21 Nov 2025, 11:19
ޕާކިސްތާނުގެ ބަލުޗިސްތާނު ސަރަހައްދުގެ ވެރިރަށް ކޮއިޓާގައި ކުރިއަށްދިޔަ "އިންޓަނޭޝަނަލް އިޤްބާލް ކޮންފަރެންސް 2025"ގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ބައިވެރިވެ ވަޑައިގެން ވާހަކަފުޅުދައްކަވައިފިއެވެ.
އިޤުބާލް ކޮންފަރެންސަކީ ޑރ. އައްލާމާ މުހައްމަދު އިޤްބާލްގެ ޅެންވެރިކަމާއި ފަލްސަފާ ޕްރޮމޯޓުކުރަން ކޮންމެ އަހަރަކު ވެސް އިޤްބާލް އެކެޑަމީގެ ފަރާތުން ބާއްވާ ކޮންފަރެންސެކެވެ.
މި އަހަރުގެ މި ކޮންފަރެންސް ބޭއްވީ މި މަހު 18 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ތައުމީރެ ނައު ޓްރަސްޓު ކޮލެޖުގައެވެ.
ކޮންފަރެންސްގައި ބުދަ ދުވަހު ދެއްކެވި ވާހަކަފުޅުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ވަނީ ދިވެހިރާއްޖޭގެ ޅެންވެރިކަމުން ވެސް ޑރ. އައްލާމާ އިޤްބާލްގެ ޅެންވެރިކަމާއި ފަލްސަފާތަކުގެ އަސަރު ފެންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން، އިބްރާހިމް ޝިހާބްގެ ޅެންތަކުން ވެސް އެ އަސަރު ފެންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

އިންޓަނޭޝަނަލް އިޤުބާލް ކޮންފަރެންސްގައި އަޝްރަފް: އޭނާ ވަނީ ކޮންފަރެންސްގައި ވާހަކަދައްކަވާފައި -- ފޮޓޯ/ ދިވެހިބަހުގެ އެކެޑަމީ
މީގެ އިތުރުން، އަޝްރަފް ތަރުޖަމާކުރައްވާފައިވާ އިޤްބާލްގެ ޅެންތަކާއި، ދިވެހި ޅެންވެރިކަމާއި އިޤްބާލާ ކިހާ ވަރެއްގެ ގުޅުމެއް އޮތްތޯ ބެލުމަށް އޭނާ ލިޔުއްވި ފޮތުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކޮންފަރެންސްގައި އަޝްރަފް ވާހަކަދެއްކެވީ އުރުދޫބަހުންނެވެ. އެހެންވެ، ރާއްޖެ ކަހަލަ ކުޑަކުޑަ ގައުމެއްގެ ބޭފުޅަކު، އުރުދޫ ބަހުން އިޤްބާލާ ގުޅޭ ގޮތުން ވާހަކަދެއްކެވުމުން އެ ކަމަށް ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި ބޮޑު ސަމާލުކަމެއް ލިބުނެވެ.
ޕާކިސްތާނުން ވެސް މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ އަޝްރަފަކީ އުރުދޫ ބަހަށް ވަރަށް ފަރިތަ ބޭފުޅެކެވެ.
ޕާކިސްތާންގައި ބޭއްވި މި ކޮންފަރެންސްގައި ރާއްޖޭގެ އިތުރުން އީރާނާއި މިސްރު އަދި ބަންގްލަދޭޝްއިން ވެސް ބައިވެރިވިއެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުގެ ރައްޔިތުކަން ލިބިފައިވާ ޕާކިސްތާނަށް ނިސްބަތްވާ މީހުންނާއި ޕާކިސްތާނުގެ އެކި ހިސާބުތަކުން ވަޑައިގެން ބޭފުޅުންނާ އެކު 20 އަށްވުރެ ގިނަ ބޭފުޅުން ވަނީ ކޮންފަރެންސްގައި ވާހަކަދައްކަވާފައެވެ. އަދި، ތައުމީރެ ނައު ޓްރަސްޓު ކޮލެޖުގެ ދަރިވަރުން ވެސް މި ކޮންފަރެންސްގައި ބައިވެރިވިއެވެ.
ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މޮރޮކޯއާއި އިރާގާއި މިސްރު އަދި ޕާކިސްތާނުގެ ނަން މަޝްހޫރު ޤާރީން ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވެފައެވެ.
އައްލާމާ އިޤްބާލުގެ މޮޅު ޅެންތަކުގެ ސަބަބުން ޝާޢިރުން ވަނީ އޭނާއަށް "ޝާޢިރެ މަޝްރިޤް" ނުވަތަ އިރުމަތި ބިތުގެ ޅެންވެރިޔާގެ ނަމުން ލަގަބު ދީފައެވެ. އަޝްރަފް ވަނީ އިޤުބާލްގެ ޝުޢާޢެ އުމީދުގެ ޅެން ދިވެހިބަހަށް ތަރުޖަމާކޮށް، ޝަރަހަކޮށް ފޮތެއްގެ ސިފައިގައި 2015 ވަނަ އަހަރު ނެރެފައެވެ. އަޝްރަފް ލިޔުއްވާފައިވާ ފޮތުން ރާއްޖެ ދުށް އެންމެ ކުޅަދާނަ ޅެންވެރިޔާ އިބްރާހިމް ޝިހާބު ހައްދަވާފައިވާ "އުއްމީދުގެ ސިއްރު" ޅެމުގެ އަސްލު މަންޒަރު ފެންނާނެއެވެ. އެއީ "ޝުޢާޢެ އުމީދާ"އި "އުއްމީދުގެ ސިއްރު"ގެ ޅެމުގައި ހުރި އެއްގޮތް ކަމާއި ތަފާތުތައް ފެންނާތީއެވެ.