮންލައިންކޮށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވެގެން ބީލަމަށް ހުށަހެޅޭނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވުމަށް އަންނަ މަހު އަށަކާއި އަންނަ ޖަނަވަރީ ފަހެއްގެ 12:00ގެ ކުރިން ނަމާއި އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރުމިނިސްޓްރީއަށް މެއިލްކުރަން ޖެހެއެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ފެބްރުއަރީ ތިންވަނަ ދުވަހުގެ 09:00ގެ ކުރިންނެވެ.

ދިވެހިރާއްޖޭގައި ހަލާލް ޓޫރިޒަމް ފުޅާކޮށް އެކަން އެހެން ހަރުފަތަކަށް ގެންދަން އިންވެސްޓަރުންނަށް ގިނަ ލުއިތަކަކާ އެކު އެ ކަމަށް ޚާއްސަ ރަށްތަކެއް ދޫކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޖޫން 27 ގައެވެ.

ރައީސް މުއިއްޒު އެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ދާއިރާ ފުޅާކޮށް އާ ހަރުފަތަކަށް ގެންދަން އަޒުމުކަނޑައަޅައިގެން ކުރާ މަސައްކަތުގެ ތެރެއިން ހަލާލް ޓޫރިޒަމަށް ޚާއްސަ ރަށްތަކެއް ދޫކުރަން ނިންމަވާފައިވާ ކަމަށެވެ.

އެހެންވެ، ހަލާލް ޓޫރިޒަމަށް ޚާއްސަކޮށްގެން ރަށްތަކެއް ދޫކުރާނެކަން އެ މަނިކުފާނު ވަނީ އިއުލާނުކުރައްވާފައެވެ.

އެކަން ކުރައްވާނީ އިންވެސްޓަރުންނަށް ގިނަ ލުއިތަކެއް ލިބޭ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ސިންދަފާތުކުރެވޭނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.